ރައީސްގެ ވަފުދެއް ގާސިމް އަރިހުގައި: ތަފުސީލެއް ނުދިން
ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ފަރާތުން ވަޑައިގެންނެވި ދެ ބޭފުޅަކު ސަން އައިލެންޑް ރިސޯޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާ ބައްދަލުކުރައްވައިފިއެވެ. އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމާއި ހުޅުމާލޭ ދާއިރާގެ މެންބަރު އަދި ރައީސް ޞާލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒް، ގާސިމާ ބައްދަލުކުރައްވާ ފޮޓޯއެއް ވަނީ ސޯޝަލް މީޑީއާގައި އާންމުވެފައެވެ. ސަން އައިލެންޑުގައި ގާސިމާ ބައްދަލުކުރެއްވިކަން އަސްލަމް ވަނީ "ސަން"އަށް ކަށަވަރު ކޮށްދެއްވައިފައެވެ. އެކަމަކު، އެ ބޭފުޅުންނާ ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް އެ ބައްދަލުވުމާ ބެހޭ އެއްވެސް ތަފުސީލެއް ހިއްސާކޮށްފައެއް ނުވެއެވެ. ރައީސްގެ ފަރާތުން ދެ މެންބަރުން ގާސިމާ ބައްދަލުކުރައްވައިފައިވާއިރު، މި އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ރައީސް ޞާލިހަށް އެ ޕާޓީން ވަނީ ކޯލިޝަން ހެދުމުގެ ބާރު ވެސް ދީފައެވެ. އެ މަނިކުފާނުގެ ވިސްނުންފުޅަކީ ގިނަ ޕާޓީތަކެއް އެކުލެވޭ ކޯލިޝަނަކާއެކު ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރުމެވެ. ސެޕްޓެމްބަރު މަހު އޮންނަ އިންތިޚާބަށް ގާސިމްގެ ތާއީދު ހޯދުމަށް ރައީސް މަސައްކަތް ކުރައްވާއިރު، މިދިޔަ މަހު އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނާކާމިޔާބުވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ އެކިއެކި ގޮތްގޮތުން ގާސިމްގެ ތާއީދު އަނބުރާލުމަށް މަސައްކަތް ކުރައްވަމުންނެވެ. އެކަމަކު، ރިޔާސީ އިންތިޚާބާ ގުޅިގެން ގާސިމާއި ޖުމްހޫރީ ޕާޓީން ރަސްމީ ނިންމުމެއް ނިންމާނީ މި މަހު 24،25ގައި އޮންނަ އެ ޕާޓީގެ ކޮންގްރެސްގައެވެ. އާ ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ތިން އިންތިޚާބުގެ ތެރެއިން 2008 އަދި 2013ގެ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރެއްވިއެވެ. ނަމަވެސް، ދެވަނަ ބުރަށް ދިއުމަށް ބޭނުންވާ ވަރަށް ދެ އިންތިޚާބުގައި ވެސް ވޯޓު ލިބިފައެއް ނުވެއެވެ. ނަމަވެސް، އެ ހުރިހާ ރިޔާސީ އިންތިޚާބެއްގެ ދެވަނަ ބުރުގައި ވެސް ކޯލިޝަން ހެދުމަށް އެންމެ މުހިއްމު ޕާޓީއަކީ ޖުމްހޫރީ ޕާޓީއެވެ. އާ ގާނޫނޫ އަސާސީގެ ދަށުން އުފެދުނު ތިން ސަރުކާރު ވެސް އުފެދުނީ ޖޭޕީ ހިއްސާވާ ކޯލިޝަނަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ