އީރާނުގެ ދެކުނުއިރުމަތީ ސަރަޙައްދެއް ކަމަށްވާ އަހްވާޒްގައި ހުންނަ ކެންސަރު ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާދޭ ހަސްފަތާލެއް ކައިރިއަށް އެމެރިކާއިން ޙަމަލާއެއް ދީފިއެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ ތަރުޖަމާނު، އިސްމާޢިލް ބަޣީ ވިދާޅުވީ ކެންސަރު ޖެހިފައިވާ ކުޑަކުދިންނަށް ފަރުވާދޭ ޝާހިދު ބަޣީ ހަސްފަތާލަށް އެމެރިކާއިން ޙަމަލާ ދީފައިވާ ކަމަށެވެ. އެ ޙަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި އޭނާ ވިދާޅުވީ ޙަމަލާގެ ސަބަބުން ކެންސަރު ހަސްފަތާލުގައި ފަރުވާ ހޯދަމުން ދިޔަ 211 ކުޑަކުދިން ހަސްފަތާލުން ނެރެ، ރައްކާތެރި ސަރަޙައްދުތަކަށް ކުއްލި ޙާލަތުގައި ބަދަލުކުރަން މަޖުބޫރުވި ކަމަށެވެ.
ބަޣީ އިތުރަށް ވިދާޅުވީ ހަސްފަތާލުގައި އެނދުމަތިކޮށްފައި ތިބި ކުދިންނަށް އެމެރިކާގެ ޙަމަލާތަކުގެ ސަބަބުން ބިރުވެރިކަން ކުރިމަތިވެ، އެ ކުދިންނަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށެވެ. އެ ކުދިންނަކީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ކީމޯތެރަޕީ ނަގަމުންދާ ކުދިން ކަމަށް ވެސް އޭނާ ފާހަގަކުރައްވާފައިވެއެވެ.
އެ ޙަމަލާއަކީ ކުށެއް ނެތް ކުޑަކުދިންތަކަކާ ދެކޮޅަށް އެމެރިކާއިން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާއެއް ކަމަށާއި، އެއީ ވަރަށް ފިނޑި ޢަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ޙަމަލާއާ ޔަހޫދީން ޞިއްޙީ މަރުކަޒުތަކަށް ދޭ ޙަމަލާތަކާ އެއްގޮތް ކުރައްވަވައި އޭނާ ވާހަކަ ދައްކަވާފައިވެއެވެ. އިންސާނީ ހައްޤުތަކަށް ވަކާލާތުކޮށް އަޑުހަރުކޮށް ވާހަކަ ދައްކާ މީހުން ވެސް ހަސްފަތާލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ދޭ ޙަމަލާތަކަށް ފުރަގަސްދީ، އެ މަންޒަރުތައް ނުފެންނަ ކަމަށް ހެދިގެން ތިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަދަ މީހުންެގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އީރާނުން މި ފަދަ މޭރުކަމުން ވާހަކަ ދައްކާފައި މި ވަނީ ހުރްމުޒް ކަނޑުއޮޅިއާ ގުޅިގެން އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ނުތަނަސްކަން އަނެއްކާ ވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ އެންމެ ފަހުގެ ޢުދުވާންތައް ފަށާފައި ވަނީ ހުރްމުޒް ކަނޑުއޮޅިން ދަތުރު ކުރާ އުޅަނދުފަހަރަށް އީރާނުން ޙަމަލާދެމުންދާ ކަމަށް ތުހުމަތުކޮށް، އެ ޤާބިލުކަން ނައްތައިލުމުގެ ނަމުގައެވެ.
އީރާނުގެ ކުޑަކުދިންގެ ހަސްފަތާލެއް ކައިރިއަށް އެމެރިކާއިން ޙަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ