އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަސްކޮށްފި

އަންނަ މަހު އެއްވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ، އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް، ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް ހޭންޑްބޯލް މޯލްޑިވްސް އިން ނިންމައިފިއެވެ. މިވަގުތު ކުރިއަށްދާ، ހޭންޑްބޯލް މޯލްޑިވްސްގެ އެކްސްކޯއިން ނިންމާފައި ވަނީ، ރާއްޖޭގައި މިހާރު ފެތުރެމުންދާ އެޗްވަންއެންވަން، ނުރައްކާތެރި ދަރަޖައަކަށް ގޮސްފައި ވާތީ، ވަކި މުއްދަތެއް ނެތްގޮތަށް ސްކޫލްތަކުގެ ހޭންޑްބޯލް މުބާރާތް ފަސްކުރުމަށެވެ. އެ ބައްދަލުވުމުގައި ނިންމާފައި ވަނީ، އިންޓަރ ސްކޫލް މުބާރާތުގެ އިތުރުން، ހޭންޑްބޯލްގެ ހުރިހާ ހަރަކާތްތަކެއް ވެސް، މިވަގުތަށް މެދުކަނޑާލުމަށެވެ. "ރާއްޖޭގައި ހަލުއިކަމާއެކު ސްވައިން ފްލޫ ފެތުރޭތީ އަޅުގަނޑުމެން މި ނިންމީ، އޭޕްރީލް 1ގައި ފަށަން ހަމަޖެހިފައިވާ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ފަސްކުރާން. ދެން މުބާރާތް ފަށާނޭ ތާރީޚެއް، މުބާރާތް ރިޝެޑިއުލް ކުރުމަށް ފަހު އަޅުގަނޑުމެނ އަންގާނަން،" ހޭންޑްބޯލް މޯޑިވްސް ރައީސް އަހްމަދު އިސްމާއިލް މިއަދު ސަން ސްޕޯޓްސްއަށް ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އެކްސްކޯއިން ނިންމާފައި ވަނީ، މިއަދުން ފެށިގެން ހޭންޑްބޯލްގެ ހުރިހާ ހަރަކާތެއް މަޑުޖައްސާލުމަށް ވެސް. އެއީ ވެސް ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް. އިތުރު ހަރަކާތްތައްވެސް ފަށާނޭ ތާރީޚެއް ހާލަތަށް ބަލާފައި އަޅުގަނޑުމެން ފަހުން އަންގާނަން." ރާއްޖޭގައި މިދުވަސްވަރު ހަލުއިކަމާއެކު ސްވައިން ފްލޫ ފެތުރެމުންދާތީ، އެޑިއުކޭޝަން މިނިސްޓްރީން ވަނީ، މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ރާއްޖޭގެ ހުރިހާ ސްކޫލްތައް ބަންދުކުރާން ނިންމައިފައެވެ. ކުރިއަށް އޮތް ހަފްތާއަކީ ސްކޫލްތަކުގެ މިޑްޓާމް ބްރޭކެވެ. މިއަހަރުގެ އިންޓަރ ސްކޫލް ހޭންޑްބޯލް މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، އޭޕްރީލް 1-17އަށެވެ. މި މުބާރާތުގައި 14 ސްކޫލަކުން 68 ޓީމު ވާދަކުރާނެއެވެ. "މުބާރާތް ފަސްކުރާން ޖެހުނަސް، އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް، ހުރިހާ ސްކޫލްތަކުންވެސް މުބާރާތާ ގުޅޭގޮތުން އެސޯސިއޭޝަނަަށް ހުށަހަޅަން ޖެހޭ އެންމެހާ ޑޮކިއުމަންޓްތައް މިހާރުވެސް ހަމަޖެހިފައިވާ ތާރީޚަށް ފޮނުވައި ދެއްވުން. އެއީ މާޗް 23ގެ ނިޔަލަށް،" ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް ވިދާޅުވިއެވެ. ސްކޫލްތަކުގެ ހޭންޑްބޯލް މުބާރާތުގައި މި އަހަރު އަތޮޅު ތެރޭގެ ސްކޫލުތަކުން ވެސް ބައިވެރިވާގޮތަށް ހަމަޖެހިފައިވާއިރު މުބާރާތުގައި ޓީމުތައް ވާދަކުރަނެ އުމުރު ފުރާތަކަކީ 12 އަހަރު 14 އަހަރު އަދި 16 އަހަރުން ދަށުގެ އުމުރުފުރާތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ