ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވާތީ އައިޖީއެމްއެޗުގެ އެނދުގެ އަދަދު އިތުރުކުރަން ޖެހިދާނެ: ޓާސްކު ފޯސް

ރާއްޖޭގެ ރަށްތަކުގައި ފެތުރެމުންދާ ޑެންގީގެ އިތުރުން އެހެނިހެން ބަލިތަކުގައި އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެފައިވާތީ، އެ ހޮސްޕިޓަލުގައި މިހާރަށް ވުރެ އެނދުތައް އިތުރުކުރަން ޖެހިދާނެ ކަމަށް ޑެންގީ ކޮންޓްރޯލްކުރުމަށް އެކުލަވާލާފައިވާ ޓާސްކު ފޯހުން މިރޭ ބުނެފި އެވެ.
އެ ޓާސްކު ފޯހުން ބުނިގޮތުގައި އައިޖީއެމްއެޗުން ދޭ މައުލޫމާތަކުގެ މައްޗަށް ބަލާއިރު ހޮސްޕިޓަލުގެ ލޮބީ އޭރިއާގައި މިހާރު ހުރި އެނދުތަކަށް ވުރެ އިތުރަށް ވެސް އެނދުތައް އަތުރަން ޖެހިދާނެ އެވެ.
"ޑެންގީ އާއި އެހެނިހެން ބަލިތަކުގައި ވެސް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް މައުލޫމާތު ލިބޭތީ ހޮސްޕިޓަލުގެ އެނދުތައް އިތުރުކުރަން ޖެހިދާނެ ހާލަތެއް އަތުވެދާނެ ކަމަށް ޓާސްކުފޯހުގެ ވިސްނުން ހުރީ،" ޔޫތު ސެންޓަރުގައި ހަރަކާތްތެރިވަމުން އަންނަ ޓާސްކުފޯހުގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް އިތުރުވަމުންދާ ނަމަ ކުރިން ސިއްހީ ދާއިރާގައި މަސައްކަތްކޮށްފައިވާ ހެލްތު ވޯކަރުންނާއި ނަރުހުންގެ އެހީ އެ ޓާސްކު ފޯހަށް ބޭނުންވާނެ އެވެ. އެހެންކަމުން ކުރިން ނަރުހުން އަދި ހެލްތު ވޯކަރުންގެ ގޮތުގައި މަސައްކަތް ކުރި މީހުންގެ ތެރެއިން ވޮލަންޓިއާކޮށް ހިދުމަތްދޭން ބޭނުންވާ މީހުން އެ ޓާސްކު ފޯހުގައި ނަން ނޯޓުކުރުމަށް ވެސް އޮފިޝަލް އެދިވަޑައިގެންނެވި އެވެ.
ވޮލަންޓިއާކޮށް މަސައްކަތްކުރަން ބޭނުންވާ މީހުން 3016600 ގުޅައި ނަން ނޯޓުކުރުމަށް ވެސް ޓާސްކު ފޯހުން އެދެ އެވެ.
"ކުރިން ސިއްހީ ދާއިރާގައި ހިދުމަތްކޮށްފައި ތިބި މީހުން މިހާރު ވެސް އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުވައިދެމުން އަންނަނީ. އެއީ އަޅުގަނޑުމެން ފާހަގަކޮށް ޝުކުރުވެރިވަން. ހަމައެގޮތަށް ވޮލަންޓިއާކޮށް ހިދުމަތް ދޭން ބޭނުންވާ ނަރުހުންނާއި ހެލްތު ވޯކަރުންނަށް މިހާރު ވެސް ފުރުސަތު އެބައޮތް،" ޓާސްކުފޯހުގެ އޮފިޝަލް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ