ރައްޔިތުން އިބޫ އަށް އެހީތެރިވެ އެއްބައިވަންތަ ވުމަށް ޝަހީމް އެދިވަޑައިގެންފި

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހިމް މުހައްމަދު ޞާލިހް (އިބޫ) އަށް ރައްޔިތުން އެހީތެރިވެ، އެއްބައިވަންތަ ވުމަށް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.
ޝަހީމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާ ކަމަށެވެ.
"އިބޫގެ ލީޑާޝިޕްގައި ރާއްޖެއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ޔަގީން ކުރަން. ގަައުމު ހިންގުމުގައި އިބޫއަށް އެހީތެރިވެ އެއްބައިވަންތަ ވުމަށް ލޮބުވެތި ދިވެހި ރައްޔިތުންގެ އަރިހުން އެދެން. ކުރިއަށް ދިވެހި ޤައުމު." ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމު ކުރެއްވި ނަތީޖާ ދައްކާ ގޮތުން އިބޫ އަށް ވަނީ 134616  ވޯޓް ލިބިވަޑައިގެންފައެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ތެރެއިން 89.22 އިންސައްތަ މީހުން ވަނީ އިންތިޚާބުގައި ވޯޓް ލާފައެވެ. ނަމަވެސް މިއީ މިދިޔަ ރިޔާސީ އިންތިޚާބަށް ވުރެ ދަށް އަދަދެކެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިިބިފައިވާ މީހުންގެ ތެރެއިން 93 އިންސައްތަ މީހުން ވޯޓް ލިއެވެ.
ރިޔާސީ އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ 263135 މީހުން ތިބިއިރު، ވޯޓްލާފައި ވަނީ 233877 މީހުންނެވެ. ބާތިލް ވޯޓްގެ އަދަދަކި 3129 އެވެ.
ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރަން ޖެހޭނީ އިންތިޚާބު ބާއްވާތާ ހަތް ދުވަހުގެ ތެރޭގައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް މިއަދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އަށް އަސަރު ކުރުވާނެ ފަދަ އެއްވެސް ޝަކުވާއެއް ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ