ބޮޑުފޮޅުދޫ ރައްޔިތުންނަށް ރަމަޟާން މަހު ކަރަންޓު ހިލޭ!

އއ. ބޮޑުފޮޅުދޫ ރައްޔިތުންގެ ރަމަޟާން މަހުގެ ކަރަންޓް ބިލް އެރަށުގެ ކައުންސިލުން ދައްކައިދޭން ނިންމައިފި އެވެ.
ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ސުޖާއު އާދަމް މިއަދު ވިދާޅުވީ، އެރަށު ގެތަކުގެ ކަރަންޓް ބިލު ދައްކައިދޭން ނިންމީ ރަމަޟާން މަހަކީ ހަރަދު ބޮޑު މަހަކަށްވާތީ އާއި ކައުންސިލް ހިންގަމުންދަނީ ރައްޔިތުންގެ ބޮޑު ހިއްސާއަކާއެކު ކަމަށް ވާތީ ކަމަށެވެ.
"ރައްޔިތުންގެ ލާރި އަޅުގަނޑުމެން ބޭނުން ކުރަމުން މިދަނީ. އެހެންވީމާ މިފަދަ ހަރަދު ބޮޑު މަހެއްގައި ކަރަންޓް ބިލު ކައުންސިލުން ދެއްކުމަކީ އެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއް،" ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ، އެރަށުގެ 72 ގޭގެ ކަރަންޓް ބިލު ދެއްކުމަށް 75،000ރ. ގެ ބަޖެޓެއް އެކުލަވާލާފައިވާ ކަމަށެވެ. ކަރަންޓް ބިލު ދެއްކުމަށް ކަނޑައަޅާފައިވާ ފައިސާ އަކީ ކައުންސިލުން ބިންތައް ކުއްޔަށް ދޫކޮށްގެންނާއި ލޯކަލް ބިޒްނަސްތައް ހިންގައިގެން ހޯދާފައި ހުރި ފައިސާ ކަމަށް ވެސް ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ގާތްގަނޑަކަށް 726 ގެ އާބާދީއެއް އޮންނަ ބޮޑުފޮޅުދޫ ރައްޔިތުންގެ ރަމަޟާން މަހުގެ ކަރަންޓް ބިލުތަކާ ކައުންސިލުން ހަވާލުވެ ބަޖެޓް ހަދާފައި ވަނީ ރައްޔިތުން އާންމުކޮށް ކަރަންޓް ބޭނުންކުރާވަރު ދިރާސާކޮށް ބެލުމަށްފަހު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ