ރައްޔިތުން ބަލައިގަންނަ ކަހަލަ ތަރައްޤީއެއް ހިމެނޭ ދެލި ކޮޕީއެއް އިދިކޮޅުގައި ނެތް - ރައީސް

ތަރައްޤީ އާއި އެކުގައި ހިނގާލަން ފަސޭހަ ތަރައްޤީއެއް އެކުލަވާލެވިފައިވާ ދެލި ކޮޕީއެއް އިދިކޮޅުގައި ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.ފުވައްމުލަކު ސިޓީގައި މި ސަރުކާރުން ކުރިއަށް ގެންދިޔަ 5 މަޝްރޫޢުއެއްގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް ވިދާޅުވީ ރަނގަޅަށް ދިރާސާ ކޮށްފައިވާ، ދިވެހިންގެ ސިކުނޑިތަކަށް ޤަބޫލު ކުރެވޭ މެނިފެސްޓޯއެއް އިދިކޮޅުގައި ނެތް ކަމަށެވެ. އަދި އެބޭފުޅުންގެ އަތުގައި ރަނގަޅު މެނިފެސްޓޯއެއް އޮތްނަމަ އާ ކަންތައްތަކެއްގެ ވާހަކަ ދައްކަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެެވެ. ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއަށް ބެލި ކަމުގައި ވިޔަސް އެބޭފުޅުންގެ ވިސްނުން ހުރީ ގަދީމީ ޒަމާނުގައި ކަމަށާ، ރާއްޖޭގެ ކޮންމެ ރަށަކަށް ބޭނުންވާ ފެންވަރުގެ ތައުލީމް ދިނުމުގެ ޤާބިލްކަން ނެތްކަމަށް އިއުތިރާފް ވާން އެބޭފުޅުންނަށް ދަތިފުޅު ވާކަމަށެވެ.އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މެނިފެސްޓޯގައި ހިމަނަން އެންމެ މުހިއްމު ވަނީ ތަރައްޤީ ގެންނާނެ ގޮތުގެ ވާހަކަ އާއި ޖީބަށް ވަންނަ ޤައުމީ ފުދުންތެރިކަން އިތުރު ކުރުމުގެ ވާހަކަ ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުގެ މެނިފެސްޓޯގައި އައްޑޫ ސިޓީ އާއި މާލެއާ ދޭތެރޭގެ އެއަރ ފެއަރ ކުޑަ ކުރާނެ ކަމަށް ބުނި ނަމަވެސް އެމަނިކުފާނު ހައިރާން ނުވާނެ ކަމަށެވެ. ސަބަބަކީ މަތިންދާބޯޓް ދުއްވާ ކުންފުނި އުފައްދަވަން އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ މަސައްކަތެއް ނޯންނާނެތީ ކަމަށް ރައީސް ވިދާޅުވިއެވެ.ރައީސް ޔާމީން ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހު އޮންނަ ޖަލްސާއަށް އެމަނިކުފާނުގެ މެނިފެސްޓޯ ނިންމެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެ މެނިފެސްޓޯއަކީ ވަރަށް ގިނަ ތަހުލީލް ތަކަކާ، މަސައްކަތް ތަކެއް ކޮށްފައިވާ މެނިފެސްޓޯއެއް ކަމަށާ، އޭގައި ހުންނާނީ ބުއްދި ޤަބޫލުކުރެވޭ ފެންވަރުގެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ