ކުޑަކުދިންގެ ހެކިބަސް ނަގަންވާނީ ހާއްސަ އުސޫލުތަކަށް އަމަލު ކުރުމާ ބެހޭ ގާނޫނުގައިވާ ގޮތަށް: ސުޕްރީމް ކޯޓް

ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލަތަކުގަ އާއި އެ ބާވަތުގެ މައްސަލަތަކުގައި ކުޑަކުދިންގެ ހެކިބަސް ނަގަންވާނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތަށް ކަމަށް ސުޕްރީމް ކޯޓުން ހުރިހާ ކޯޓުތަކަށް އަންގައިފި އެވެ.
ސުޕްރީމް ކޯޓުން އާންމު ކޮށްފައިވާ ސިޓީއެއްގައި ބުނެފައި ވަނީ ކުޑަކުދިންގެ ހެކިބަސް ނެގުމުގައި ހާދިސާ ހިނގާފައިވާ ތާރީހަށް ބެލުމެއް ނެތި، ހެކިބަސް ނަގަންވާނީ ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ. އަދި އެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއުތަކަށް ކޯޓުތަކުން އަމަލު ކުރަމުން ގެންދަންވާނެ ކަމަށް ވެސް އެ ސިޓީގައި އަންގާފައިވެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކުން އަމަލު ކުރުމާ ބެހޭ ގާނޫނުގެ 48 ވަނަ މާއްދާގައި ބުނެފައި ވަނީ އެ ގާނޫނުގެ ބޭނުމަށްޓަކައި ކުޑަކުއްޖެއްގެ ހެކިބަސް ހޯދާ ނަމަ ހެކިބަސް ނަގަންވާނީ ކޯޓާއި ޝަރީއަތުން ބޭރުގައި ކަމަށެވެ. އަދި ފުލުސް އޮފީހުގައި ވެސް ކުޑަކުދިންގެ ހެކިބަސް ނަގައިގެން ނުވާނެ ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ. އެ މާއްދާގައި ބުނެފައި ވަނީ ކުޑަކުދިންގެ ހެކިބަސް ނަގަންވާނީ އެ ކުދިންނާ ފަރިތަ މާހައުލެއްގައި، އިތުބާރު ކުރެވޭ ބައެއްގެ ކުރިމަތީގައި ކަމަށެވެ. ކުޑަކުދިންގެ ހެކިބަސް ނަގާނީ އެ ކުއްޖަކާ ވީޑިއޯ އިންޓަވިއު ކޮށްގެން ކަމަށް ވެސް އެ މާއްދާގައި ބަޔާންކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ