ރިޔާސީ އިންތިހާބު 2008: ސުވާލާއި ޖަވާބުގެ ސެޝަންގެ އެހެން ކެންޑިޑޭޓުންނަށް ރައީސް މައުމޫން ރައްދު ދެއްވައިފި

މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ސުވާލާއި ޖަވާބުގެ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވި އެހެން ކެންޑިޑޭޓުން ދެއްކެވި ބައެއް ވާހަކަތަކަށް ރައީސުލްޖުމްހޫރިއްޔާ އަދި ޑީއާރުޕީގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރައްދު ދެއްވައިފި އެވެ.
ރޭ ޣިޔާސުއްދީން ސްކޫލުގައި ބޭއްވި ޑީއާރުޕީގެ އާންމު ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވީ ރިޔާސީ ސުވާލާއި ޖަވާބުގެ ސެޝަންގައި އެއްވެސް ކެންޑިޑޭޓަކު އެހެން ކެންޑިޑޭޓުންނާ ޒާތީ ގޮތުން ދިމާނުކުރުމަށް އެއްބަސްވެ ވަޑައިގެންނެވި ނަމަވެސް އެހެން ކެންޑިޑޭޓުން އެކަން ހަނދާން ނައްތާލައްވާފައިވާ ކަމަށެވެ. އަދި ރައީސް މައުމޫން ވިދާޅުވީ ސުވާލާއި ޖަވާބުގެ ސެޝަން ފެށުމާއެކު ހުރިހާ ކެންޑިޑޭޓުން އެމަނިކުފާނާ ޒާތީ ގޮތުން ދިމާކުރައްވަން ފެއްޓެވީ ކަމަށެވެ.
"އަޅުގަނޑުގެ އާއިލާގެ ދެ ފަރާތުގެ 44 މީހުން ސަރުކާރުގެ މަތީ މަގާމުގައި އެބަތިއްބޭ. މި ވެރިކަމަކީ ނުތާހިރު ވެރިކަމެކޭ. މި ވެރިކަމުގައި ގާނޫނުގެ ބާރެއް ނުހިނގައޭ. މި ވެރިކަމަކީ ހުދުމުހުތާރު ވެރިކަމެކޭ. މިހެން ގޮސް ހަމަ ސީދާ އަޅުގަނޑާ ދިމާކުރީ. އެހެންވީމަ އަޅުގަނޑު އެތާނގައި ހަނގުރާމަކުރަން ޖެހުނީ އަޅުގަނޑު އެއްކޮޅަށް، އަނެއް ފަސް މީހުން އަނެއް ކޮޅަށް ތިބެގެން. އެހެން ނަމަވެސް ދަންނަވާލަން ޖެހެނީ ފަހުރުވެރިކަމާއެކު އަޅުގަނޑަށް އެ ބަހުސް ވަރަށް ބޮޑަށް ކާމިޔާބު ކުރެވުނޭ. އަޅުގަނޑު ދެއްކީ ތެދު ވާހަކަ. ކުރިއަށް އޮތް ތަނުގައި އަޅުގަނޑު ކުރަން ގަސްދުކުރާ ކަމަށް ދެންނެވީ ކުރެވެން ހުރި ކަންތައްތަކުގެ ވާހަކަ. އެއްވެސް ކަހަލަ ދޮގު ހުވަފެންތަކެއް ވިއްކާކަށް އަޅުގަނޑު މަސައްކަތެއް ނުކުރަން،" ރިޔާސީ ސުވާލާއި ޖަވާބުގެ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވި އެހެން ކެންޑިޑޭޓުންނަށް އަމާޒު ކުރައްވައި ރައީސް މައުމޫން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެހެން ކެންޑިޑޭޓުން ދެއްކެވި ވާހަކަތަކުގައި ވަރަށް ހަމަނުޖެހޭ ވާހަކަތައް ހުރި ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މިސާލުތައް ވެސް ޑީއާރުޕީގެ އާންމު ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
"މިސާލަކަށް މަރުގެ އަދަބު ދޭ ވާހަކަ. އެއީ މި ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާނެ ކަމެއް ނޫން. އަދި ބައިނަލްއަގްވާމީ ޖަމާއަތްތައް ވެސް މިހާރު ގަބޫލުކުރާ ކަމެއް ނޫން. އދ. ގެ މަޖިލީހުގައި ވެސް މީހުން މެރުމުގެ އަދަބާ ދެކޮޅަށް ވަނީ ގަރާރުތަކެއް ފާސްކޮށްފައި. މިއީކީ ކުރެވޭނެ ކަމެއް ނޫން. މަރުގެ އަދަބު ދޭ ވާހަކަ ދައްކާއިރު ރައްޔިތުން ބޭނުންވާނެ ތޯ މަރުގެ އަދަބު ދޭ މީހަކު ވެރިކަމަށް ގެންނަން. ކާކަށްތޯ ސަލާމަތްކަން އޮތީ. ރައްޔިތުން ބޭނުންވާނީ ރައްޔިތުންނަށް އަޅާލާ އޯގާތެރި ވެރިއެއް ގެންނަން. އަނެއް ކަމަކީ ގަދަކަމުން މީހުން އެއް ރަށުން އަނެއް ރަށަށް ބަދަލުކުރާ ވާހަކަ. މުޅި ރާއްޖޭގައި އޮންނާނީ ތަރައްގީގެ ހަތަރު ތަން ކަމަށް ވިދާޅުވެ ނިންމަވާލެއްވީ. މުޅި ރާއްޖޭގައި ހުންނާނީ ހަތަރު މިސްކިތް. އަދި މި ހުރިހާ ކަމެއްގައި މާލެއަށް ވުރެ މަތީ ފެންވަރުގެ ހިދުމަތްތަކެއް ލިބެން ހުންނާނެ ވާހަކަ. ކީއްވެތޯ މާލެއަށް ވުރެ މަތީ ފެންވަރޭ ވިދާޅުވާން ޖެހިވަޑައިގަންނަވަނީ. އަޅުގަނޑުމެން މި ދައްކަނީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ހިދުމަތްތަކެއް ލިބިދޭން ޖެހޭނެ ވާހަކަ. މާލޭގައި ހުރި ފެންވަރަށް އަތޮޅުތަކުގައި ވެސް ހުންނަން ޖެހޭނެ. އަޅުގަނޑު ވެސް ގަބޫލުކުރަން. އެކަމަކު މާލެއަށް ވުރެ މަތީ ފެންވަރު ވީމަ އަނެއްކާ ތަފާތެއް ކުރެވުނީ،" ރައީސް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންފޮމޭޝަން މިނިސްޓްރީން އިންތިޒާމް ކޮށްގެން ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ސުވާލާއި ޖަވާބު ސެޝަންގައި އެހެން ކެންޑިޑޭޓުން މުޅިން ވެސް ދައްކަވާފައި ވަނީ ގައުމީ ތަރައްގީގެ ހަތްވަނަ މަޝްރޫއުގަ ނުވަތަ 2020ގެ ތަސައްވުރުގައި ހިމެނޭ ވާހަކަތައް ކަމަށެވެ. އޭގެ އިތުރުން ވަޒީރުންގެ މަޖިލީހުގައި ނުވަތަ ވަޒީރުންގެ އެކި ކޮމެޓީތަކުގައި ދައްކަވާފައިވާ ވާހަކަތައް ވެސް އެހެން ކެންޑިޑޭޓުން ދައްކަވާފައިވާ ކަމަށެވެ.
"އެ ތާނގައި ތިއްބަވައިގެން (ވަޒީރުންގެ މަޖިލީހާއި ވަޒީރުންގެ ކޮމެޓީގައި) އެ އަޑު އައްސަވައިގެން ވަޑައިގެން އެ ވާހަތަައް އެ ބޭފުޅުން ރައްޔިތުންނަށް މިހާރު ބޮޑު އަގުގައި ވިއްކަވަނީ. މިސާލަކަށް ކޯޕަރޭޓް ޓެކްސްގެ ވާހަކަ. އެއީ ވަޒީރުންގެ މަޖިލީހުގައި ދައްކާފައި ނިންމާފައި އޮތް ކަމެއް. އެކަމާ ބެހޭ ގާނޫނެއް ވެސް މިހާރު ވަނީ އެކުލަވާލައި ނިމިފައި. އެކުއަ ކަލްޗާގެ ވާހަކަ. ސްކޮލަޝިޕްތަކުގެ ވާހަކަ. މިހެން ގޮސް ހުރިހާ ވާހަކަތަކެއް މިހިރީ ވަޒީރުންގެ މަޖިލީހުގައި ދެއްކިފައި ނުވަތަ އަޅުގަނޑުމެންގެ ތަރައްގީގެ މަޝްރޫއުގައި ހުރި ވާހަކަތައް. އިތުރު އެއްވެސް އާ ކަމެއް ނެތް. މިއިން ވެސް އެބަ އެނގޭ އެ ބޭފުޅުން އޮޅުވާލައްވަން މަސައްކަތް ކުރައްވަނީ، އިތުރުފުޅު ހައްދަވަން ޖެހިވަޑައިގަންނަވަނީ ދައްކަވާނެ އާ ވާހަކަތަކެއް ނެތީމަކަން." ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި ޑީއާރުޕީގެ އާންމު ބައްދަލުވުމުގައި ރައީސް މައުމޫން ވިދާޅުވި އެވެ.
"އާއިލީ ވެރިކަމުގެ ވާހަކަ ދައްކަވާއިރު އަޅުގަނޑު ކޮންމެހެން ބޭނުމެއް ނޫން އެ ބޭފުޅުންގެ ކަންތައް ހުރި ވާހަކަ ދައްކާ ކަށެއް. ވެރިކަމުގެ ނުތާހިރު ވާހަކަ ދައްކަވާއިރު ވެސް އެ ބޭފުޅުން މިހާރު ޕާޓީތަކުގެ ތެރޭގައި ކަންތައް ކުރައްވާ ގޮތުގެ ވާހަކަ ދައްކާ ކަށެއް ބޭނުމެއް ނޫން. ޕާޓީތަކުން މީހުން ވަކިވެގެން ދަނީ ކިހިނެއް ކަންތައް ކުރައްވާތީ ކަމެއް އަޅުގަނޑު ބުނާކަށް ބޭނުމެއް ނޫން. ގާނޫނުގެ ބާރު ނުހިނގާ ވާހަކަ ދައްކާއިރު ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް މަގުމައްޗަށް ނުކުމެ ހަޅޭއްލަވައި، މީހުންނަށް އެއްޗެހި ކިޔައި އަލިފާން ބޯޅަ އުކައި މި ކަންތައް ކުރީ ކޮން ގާނޫނެއްގެ ވެރިކަން ހިންގަންތޯ އަޅުގަނޑު އެ ސުވާލުކުރާކަށް ބޭނުމެއް ނޫން."
ރައީސް މައުމޫން ރޭ ވިދާޅުވީ އެމަނިކުފާނު އަތޮޅުތަކަށް މި ދޭތެރެއިން ކުރެއްވި ކެމްޕެއިން ދަތުރުތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި ވަޑައިގެންނެވި ކޮންމެ ރަށެއްގެ 90 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުން ތިބީ ޑީއާރުޕީއާ އެކުގައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ