ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ 29 މެމްބަރުން އުނިކުރުމަށާއި ގާނޫނު އަސާސީ ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައިވާ ބާރު އުނިކުރުމަށް ގއ. މެމްބަރު އަދުނާނު ހަލީމު ހުށަހަޅުއްވާފައިވާ މައްސަލަ، މަޖިލީހަށް ހުށަހެޅުއްވުމުގެ ވަގުތު ޖެހުނުއިރު އޭނާ ޖަލްސާގައި ވަޑައިގެންނެތުމުން، އެ މައްސަލަ އެޖެންޑާއިން އުނިކުރައްވައި މިއަދުގެ ޖަލްސާ ނިންމާލައްވައިފި އެވެ.
ހާއްސަ މަޖިލީހުގެ ގަވާއިދުގެ އަށް ވަނަ މާއްދާ އަށް އިސްލާހު ގެނެސް، މަޖިލީހުގެ ޖަލްސާގެ ކޯރަމް 57 އިން 29 އަށް ދަށްކުރެއްވުމަށް ހުށަހަޅުއްވާފައިވާ މައްސަލަ ފާސްނުވުމުން، 15: 12 ހާއިރު އަދުނާނުގެ މައްސަލަ ހުށަހެޅުއްވުމަށް ރިޔާސަތުން ގާސިމް އިބްރާހިމް ފުރުސަތު ދެއްވުމަށް ބެއްލެވިއިރު، އަދުނާނު ޖަލްސާގައި ވަޑައިގެން ނެތުމުން ގާސިމް ވިދާޅުވީ "އެ މައްސަލަ )އަދުނާނު ހުށަހެޅުއްވި މައްސަލަ( އެޖެންޑާއިން ނަގައި، މައްސަލަ ނިމުނީ" ކަމަށެވެ. އެހެން ވިދާޅުވުމާއެކު، މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަނިކޮށް ގާސިމް ޖަލްސާ ހުއްޓާލެއްވިކަން އިއުލާންކުރެއްވި އެވެ.
މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އަދުނާނު މަޖިލީހަށް ފޮނުއްވި އެ މައްސަލަ އެޖެންޑާއިން އުނިކުރެއްވުމުން ބައެއް މެމްބަރުން ގާސިމްގެ އެ ނިންމެވުމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއިރު، އެ ނިންމެވުމަށް ޑީއާރުޕީގެ މެމްބަރުން ތާއިދުކުރެއްވި އެވެ.
މިއަދުގެ ޖަލްސާ އަށް ފަހު، އަދުނާނު ވިދާޅުވީ، އޭނާ ޖަލްސާއިން ނުކުމެވަޑައިގެންނެވީ ފާހާނާއަކަށް ވަޑައިގަތުމަށް ކަމަށާއި އެ ވަގުތު ބަލާފައި މައްސަލަ ހުށަހެޅުއްވުމަށް ރިޔާސަތުން އެންގެވިއިރު، އޭނާ ޖަލްސާގައި ނެތް ކަމަށް ވިދާޅުވެ މައްސަލަ އެޖެންޑާއިން ނެންގެވުމަކީ ހުދުމުހްތާރު ނިންމެވުމެއް ކަމަށެވެ.
"އެއީ ޕެޓިޝަން ހުށަހެޅުއްވި ޑީއާރުޕީގެ 23 މެމްބަރުންނަށް ޑީއާރުޕީގެ ނާއިބު ޒައީމް )ހާއްސަ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް( ކޮށްދެއްވި ކަމެއް،" އެމްޑީޕީ އަށް ނިސްބަތްވާ އަދުނާނު ވިދާޅުވި އެވެ. "އެކަން އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން."
މާލޭ މެމްބަރު އަހްމަދު އާތިފް ވެސް ވިދާޅުވީ މަޖިލީހުގެ ރައީސްގެ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ނޫން ކަމަށާއި އެތައް މެމްބަރުންނެއް ތާއިދުކުރައްވާފައިވާ މައްސަލައެއް އެފަދަ ގޮތަކަށް އެޖެންޑާއިން އުނިކުރައްވާއިރު މެމްބަރުންނަށް ވެސް ވާހަކަ ދެއްކެވުމުގެ ފުރުސަތެއް ދެއްވަންވާނެ ކަމަށެވެ.
މައްސަލަ ޖަލްސާ އަށް ހުށަހެޅުވުމުގެ ވަގުތު ޖެހުނުއިރު މައްސަލަ ހުށަހެޅުއްވި މެމްބަރުން ޖަލްސާގައި ނެތުމުން އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅިގެން ބުނެފައި ނުވާއިރު، ގޮތެއް ނިންމަވަންވާނީ މަޖިލީހުން ކަމަށް އާތިފް ވިދާޅުވި އެވެ.
ޑްރާފްޓިން ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނެވި މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް (އިބުރާ) ވިދާޅުވީ މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަމުން ދަނިކޮށް އެ މެމްބަރުންނަށް ފުރުސަތު ނުދެއްވައި މަޖިލީހުގެ ރައީސް ޖަލްސާ ނިންމަވާލެއްވުމަކީ ގަބޫލްކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި އަދުނާނުގެ މައްސަލަ އެފަދަ ގޮތަކަށް އެޖެންޑާއިން އުނިކުރެއްވުމަކީ ވެސް މައްސަލައެއް ކަމަށް އިބުރާ ވިދާޅުވި އެވެ.
"އަދުނާނު ވެސް ކަންތައް ކުރެއްވީ އެންމެ ރަނގަޅަކަށް ނޫން. އެންމެ ފަހު ވަގުތު ޖަލްސާއިން ނިކުމެވަޑައިގެންނެވިއިރު ވެސް އަދުނާނަށް އެނގިވަޑައިގަންނަވާނެ ދެން އޮތީ އޭނާގެ މައްސަލަކަން. ނަމަވެސް އަދުނާނު ނުކުމެވަޑައިގެންނެވިޔަސް، މައްސަލަ އެޖެންޑާއިން އުނިކުރެއްވުމަކީ ވެސް ރަނގަޅު ގޮތެއް ނޫން،" އިބުރާ ވިދާޅުވި އެވެ.
މައްސަލަ ހުށަހެޅުއްވި މެމްބަރު ޖަލްސާގައި ނެތަސް، ރައްޔިތުންގެ މަޖިލީހުގައި އެ މައްސަލައަކަށް ތާއިދުކުރެއްވި މެމްބަރުން ތިއްބެވުމުން ބައެއް ފަހަރު މައްސަލަ ކުރިއަށް ގެންދަވާ ކަމަށާއި އެފަދަ ގޮތެއް ދިމާވުމުން އެ މައްސަލައެއް ހުށަހަޅުއްވަނީ އިދާރީ މޭޒުން ކަމަށް އިބުރާ ވިދާޅުވި އެވެ.
ޑީއާރުޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މ. އަތޮޅު މެމްބަރު އަނީސާ އަހްމަދު ވިދާޅުވީ ހާއްސަ މަޖިލީހުގެ ރައީސްގެ ނިންމެވުމަށް ތާއިދުކުރައްވާ ކަމަށެވެ.
"މަޖިލީހުގެ ރައީސަށް ވިސްނިވަޑައިގެންނެވީކަންނޭނގެ އެ މައްސަލަ އަކީ އެޖެންޑާކުރަން ނުޖެހޭ މައްސަލައެއް ކަމަށް. މަޖިލިހުގެ ރައީސްގެ އެ ނިންމެވުމަށް ތާއިދުކުރަން،" އަނީސާ ވިދާޅުވި އެވެ
ހާއްސަ މަޖިލީހުގެ ށ. މެމްބަރު ލުބުނާ މުހައްމަދު ޒާހިރު ހުސައިން ވިދާޅުވީ އަދުނާނުގެ މައްސަލަ އެޖެންޑާއިން ނެގުމަށް ފުރުސަތު ދެއްވީ އަދުނާނު ކަމަށެވެ.
"އެންމެ ފަހު ވަގުތު އަދުނާނު ޖަލްސާއިން ނިކުމެވަޑައިގަންނަވާއިރު އޭނާއަށް އެނގިވަޑައިގަންނަވާނެ ދެން އޮތީ އޭނާ ހުށަހެޅުއްވި މައްސަލަކަން. އެހެންވުމުން އެ މެމްބަރު ޒިންމާދާރުވާންޖެހޭނެ. އަދުނާނު ޖަލްސާގައި ނެތުމުން އޭނާގެ މައްސަލަ އެޖެންޑާއިން ނެންގެވީ މަޖިލީހުގެ މަސައްކަތް ހަލުއިކުރުމަށްޓަކައި ކަމަށް އަޅުގަނޑު ގަބޫލްކުރަނީ،" ލުބުނާ ވިދާޅުވި އެވެ.
އަދުނާނު ހުށަހަޅުއްވާފައިވާ މައްސަލާގައި ވަނީ ގާނޫނު އަސާސީގައި، ރައްޔިތުންގެ މަޖިލީސް އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވާ 64 ވަނަ މާއްދާ އާއި ރައްޔިތުންގެ ހާއްސަ މަޖިލީސް އެކުލެވިގެންވާ ގޮތް ބަޔާންކޮށްފައިވާ 93 ވަނަ މާއްދާ އާއި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރަން ޖެހޭ ގާނޫނުތައް ބަޔާންކޮށްފައިވާ 101 ވަނަ މާއްދާ އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުން ފާސްކުރާ ކަންތައްތައް ތަސްދީގުކުރުމާއި ގެޒެޓްގައި ޝާއިއުކުރުން ބަޔާންކޮށްފައިވާ 102 ވަނަ މާއްދާ އިސްލާހުކުރުމެވެ.
ގާނޫނު އަސާސީގެ 64 ވަނަ މާއްދާ އަށް އަދުނާން ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމުހޫރިއްޔާގެ އަށް މެމްބަރުން ނުތިއްބެވުމަށެވެ. އަދި 93 ވަނަ މާއްދާ އަށް ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ އަށް މެމްބަރުން މަޖިލީހުގައި ނުތިއްބެވުމަށެވެ. ސަތޭކަ އެއް ވަނަ މާއްދާ އަށާއި 102 ވަނަ މާއްދާ އަށް އަދުނާން ހުށަހަޅުއްވާފައިވާ އިސްލާހުގައި ވަނީ ގާނޫނު އަސާސީގެ މާއްދާއަކަށް ނުވަތަ ބަޔަކަށް އެއްވެސް ބަދަލެއް ނުވަތަ އުނިއިތުރެއް ގެނެވޭނީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ނިންމެވުމަށެވެ. އަދި މަޖިލީހުން ފާސްވުމުން ރައީސުލްޖުމްހޫރިއްޔާ ތަސްދީގުނުކޮށް އެ އަށް އަމަލުކުރަށް ފެށުމަށެވެ.
އަދުނާނުގެ މައްސަލަ އެޖެންޑާކުރެއްވުމަށް ފުރަތަމަ ނިންމަވާފައި ވަނީ 2006 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ނަމަވެސް އެ މައްސަލަ މަޖިލީހުގެ އޭރުގެ ރައީސް އައްބާސް އިބްރާހީމް އެޖެންޑާއިން ނެންގެވީ، ޑީއާރުޕީގެ 61 މެމްބަރަކު ސޮއިކުރައްވައި ފޮނުއްވި ޕެޓިޝަނަކާ ގުޅިގެންނެވެ. މި ފަހަރު ވެސް އަދުނާނުގެ އެޖެންޑާއިން އުނިކުރެއްވުމަށް، ހާއްސަ މަޖިލީހަށް ނިސްބަތްވާ ޑީއާރުޕީގެ 23 މެމްބަރަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް މިއަދު މަޖިލީހަށް ފޮނުއްވާފައިވާ ކަމަށް އެ ޕާޓީގެ އިސް ތަރުޖަމާނު އިބްރާހީމް ޝާފިއު ވިދާޅުވި އެވެ.
އަދުނާނުގެ މައްސަލަ މިއަދަށް އެޖެންޑާކުރެއްވުމުން ޑީއާރުޕީން އިއްޔެ ފޮނުވި ޕެޓިޝަންގައި ވަނީ ނޮވެމްބަރު މަހުގެ ނިޔަލަށް ގާނޫނު އަސާސީ ނިންމުމަށް ފާސްކުރައްވާފައިވާއިރު، އަދުނާނުގެ މައްސަލަ އެޖެންޑާކުރެއްވުމަކީ އެ ނިންމެވުމާ ފުށުއަރާ ކަމެއް ކަމަށެވެ. އެ ޕެޓިޝަންގައި ވަނީ ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ކަންތައް ކުރިއަށް ގެންދާނެ ގޮތަކާއި ގާނޫނު އަސާސީގެ މާއްދާތައް މަޖިލީހުން ނިންމަމުން ގެންދާނެ ގޮތެއް ކަނޑައެޅުމުގެ މައްސަލައިގެ ބަހުސްގައި ގާނޫނު އަސާސީގެ ،64 ،93 101 އަދި 102 ވަނަ މާއްދާ އަށް އިސްލާހުކުރުމަށް ހުށަހަޅުއްވައި ފާސްވެފައި ނުވުމުން އެ މާއްދާތައް އިސްލާހުކުރުމަށް އަލުން ހުށަހެޅުއްވުމަކީ، މަޖިލީހުން ނިންމާ އެއްވެސް ކަމެއް މުޅިން ނިމޭނެ ހިސާބަކީ ނުވަތަ މަރުހަލާއަކީ ކޮބައިކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.
ގާނޫނު އަސާސީގައި ހިމެނެންވާނެ އަސާސީ ސިފަތަކާއި އަސާސީ އުސޫލްތަކާ މެދު ކުރެވުނު ބަހުސް ނިމިފައިވާ ހިނދު، ދެން ބަހުސްކޮށް ވާހަކަ ދެއްކޭނީ އަސާސީ ސިފަތަކާއި އަސާސީ އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާހުކުރެވޭ ގާނޫނު އަސާސީ އަށް ދިރާސާކޮށް ޑްރާފްޓުކުރާ ކޮމިޓީން ހުށަހަޅުއްވާ ޑްރާފްޓަކުން ކަމަށް އެ ޕެޓިޝަންގައިވެ އެވެ.
29 މެމްބަރުން އުނިކުރުމުގެ މައްސަލަ ހުށަހެޅުއްވި މެމްބަރު ޖަލްސާގައި ނެތުމުން މައްސަލަ އެޖެންޑާއިން ނަންގަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ