އަންނަ ސެޕްޓެމްބަރު މަހުގެ ފީފާ ދުވަސްތަކުގައި، ރާއްޖޭން ސްރީ ލަންކާއާ ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެ ކަމަށް ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ޖޭސްވާރު އުމަރު ވިދާޅުވެއްޖެ އެވެ.
ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަން އިން އެންމެ ފުރަތަމަ ނިންމާފައި އޮތީ، ސެޕްޓެމްބަރު މަހު 1-9 އަށް، "ސުޕަ ކަޕް ފޯ ނޭޝަން ފުޓްބޯލް ޗެމްޕިއަންޝިޕް" ގެ ނަމުގައި، މުބާރާތެއް ކުރިއަށްގެންދާއިރު ވަކި ޓީމުތަކަށް ދައުވަތު ފޮނުވާށެވެ.
އެކަމަކު، ފަހުން ލަންކާ އިން ވިސްނުން ބަދަލުކޮށް، ރާއްޖެ އާއި ބަންގްލަދޭޝް އަދި ބޫޓާނާއި ޕާކިސްތާނަށް ދައުވަތު ފޮނުވިއިރު، އިންޑިއާ އާއި ނޭޕާލަށް ދައުވަތު ނުފޮނުވަ އެވެ. އިންޑިއާ އިން އެ މުއްދަތުތެރޭގައި މުބާރާތެއްގައި ކުޅެވެން ނެތްކަން ކުރިން ލަންކާއާ ހިއްސާކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މުއްދަތު ހަަމަވިއިރު، ރާއްޖޭން ވަނީ ލަންކާ އިން ފޮނުވި ދައުވަތު ގަބޫލުކޮށްފަ އެވެ. އެކަމަކު، ބޫޓާނާއި ބަންގްލަދޭޝް އިން ދައުވަތު ގަބޫލުނުކުރާތީ، ސްރީ ލަންކާ ފެޑެރޭޝަނުން ނިންމީ ރާއްޖެއާ އެކު ދެ މެޗު ކުޅޭ ގޮތަށް ރޭވުމަށެވެ.
ސްރީ ލަންކާގެ ދި ޑެއިލީ މޯނިން ސްޕޯޓްސް އިން ރިޕޯޓްގައިވާ ގޮތުން، ލަންކާގެ ރައީސް ޖޭސްވާރު އުމަރު ވަނީ، ރާއްޖެއާ ދެކޮޅަށް ކުޅޭ ދެ މެޗުން އެ ގައުމަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށާއި މައިގަނޑު ގޮތެއްގައި އޭޝިއަން ކަޕް ކޮލިފައިންގެ ތައްޔާރީތައް ވަރުގަދަކުރަން އެ މެޗުތަކުގެ ބޭނުންހިފޭނެ ކަމަށެވެ.
މި މަހު ނެރުނު ފީފާގެ ރޭންކިންގައި ރާއްޖެ އޮތީ ދުނިޔޭގެ 171 ވަނައިގަ އެވެ. މިދިޔަ މަހުގެ ރޭންކިންގައި 164 ވަނައިގައި އޮތްއިރު، ރާއްޖެ ފަހަތަށް މިދިޔައީ އެންމެ ފަހުން ކުޅުނު ބައިނަލްއަގުވާމީ ފަސް މެޗުން ވެސް ބަލިވުމުންނެވެ. އަނެއްކޮޅުން، ލަންކާ އޮތީ ރޭންކިންގައި ރާއްޖެ އަށް ވުރެން ފަސް ދަރަޖަ ދަށުގަ އެވެ. އެއީ، ދުނިޔޭގެ 196 ވަނައިގަ އެވެ.
އެންމެ ފަހުން ސްރީ ލަންކާގައި އެ ގައުމާ ދެކޮޅަށް ރާއްޖޭން ކުޅުނީ، 2021 ވަނަ އަހަރު ލަންކާގައި ކުރިއަށްދިޔަ ފޯ ނޭޝަންސް ކަޕުގަ އެވެ. އެ ގޮތުން، އެ އަހަރުގެ ނޮވެމްބަރު މަހުގައި ކުޅުނު މެޗުން ރާއްޖޭން ހަތަރު ގޯލުގެ ލީޑެއްގައި އޮއްވައި، ލަންކާ އިން ވަނީ ފަހަތުން އަރައި 4-4 އިން އެއްވަރުކޮށްފަ އެވެ. އޭގެ އެއް މަސް ކުރިން، މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން 1-0 އިން ލަންކާ ބަލިކުރި އެވެ.
އޭގެ ފަހުން، 2022 ވަނަ އަހަރުގެ ޖޫން މަހު ކުރިއަށްދިޔަ އޭޝިއަން ކަޕް ކޮލިފައިން ފަހު މެޗުގައި، ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި ގޯލުން ރާއްޖޭން 1-0 ލަންކާ ބަލިކުރި އެވެ. ރާއްޖެއާ ދެކޮޅަށް ކުޅުނު 22 މެޗުގެ ތެރެއިން ލަންކާ މޮޅުވީ ތިން މެޗުންނެވެ. ދިހަ މެޗު އެއްވަަރުވިއިރު، ރާއްޖޭން ނުވަ މެޗުން މޮޅުވި އެވެ.
ރާއްޖޭން ސެޕްޓެމްބަރު މަހު ސްރީ ލަންކާއާ އެކު ދެ މެޗު ކުޅެނީ ރާއްޖޭން ސެޕްޓެމްބަރު މަހު ސްރީ ލަންކާއާ އެކު ދެ މެޗު ކުޅެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ