މަގުމަތިން އަންހެނެއްގެ ފޯނު ފޭރިގަތީ ބިދޭސީއެއް، މިހާރު ހައްޔަރުކޮށްފި
މިއަދު މެންދުރުފަހު މާލޭގެ މަގުމަތީގައި ހިނގާފައި ދިޔަ އުމުރުން ދުވަސްވީ އަންހެނެއްގެ އަތުން ފޯނެއް ފޭރިގަތް ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާގެ ސީސީޓީވީ ފުޓޭޖެއް ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ފުޓޭޖުން އެނގޭގޮތުގައި ހާދިސާ ހިނގީ މިއަދުއެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކު، މަގުމަތީގައި ހިނގާފައި ދިޔަ އުމުރުން ދުވަސްވީ އަންހެނެއްގެ ފަހަތުން ދެއެވެ. އާދައިގެ ވަރަކަށް ހިނގާފައި ދިޔަ އެ އަންހެންމީހާގެ އަތުން ކުއްލިއަކަށް ފޯނު ޖަހައިގަތުމަށްފަހު އެ ފިރިހެންމީހާ ދުވެ ފިލައެވެ. https://x.com/ali_zidhna/status/1950515638172369180 މި ވީޑިއޯއާ ގުޅިގެން ފުލުހުން ބުނީ، މާލޭގެ ބޮޑުރަސްގެފާނު މަގުގައި ހުންނަ ގަލޮޅު ސެންޓްރަލް މާޓު ކައިރިން ދިޔަ އަންހެނެއްގެ ފޯނު ފޭރުނު މައްސަލަ ރިޕޯޓުކުރީ މެންދުރުފަހު 3:19 ހާއިރު ކަމަށެވެ. މި މައްސަލައިގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 28 އަހަރުގެ ކުލްދީޕް ސިންހް ހައްޔަރުކޮށްފައި ވާކަމަށާއި، އަންހެން މީހާގެ ފޯނު ހޯދާފައިވާ ކަމަށް، ފުލުހުން ބުންޏެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ. ވައްކަމާއި ފޭރުމުގެ މައްސަލަތަކަކީ ރާއްޖޭގައި އާންމު މައްސަލަތަކެކެވެ. މިފަދަ އެތައް މައްސަލައެއް ކޮންމެ މަހަކު ފުލުހަށް ހުށަހަޅެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ