އިންޑިއާސް ގޮޓް ޓެލެންޓްގެ ލައިވް އޮޑިޝަންތަކަށް ޓޫއޮފް އަސް ހޮވިއްޖެ

ދިވެހި ބޭންޑް ޓޫ އޮފް އަސް, އިންޑިއާސް ގޮޓް ޓެލެންޓް ސީޒަން 11ގެ ލައިވް އޮޑިޝަންތަކަށް ހޮވިއްޖެއެވެ. މި އޮޑިޝަންތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ، އަންނަ މަހު މުމްބާއީގެ ނަހަރް އިންޓަނޭޝަނަލް ސުކޫލުގައެވެ. ޓޫ އޮފް އަސް ބޭންޑުގައި ހިމެނެނީ އަޙްމަދު އަދުހަމާއި، ޢަބްދުالله ޝަމްރޫޚާއި މުޙައްމަދު ނަސޫހު ބިން ނަސްރުއްދީނާއި އަޙްމަދު ޝަހީދު (ޝަހީދު ލެގަސީ)އާއި އަޙްމަދު ޖަޝީމެވެ. މި ފުރުސަތު ލިބުމުން ބޭންޑުގެ ލީޑު ލަވަކިޔުންތެރިޔާ އަދުހަމް ބުނީ، ބްރިޓެންސް ގޮޓް ޓެލެންޓާއި ބެޓެލް އޮފް ދަ ބޭންޑް އިންޓަނޭޝަނަލްގެ ފަހުން އިންޑިއާގެ ގޮޓް ޓެލެންޓަށް ހޮވުމަކީ ހިތަށް ވެސް ގެނައި ކަމެއް ނޫން ކަމަށެވެ. ބްރިޓަންސް ގޮޓް ޓެލެންޓުގެ 19ވަނަ ސީޒަންގައި ބައިވެރިވުމަށް އެބޭންޑުން ވަނީ ޝޯޓް ލިސްޓުކޮށްފައެވެ. މި ސަރަހައްދުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި އެއް މިއުޒިކް މުބާރާތް ކަމަށްވާ އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕްކަން ހޯދުމަށްފަހު، ޓޫ އޮފް އަސްއިން އަންނަނީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ވެސް މަޝްހޫރުކަން ހޯދައި، ރާއްޖޭގައި ވެސް ބޭރުގެ ބޭންޑުތަކަށް ދޫނުކުރާނެ ފަދަ ހުނަރުވެރިން ތިބިކަން ދައްކަމުންނެވެ. ޓޫ އޮފް އަސްއަކީ ރާއްޖެއާއި ބޭރުގެ މިއުޒިކާއެކު ލަވަތައް ހުށަހަޅައިދޭ ފިއުޝަން ބޭންޑެއް ކަމަށްވާއިރު، އެ ބޭންޑުން ތައްޔާރުވަމުން އަންނަނީ ރާއްޖޭގެ މިއުޒިކްގެ މުއްސަނދިކަން ދުނިޔެއަށް ދައްކާލުމަށެވެ. އެ ބޭންޑުގެ އުންމީދަކީ ބައިނަލްއަގުވާމީ ސްޓޭޖެއްގައި ވާދަކުރުމުގެ އިތުރުން، ދިވެހި އެހެން ޒުވާނުންނަށް ވެސް އެފަދަ ފުރުސަތުތައް ހޯދަން ހިތްވަރުދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ