ޖަނަވަރީ 28އިން ފެށިގެން ދުންފަތުގެ ހުރިހާ ބާވަތެއްގައި ލޭބަލް ޖަހަން ޖެހޭނެ
އަންނަ ޖަނަވަރީ މަހުގެ 28އިން ފެށިގެން އުސޫލާ ޚިލާފަށް ދުންފަތުގެ އެއްވެސް ބާވަތެއް ލޭބަލްކޮށްފިނަމަ، ފިޔަވަޅު އަޅާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ. ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދުގައި ވަނީ، ރާއްޖެ އެތެރެކުރާ ދުންފަތުގެ ބާވަތްތަކާއި ރާއްޖޭގައި ވިއްކާ ދުންފަތުގެ ބާވަތްތައް ހިމެނޭ އުފެއްދުންތައް ހުންނަންވާނެ ގޮތްތަކެއް ކަނޑައަޅާފައެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް، ލޭބަލް ޖެހުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ 'ޑިޒައިން އެންޑް ރިކުއާމަންޓްސް ފޯ ހެލްތު ވޯނިން'ގެ ފުރަތަމަ އިސްލާހު ގެޒެޓުކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެޗްޕީއޭއިން ބުނީ، އެ އުސޫލަށް ހީޓެޓް ޓޮބޭކޯ ޕްރޮޑަކްޓްސްއާއި ނިކޮޓިން ޕައުޗް އިތުރުކޮށްފައިވާ ކަމަށެވެ. އެހެންވެ، އަންނަ ޖަނަވަރީ މަހުގެ 28 އިން ފެށިގެން އެއްވެސް ބާވަތެއް ރާއްޖެ އެތެރެކުރެވޭނީ ސިއްހަތުގެ އިންޒާރު ޕެކޭޖުގެ ބޭރުގައި ޗާޕުކޮށްގެން ކަމަށް އެޗްޕީއޭއިން ބުންޏެވެ. އޭގެ ފަހުން، އުސޫލާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ޕެކެޓުކޮށް، ލޭބަލްކޮށްފައިވާނަމަ ގާނޫނާ ގަވައިދުގެ މަތިން އަމަލުކުރާނެކަން އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ. މި ސަރުކާރުން ވަނީ ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ސިނގިރެޓުން ނަގާ ޑިއުޓީ ބޮޑުކޮށް، ރާއްޖޭގައި ވޭޕު ވެސް މަނާކޮށްފައެވެ. އަދި، 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަން ބޭނުންކުރުން މަނާކުރުމަށް 'ޖެނެރޭޝަނަލް ބޭން'އެއް ގެންނަން ވެސް ވަނީ ނިންމައިފައެވެ. އޭގެ ފަހުން، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ ކޮންމެ ރައްޔިތަކަށް ފައިސާގެ އިނާމެއް ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަން ވެސް އަންގަވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ