ޕީއެންސީގެ އެކްޓިވިސްޓު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުން ހުއްޓުވަން ކޯޓަށް މައްސަލައެއް ޕީއެންސީގެ އެކްޓިވިސްޓު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުން ހުއްޓުވަން ކޯޓަށް މައްސަލައެއް

ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އެކްޓިވިސްޓު އަދި މިފަހާ ޖެހެންދެން ޑެޕިއުޓީ މިނިސްޓަރަކަށް ހުރި ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުން ހުއްޓުވަން ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
ޝަހީދު އައްޔަން ކުރުން ހުއްޓުވަން ވަގުތީ އަމުރަކަށް އެދި މައްސަލަ ހުށަހެޅީ ހައި ކޯޓުގެ ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލެއްވި ސ. މީދޫ، ހުދުވިލާގޭ، އަހުމަދު ނައުޝާދެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ޝަހީދަކީ ފަނޑިޔާރެއްގެ މަގާމަށް ޝަރުތު ފުރިހަމަނުވާ މީހެއްކަން ކަނޑައަޅައިދިނުމަށެވެ.
"ހައި ކޯޓަށް އައްޔަންކުރުމަށް ނިންމެވި މުހައްމަދު ޝަހީދަކީ މިހާތަނަށް ސިޔާސީ މަގާމެއްގައި ހުރި މީހެއްކަން އެ ނިންމުމަށް ބެލުމުން އެނގޭ. އެހެންކަމުން، ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރަކީ މަގާމަށް އެކަށީގެންވާ ސުލޫކާއި އަހުލާގު ހުރި ފަރާތެއް ނޫންކަން، އޭނާ ޕަބްލިކް މީޑިއާތަކުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވޭ،" އެ މައްސަލައިގައި ބުނެފައިވެ އެވެ.
ނައުޝާދު ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ހައި ކޯޓަށް ފަނޑިޔާރުން ހޮވި ގޮތުގެ މައްސަލަ ކޯޓަށް ހުށަހަޅަން އޭނާ ގަސްދު ކުރައްވާތީ، ވަގުތީ އަމުރު ނުނެރެދީފި ނަމަ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ގެއްލިދާނެ ކަމަށެވެ.
ޝަހީދު ހައި ކޯޓަށް އައްޔަން ކުރަން ފާސް ކުރީ ޖޭއެސްސީ އިން ރޭގެ ވަގުތެއްގައި ބޭއްވި ބައްދަލުވުމެއްގައި ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. ނަމަވެސް ބައްދަލުވުމާއި ވޯޓުގެ ތަފުސީލެއް ކޮމިޝަނުން ނުދެ އެވެ.
ޝަހީދަކީ މިހާރު އުވާލާފައިވާ ޕީޕީއެމްގެ ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައިވާ މީހެކެވެ. އަދި ޕީއެންސީގެ އެކްޓިވިސްޓެއްގެ ގޮތުގައި ވެސް އުޅުނެވެ. ރައީސް މުހައްމަދު މުއިއްޒާއެކު ވެސް އޭނާ ވަނީ ބައެއް ކެމްޕެއިން ހަރަކާތްތަކުގައި ކުރިން ބައިވެރިވެފަ އެވެ.
މި ސަރުކާރުގައި ޝަހީދު ހުރީ ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގަ އެވެ. އެ މަގާމުން އޭނާ އިސްތިއުފާ ދިނީ މި ހިނގާ ޖުލައި މަހުގެ ތެރޭގަ އެވެ. އޭގެ ކުރިން ފަސް އަހަރު ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ގާނޫނާ ހިލާފަށް ވަކިކޮށް އަދި ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވުމުން، ހައި ކޯޓުގެ ދެ ފަނޑިޔާރަކު ހުސްވި ސުޕްރީމް ކޯޓުގެ މަގާމުތަކަށް އައްޔަން ކުރުމުންނެވެ.
މަހާޒް އާއި އަޒްމިރާލްދާ ވަކި ކުރީ، ސިޔާސީ ޕާޓީއަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަގާމުން ވަކި ކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލަން ފެށުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ