މުވައްޒަފުންގެ އިނާޔަތްތައް ވަކި މިންގަނޑަކުން މި މަހު ކަނޑާލާ ގޮތަށް ހަމަޖައްސައިފި

ދައުލަތުގެ މުވައްޒަފުންގެ އިނާޔަތްތައް މި މަހުގެ 15 ން ފެށިގެން ކަނޑާލަންޖެހޭ ގޮތުގެ ތާވަލެއް އެކުލަވާލައި އެ ތާވަލާ އެއްގޮތަށް އަމަލުކުރުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ ބައެއް އިދާރާތަކަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން މި ހަފުތާގެ ތެރޭގައި ބައެއް މުއައްސަސާތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ދައުލަތުގެ މުވައްޒަފުންގެ އަދަދާއި މުވައްޒަފުންގެ މުސާރަ އިނާޔަތްތަކާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި ސިޔާސަތުގެ ދަށުން، މުސާރަ އާއި އިނާޔަތްތައް ކުޑަކުރަންޖެހޭ ގޮތުގެ ދިރާސާއެއް ކޮށްފައިވާ ކަމަށެވެ. އަދި އެ ދިރާސާ އިން ދައްކާ ގޮތުގައި މުވައްޒަފުންގެ އަސާސީ މުސާރަ އިން އެއްވެސް އެއްޗެއް އުނިނުކޮށް، އިނާޔަތްތަކުން ވަކި ބައެއް ކަނޑާލުމުން، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކުން އުނިކުރަންޖެހޭ އަދަދު ލިބޭ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައި ވެ އެވެ.
ފިނޭންސުން ބައެއް މުއައްސަސާތަކަށް ފޮނުވި ތާވަލުގައި، އެކިއެކި އިނާޔަތްތައް ކަނޑާލައިގެން ދައުލަތުގެ ބަޖެޓުން ސަލާމަތްކުރެވޭ މިންވަރު ބުނެފައި ވެ އެވެ.
އެ ތާވަލުގައިވާ ގޮތުން ބައެއް އިނާޔަތްތައް 100 ޕަސެންޓް ކަނޑާލަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މެޑިކަލް އެލަވަންސާއި މުވައްޒަފުންގެ މަގާމުގެ ގޮތުން ދޭ ހާއްސަ އެލަވަންސާއި މުވައްޒަފުންގެ ކޮއްތުގެ ގޮތުގައި ފައިސާއިން ދޭ އެލަވަންސާއި އެކިއެކި ކޮމެޓީތަކުގެ މެމްބަރުންގެ އެލަވަންސާއި އަމިއްލަ ރަށް ފިޔަވައި އެހެން ރަށްރަށުގައި ވަޒީފާ އަދާކުރާތީ ދޭ ދަތުރު އެލަވަންސާއި މުވައްޒަފުންނާއި އެ މީހުންގެ އަނބިދަރިންގެ ލިވިން އެލަވަންސާއި ފެމިލީ އެލަވަންސާއި އަސާސީ ވަޒީފާގެ އިތުރުން މުވައްޒަފުން ކުރާ އިތުރު މަސައްކަތުގެ އެލަވަންސާއި އަހަރީ ޗުއްޓީ ކެންސަލްވާ ދުވަސްތަކުގެ ފައިސާ އެވެ. މީގެ އިތުރުން ހިމެނެނީ ޔުނިފޯމް އެލަވަންސާއި ވަގުތީ ގޮތުން ހިންގުމުގެ އެލަވަންސާއި ޝިފްޓް ޑިއުޓީ އެލަވަންސާއި ހާޑްޝިޕް އެލަވަންސާއި އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދޭ އެލަވަންސާއި ރިސްކް އެލަވަންސާއި ހެދުން އެލަވަންސާއި ޒިންމާދާރުވެރިންގެ އެލަވަންސެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން މުޅިން އެއްކޮށް ކަނޑާލާ އިނާޔަތްތަކުގެ އިތުރުން ބައެއް އެލަވަންސްތައް އެކި މިންވަރަށް ކަނޑާލާ ގޮތަށް ވެސް ވަނީ ނިންމައިފަ އެވެ. އެގޮތުން އިތުރު ގަޑީގެ މަސައްކަތުގެ އެލަވަންސް 95 ޕަސެންޓް ކަނޑާލާއިރު އެހެނިހެން ގޮތްގޮތުން ދޭ އެލަވަންސް ހަމަ އެ މިންވަރަށް ކަނޑާލަ އެވެ. ސިވިލް ސާވިސް މުވައްޒަފުންނަށް ދޭ އިނާޔަތްތަކުގެ ތެރެއިން ނުކަނޑަނީ ހަމައެކަނި ރޯދަމަހުގެ އިނާޔަތާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާތީ މުސާރައިގެ އިތުރުން ދޭ އެލަވަންސާއި ދީނީ ހިދުމަތުގެ އިނާޔަތެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންގެ އިތުރުން މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މުވައްޒަފުންގެ އިނާޔަތްތައް ވެސް މި މަހުގެ 15 ން ފެށިގެން މަދުކުރުމަށް ސަރުކާރުން ނިންމައި އަންގާފައި ވެ އެވެ. އެގޮތުން އެ ތަންތަނުގެ މުވައްޒަފުންގެ އިނާޔަތުގެ ގޮތުގައި ވެސް ކަނޑާލަނީ ގާތްގަނޑަކަށް ސިވިލް ސާވިސްގެ މުވައްޒަފުންގެ އިނާޔަތުން ކަނޑާލާ ޕަސެންޓެކެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި މުވައްޒަފުންގެ އިނާޔަތްތަކުން ބައެއް މި މަހުގެ 15 ން ފެށިގެން ކަނޑާލުމަށް ފިނޭންސް މިނިސްޓްރީން އެންގި ގޮތަށް އަމަލު ކޮށްދިނުމަށް އެދި ސިވިލް ސާވިސް ކޮމިޝަނަށް ވަނީ އެ މިނިސްޓްރީން ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އަދި އެ ސިޓީގެ ޖަވާބު ވެސް ސިވިލް ސާވިސް ކޮމިޝަނުން ފޮނުވާފައި ވެ އެވެ. އެކަމަކު އޭގެ އެއްވެސް ތަފުސީލެއް އެ ކޮމިޝަނުން ނުދެ އެވެ.
ސިވިލް ސާވިސްގެ މުވައްޒަފުންގެ އަދަދު މަދުކުރުމަށާއި މުސާރަ އާއި އިނާޔަތް ދަށް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގައި ބައިވެރިނުވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަނީ ސިވިލް ސާވިސް ކޮމިޝަނަށް މި ހަފުތާގައި ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އަދި މުވައްޒަފުންގެ އިނާޔަތްތައް ކަނޑާލަން އުޅޭ މި ދަނޑިވަޅު ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއި އިބްރާހިމް ހުސެއިން ޒަކީ އާއި ޕޮލިޓިކަލް އެޑްވައިޒަރު ހަސަން އަފީފުގެ މުސާރަ އާއި އިނާޔަތް ވެސް ވަނީ ބޮޑު ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ