ޕީޕީއެމް ވެރިކަމެއްގައި ނަޝީދު ހެއްދެވި ގަޅި އެއްޗިއްސެއް ނަހަދާނެ - އުމަރު

ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ވެރިކަމެއްގައި ކުރީގެ ރައީސް އަދި މިހާރުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު ހެއްދެވި ކަހަލަ "ގަޅި އެއްޗިއްސެއް" ނަހަދާނެ ކަމަށް ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ޕީޕީއެމްގެ އިންތިގާލީ ނައިބު ލީޑަރުކަންކުރެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސްއަށް ފަހު މިދިޔަ އާދިއްތަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެޕާޓީގެ ޖަލްސާގައި ވާހަކަދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ ޕީޕީއެމްގެ ވެރިކަމެއްގައި މުހައްމަދު ނަޝީދު ހެއްދެވި ކަހަލަ ގަޅި އެއްޗިއްސެއް ނަހަދާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށާއި ނަޝީދު އަތުން ސަރުކާރު ފެއިލްވީ އޭނާ އެކަނިމައިކަނި ކާލި އަޅަމުން ކާލި އަޅަމުން ހިނގަން ފެށީމަ ކަމަށެވެ.
"އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކޮށް އަރުވަނީ ޕީޕީއެމްގެ ވެރިކަމެއްގައި މުހައްމަދު ނަޝީދު ހެއްދެވި ކަހަލަ ގަޅި އެއްޗިއްސެއް ނަހަދާނެ ކަމުގެ. މުހައްމަދު ނަޝީދު އަތުން ސަރުކާރު ފެއިލްވީ އޭނާ، އެކަނިމައިކަނި ކާލި އަޅަމުން ކާލި އަޅަމުން ހިނގަން ފެށީމަ، މިޕާޓީ އެހެނެއް ނުވާނެ، މުޅި ޕާޓީގެ މެޝިންއެއްކޮށް މަސައްކަތްކުރާނެ، ހުރިހާ ގުނަވަނެއް މަސައްކަތްކުރާނެ." އުމަރު ނަސީރު ވިދާޅުވި އެވެ.
ޕީޕީއެމްއަކީ އެމްޑީޕީ ކަހަލަ ޕާޓީއެއް ނޫންކަން ފާހަގަކުރައްވަމުން އުމަރު ނަސީރު ވިދާޅުވީ މިއީ މުހައްމަދު ނަޝީދު ބުނާހާ ގޮތަކަށް އެނބުރޭ ޕާޓީއެއް ނޫން ކަމަށާއި ނަޝީދު ތެދުވެވަޑައިގެން ކިރު ދަޅަކުން އަގުބޮޑުވީ ދެރުފިޔާ އޭ ބުނީމަ އާއި އެކިރު ދަޅުން 1 މަސް ވަންދެން ދެކުދިން ބޮވޭނެއޭ ބުނީމަ ޕީޕީއެމް މެންބަރުން އަތެއް ނުޖަހާނެ ކަމަށެވެ.
"މި ޕާޓީއަކީ އެމްޑީޕީ ކަހަލަ ޕާޓީއެއް ނޫން، މިއީ މުހައްމަދު ނަޝީދު ބުނާހާ ގޮތަކަށް އެނބުރޭ ޕާޓީއެއް ނޫން، އޭނަ ތެދުވެފައި ކިރު ދަޅަކުން އަގުބޮޑުވީ ދެރުފިޔާ އޭ ބުނީމަ، އެކިރު ދަޅުން 1 މަސް ވަންދެންކުދިން ބޮވޭނެއޭ ބުނީމަ ހުރިހާ އެންމެންނަށް އަތެއް ނުޖަހާނެ މި ޕާޓީއަކުއެއް، މިޕާޓީގެ ޕޯޑިއަމްއެއްގައި އެކަހަލަ ބެހެއް ބުނެފިއްޔާ ބުނާނީ ތިއީ މޮޔައެކޭ ފައިބާށޭ." އުމަރު ނަސީރު ވިދާޅުވި އެވެ.
އުމަރު ނަސީރު ވިދާޅުވި ގޮތުގައި ޕީޕީއެމްގައި ޒުވާން ލީޑަރުންނާއި ތަޖުރިބާ މީހުން ވެސް އެބަތިއްބެވެ. އަދި ހުރިހާ ކަމެއް ވެސް ދަންނަ މީހުން ވެސް ތިބީ ޕީޕީއެމްގައި ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އުމަރު ވިދާޅުވީ މިފަހަރު ކޮންގްރެސް ތެރޭގައި ޓީމް އުމަރު ކިޔާ ބަޔަކާއި ޔަގީން ޓީމު ކިޔާ ބަޔަކާއި ދެމެދު ވާދަކުރަމުންދިޔައިރުގައި ބައެއް ބޭފުޅުން ތިބީ ވަރަށް އުފަލުން ކަމަށާއި އެބޭފުޅުން ޕާޓީ ފުނޑުފުނޑުވާނެ ކަމަށް ހީކުރެއްވި ނަމަވެސް ޔަގީން ޓީމާއި ޓީމް އުމަރުގެ ސަބަބުން އަދި އެހެން ބައިވެރިންގެ ސަބަބުން ޕީޕީއެމްގެ ސަފުތައް އިތުރުވެގެންދިޔަ ކަމަށް އުމަރު ވިދާޅުވި އެވެ.
ކުރިން އިސްލާމިކް ޑިމޮކްރަޓިކް ޕާޓީގެ ރައީސްކަން ވެސް ކުރެއްވި އުމަރު ނަސީރު ވިދާޅުވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އަކީ އޭރުގައި ވަރަށް ވަރުގަދަ ޕާޓީއެއް ކަމަށާއި އެޕާޓީ ފުނޑުފުނޑުވާން ދިމާވި މައިގަނޑު ސަބަބަކީ އެޕާޓީގެ އިސް މަގާމުތަކުގައި އަމާނާތްތެރިކަމެއް ނެތް ތެދުވެރި ކަމެއް ނެތް ބަޔަކު ތިބުމުން ކަމަށެވެ. އެޕާޓީ ދަތުރުކުރީ ފައިސާ އާއި ރިޝްވަތުގެ ފަހަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުމަރު ވަނީ ޑީއާރުޕިއަށް ވެގެންދިޔަ ގޮތުން އިބުރަތް ލިބިގަނެ އެމައްސަލަ ތަކުރާރުވިޔަ ނުދިނުމަށް ޕީޕީއެމްގެ އެކި މަގާމުތަކަށް އިންތިހާބުވެފައިވާ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
"ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ތިއްބަވާ ބައެއް ޕާޓީތަކުގެ ބޭބޭފުޅުން ލައްވާ ފައިސާ ބޭނުންކޮށްގެން ކަންތައްތަކެއް ކުރެވިދާނެ، އެކަމަކު އެހެނެއް ނޫންކަން ދިވެހި ރާއްޖޭގައި އަމާނާތްތެރިކަމާއިތެދުވެރިކަމާއިއެކު ގައުމިއްޔަތާއި ދީން ކުރިއަށް ނެރެ އޭތި ހިފައިގެން އޭގެ ދިފާއުގައި ތެދުވާނެ ބަޔަކު ތިބިކަން އަޅުގަނޑުމެން ސާބިތުކޮށްދިނީ ޑީއާރުޕީގެ އެތެރޭގައި ތިބެ ޑީއާރުޕީއަށް އެއްފަހަރުން އަޅުގަނޑުމެން އިންގިލާބެއް ގެނައިން. އިންގިލާބުގެ ނަތީޖާއަކަށް މިވީ ޕީޕީއެމް." އުމަރު ވިދާޅުވި އެވެ.
2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އުމަރު ވިދާޅުވީ ކުރިއަށް އޮތް ޕީޕިއެމްގެ ޕްރައިމަރީގެ ތެރޭގައި ވާދަވެރިކަން ހިނގާނެ ކަމަށާއި އެވާދަވެރިކަމުގެ ތެރޭގައި ބަހުސް ވެސް ކުރެވޭނެ ކަމަށެވެ. އެއް ކޭމްޕުން އަނެއް ކޭމްޕަށް ރައްދުވެސް ދޭނެ ކަމަށާއި ނަމަވެސް އެރައްދު ދުވާނީ މައުލޫއަށް ދެވޭ ރައްދަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޒާތަކަށް ރައްދެއް ނުދޭނެ، މިހުރިހާ ވާދަވެރިކަމެއް ހިނގާނެ، އެއީ ތިބޭފުޅުންނަށް ޔަގީންކޮށްދޭން ކެންޑިޑޭޓުންގެ ހުރި ތަފާތު، އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އާންމު މެންބަރުން މާޔޫސްވެވަޑައިނުގަންނަވާތި އަދި އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އިދިކޮޅު ފަރާތްތައް އުފާވެސް ނުކުރައްވާތި ސަބަބަކީ އޭގެ ސަބަބުން ޕާޓީއަށް އެއްވެސް ރެނދެއް ނޭޅޭނެ. މިޕާޓީ އިތުރަށް ވަރުގަދަ ވާނީ ހަމަ، ﷲ ގެ އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް އަޅުގަނޑު ޔަގީންކަންދެން އޮތް ރިޔާސީ ޕްރައިމަރީގައި ހިނގާ ވާދަވެރިކަމުގެ ސަބަބުން ޕާޓީއަށް އެއްވެސް ލޮޅުމެއް ނާންނާނެ، ޕާޓީ އިތުރަށް ވަރުގަދަވެގެންކަން ދާނީ." އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ