ހަވީރު ވިއްކާލާތީ ކުރީގެ ދެނޫސްވެރިން ޒާހިރަށް ބަހުގެ ހަމަލާތަކެއް!

"ހަވީރު" ވިއްކާލުމަށް ހަވީރުގެ މަސްއޫލުވެރިޔާ އަދި ޗެއާމަން ޑރ. މުހައްމަދު ޒާހިރު ހުސައިން ނިންމެވުމާއި ގުޅިގެން ހަވީރުގައި ކުރިން މަސައްކަތްކުރި ދެ އެޑިޓަރުން ޒާހިރު ހުސެއިނަށް ބަހުގެ ހަމަލާތަކެއްދީފި އެވެ.
ޒާހިރު ހުސެއިނަށް ބަހުގެ ހަމަލާތަކެއް ފޮނުވާފައިވަނީ ނޫހުގެ ކުރީގެ ދެ އެޑިޓަރުން ކަމަށްވާ އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަނެވެ.
އެ ދެ ބޭފުޅުން ސޮއިކުރައްވާ ޒާހިރު ހުސެއިނަށް ފޮނުވި ތިން ސޮފްހާގެ ސިޓީގައި ބުނެފައިވަނީ ޒާހިރު ހުސެއިން ނުހަނު ރޭވުންތެރި ކަމާއެކު ހަވީރު ނޫސް އެޖެންސީގެ ހުރިހާ ކަމަކާއި ތަކެއްޗެއް ޒާހިރު ހުސެއިނުގެ ތަކެތި ކަމުގައި ހައްދަވާފައިވާ ކަމަށާއި އެކަން އެގޮތަށް ކުރެއްވުމަށް އެއްބަސްވުމުގެ 11 ވަނަ މާއްދާއާއި ހިލާފަށް ދެބޭފުޅުން ހަވީރުގެ މަސްއޫލުވެރި ކަމާއި އެޑިޓަރު ކަމުން ދުރު ކުރި ކަމަށެވެ.
"އެއަށްފަހު ހަވީރުގެ ނަމުގައި ހުރި ބޭންކް އެކައުންޓްތައް ބޭނުންފުޅު ގޮތަކަށް ބަދަލު ކުރައްވައި ހަވީރު ނިއުސް އެޖެންސީ އޮތްތާނގައި އޮއްވައި 'ހަވީރު ނިއުސް ސާވިސް' އެއް އުފައްދަވައި ހަވީރުގެ ޗާޕްހާނާގެ ބަދަލުގައި ލޯމާފާނު ޕްރިންޓް ހެއްދެވީ އެވެ. އަދި ނޫޙުގެ ލޯގޯ ވެސް ބަދަލު ކުރެއްވީ އެވެ." ސިޓީގައިވެ އެވެ.
ސިޓީގައި ވަނީ އެކަންކަމަށް ބޭނުން ކުރެއްވި ރައުސުލްމާލާއި އެސެޓްތަކަކީ ދެބޭފުޅުން ދާ އޮހޮރާއިގެން ހޯދި މުދަލާއި ފައިސާ އާއި ދެ ބޭފުޅުންގެ މަސްއޫލުވެރި ކަމާއި އެޑިޓަރު ކަމުގައި އޮތް ހަވީރަށް ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން ލިބުނު އެހީ އެއް ކަމަށެވެ.
ނަމަވެސް އެކަންކަން އެގޮތަށް ހިނގައި ދިއުމަށްފަހު އެ ދެ ބޭފުޅުންނަށް އެއްވެސް ހިއްސާއެއް ނުދެއްވާ ކަމަށާއި ހުރިހާ އެއްޗެއްގެ ބޭނުން ކުރައްވަނީ ޑރ. ޒާހިރު ހުސައިން ކަމަށާއި އެއީ ވެސް މަސްއޫލުވެރިންގެ މެދުގައިވާ އެގްރިމެންޓާ ހިލާފު ކަމެއް ކަމަށް ސިޓީގައި ބުނެފައިވެ އެވެ.
އަދި ޒާހިރު މަސައްކަތް ކުރައްވަނީ ހަވިރު ނޫހާއި ހަވީރު ނިއުސް އެޖެންސީގެ މިލްކެއް ކަމަށްވާ ޗާޕްހާނާ ވިއްކާލުމަށް ކަމަށާއި އެއީ އެ ދެ ބޭފުޅުންގެ ބަހެއް ނެތި ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
ފަންސާސް ހަ ފޮޅުވަތް ހިމެނޭ ސިޓީގައި ބުނެފައިވަނީ ނޮވެލްޓީން ހަވީރު ޗާޕް ކުރުން ހުއްޓާލުމާއެކު އޭޕްރީލް 1، 1983 އިން ފެށިގެން ހަވީރު ނެރުމާބެހޭ ގޮތުން މާޗް 31، 1983 ގައި ރަޝީދު މޫސާ އާއި ފާރުގޫ ހަސަނާއި މުހައްމަދު ނައީމާއި ޑރ. މުހައްމަދު ޒާހިރު ހުސައިން މަޝްވަރާކޮށް ހަވީރުގެ މަސައްކަތް ފެށީ ހަތަރު ބޭފުޅުން ހަމަހަމަ މިލްކެއްގެ ގޮތުގައި ކަމަށާއި އަމަލީ ގޮތުން ހުރިހާ ކަމެއް ކުރެއްވީ ފާރޫގައި ރަޝީދު މޫސާ ކަމަށެވެ. އަދި އޭރު ޒާހިރު ހުންނެވީ މުސްތަޝާރެއްގެ މަގާމުގައި ކަމަށެވެ.
"ހަވީރު ނިއުސް އެޖެންސީ" ސަރުކާރުގައި ރަޖިސްޓްރީކުރިއިރު އެކަމަށް އެކުލަވައިލި އެއްބަސްވުމުގެ ދެވަނަ މާއްދާ ބުނާ ގޮތުން އެ ޖެންސީގެ ފައުންޑަރުނަކީ ވެސް ޑރ. ޒާހިރު ހުސައިނާއި ރަޝީދު މޫސާ އާއި ފާރޫގު ހަސަނާއި ނައީމް ކަމަށް ސިޓީގައި ބުނެ އެވެ. އަދި ހަވީރު ނޫސް އެޖެންސީ އާއި އެތާންގެ މިލްކުގައިވާ ހުރިހާ ފައިސާ އާއި މުދަލަކީ ހަތަރު ބޭފުޅުންގެ ހަމަހަމަ މިލްކެއް ކަމަށާއި އަހަރީ ފައިދާ ބަހަންވާނީ ހަތަރު ބޭފުޅުންގެ މެދުގައި ހަމަހަމައަށް ކަމަށް އެއްބެސްވެފައިވާނެ ކަމަށް ސިޓީގައި ބުނެ އެވެ.
ސިޓީގައި ނޫހުގެ މިލްކުވެރިވެރިކަމާމެދު ސުވާލު އުފައްދާފައިވާއިރު އެ ދެމީހުންގެ ހައްގު އެ ދެ ބޭފުޅުންނަށް ނުދެއްވައި ހަވީރު ވިއްކާލައިފިނަމަ އެކަމާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.
"އަޅުގަނޑުމެންގެ އެއްބަސްވުމުގައިވާ ގޮތުގެ މަތީން އަޅުގަނޑުމެނަށް މިހާތަނަށް ލިބެންވާ ހުރިހާ ހައްގުތަކެއް އަޅުގަނޑުމެނަށް ބަރާބަރަށް ދެއްވުމަށް ދަންނަވަމެވެ. އަދި ހަވީރު ނޫހާއި ނޫސް އެޖެންސީ އާއި ޗާޕްހާނާއާބެހޭ ގޮތުން އެއްވެސް މުއާމަލާތެއް ކުރައްވާނަމަ އަޅުގަނޑުމެންގެ މެދުގައި ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ފައުންޑާ މެންބަރުންގެ ހައިސިއްޔަތުން އަޅުގަނޑުމެނަށް ލިބިގެންވާ ހައްގުތައް ނިގުޅައި ނުގަނެވޭނެ ގޮތަށް ކަންތައް ގެންދެވުމަށް ދެންނެވީމު އެވެ. އަޅުގަނޑުމެންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި ގާނޫނީ ފިޔަވަޅު އަޅާންޖެހިއްޖެ ހާލަތެއްގައި އެ ފިޔަވަޅު އަޅާނެ ވާހަކަވެސް ދެންނެވީމު އެވެ،" ސިޓީގައި ބުނެފައިވެ އެވެ.
ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ މަޝްހޫރު ނޫސް ހަވީރު ވިއްކާލަން އެތަނުގެ މަސްއޫލުވެރިޔާ ނިންމަވާފައިވަނިކޮށް އެނޫސް ގަތުމަށް ހުށަހެޅުއްވި ވިޔަފާރިވެރިންގެ ތެރޭގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ގައުމީ އިއްތިހާދު ޕާޓީ (ޖީއައިޕީ) އަށް ތާއީދުކުރައްވާ ވިޔަފާރިވެރިން ހިމެނޭ ކަމުގެ މައުލޫމާތު އެމްވީޔޫތަށް ވަނީ ލިބިފައެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާޣެ އެމްޑީޕީ މެންބަރު އަބްދުﷲ ޖާބިރާއި މާލެ ސިޓީ ކައުންސިލް މެންބަރު ސަރަނގު އާދަމް މަނިކު ވަނީ ހަވީރު ގަތުމަށް ހުށަހަޅާފައެވެ.
ހަވީރު ނޫސް ވިއްކާލުމާއި މެދު ހަވީރުގެ ރަސްމީ ބަހެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
އެމްވީޔޫތަށް ކަށަވަރުވެފައިވާ ގޮތުން ހަވީރު ގަންނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ނޫސް ވިއްކާލުމުގެ ފުރުސަތު އެންމެ ބޮޑީ ރައީސް ޑރ.މުހައްމަދު ވަހީދަށް ތާއީދުކުރައްވާ ސަރަނގު އާދަމް މަނިކަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ހަވީރު ނޫސް ގަތުމަށް 3 މިލިއަން ޑޮލަރަށްވުރެން ބޮޑެތި އަގުތަކެއް ވަނީ ހުށަހަޅާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން އެ ނޫސް ވިއްކާލަނީ ހަވީރު ސާވިސްގެ ދަށުން ހިންގާ ހަވީރު ނޫހާއި ހަވީރު އޮންލައިނާއި ލޯމާފާނު ޕްރިންޓާއި ހަވީރު މަލްޓިމީޑިއާ ރިސޯސްގެ އިތުރުން ހަވީރުގެ ހުރިހާ މުދަލަކާއި މުވައްޒަފުން ވެސް ހިމެނޭ ގޮތަށެވެ.
ހަވީރު ނޫސް ހިނގަމުންދާތާ ވަނީ 34 އަހަރު ވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ