ގާޒީ އިބްރާހިމް އަލީ އިސްތިއުފާ ދެއްވައިފި
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުން އިބްރާހިމް އަލީ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވަނިކޮށް، އޭނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.އެކަން ކަށަވަރުކޮށްދެއްވައި އޭނާ މިއަދު ވިދާޅުވީ ގާޒީ ކަމުން ވަކިކުރަން ޖޭއެސްސީއިން ނިންމީ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާއަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. ބަޔަކު ބަންދުން ދޫކޮށްލުމަށް ނިންމި ނިންމުމެއް އަލުން މުރާޖައާ ކުރަން ހައިކޯޓުން ކޮށްފައިވާ އަމުރަށް އަމަލު ކުރުމުގައި އޭނާ ގަސްތުގައި ލަސްކޮށްފައި ނުވާނެ ކަމަށް އިބްރާހިމް އަލީ މިއަދު ވިދާޅުވި އެވެ. އަދި އެ ބަންދުގެ މައްސަލަ މުރާޖައާ ކުރުން ލަސްވެގެން ދިޔައީ ކުރިމިނަލް ކޯޓުގެ އިދާރީ ކަންތައްތަކެއްގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް، އެ ކަންކަމަށް ރިއާޔަތް ނުކޮށް ޖޭއެސްސީއިން މައްސަލަ ނިންމީ ކަމަށް ވެސް އިބްރާހިމް އަލީ ވިދާޅުވި އެވެ."އަޅުގަނޑާ ހަމައަށް މައްސަލަ އައި ހިސާބުން އަޅުގަނޑު އޮންނާނީ އެ މައްސަލަ ހިންގަން ފަށާފައި. އެހެން ނަމަވެސް މިއިން އެއްވެސް ކަމަކަށް ރިއާޔަތްނުކޮށް ފަސް ދުވަހުގެ ތެރޭ އަޅުގަނޑު ގޮތެއް ނުނިއްމިއްޔޭ ކިޔާފައި ވަކިކުރީ. އެހެންވެއްޖިއްޔާ ވަރަށް ގިނަ ގާޒީން މިހާރު ތިބޭނީ ސުލޫކުވެފައި ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޖޭއެސްސީގެ ނިންމުން އިންސާފުވެރި ނޫންކަން ފާހަގަ ކުރައްވާ އިބްރާހިމް އަލީ ވިދާޅުވި އެވެ.ގާޒީ އިބްރާހިމް އަލީ މަގާމުން އިސްތިއުފާ ދެއްވާފައި މި ވަނީ، ޖޭއެސްސީ އިން ބަލަމުން ދިޔަ އޭނާގެ ސުލޫކީ މައްސަލާގައި 60 ދުވަހުގެ ސަސްޕެންޝަންއެއްގައި ވެސް ހުންނަވަނިކޮށެވެ.ގާޒީ އިބްރާހިމް އަލީއާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވާ މައްސަލައަކީ، ކޯޓު އަމުރު ނެރުމުގައި ގާނޫނުއަސާސީ އާއި ހިލާފަށް އޭނާ އަމަލުކޮށްފައިވާ ކަަމަށް ބުނެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައެވެ.އެކަންކަމަށް ރިއާޔަތް ކޮށް ޖޭއެސްސީއިން ބުނީ އިބްރާހީމް އަލީގެ އަމަލުތަކަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެން ނުވާފަދަ އަމަލުތަކެއް ކަމަށް ވާތީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، ގާޒީ އިބްރާހީމް އަލީ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށެވެ.މިގޮތުން ޖަލު ބަންދުގައި ތިބި ބަޔަކު ބަންދުން ދޫކޮށްލަން ނިންމި ނިންމުމެއް އަލުން މުރާޖައާ ކުރުން ހައިކޯޓުން ކޮށްފައިވާ އަމުރަށް އަމަލު ކުރުމުގައި އޭނާ ގަސްތުގައި ލަސްކޮށްފައިވާ ކަމަށް ތުހުމަތު ކުރެއެވެ. މި މައްސަލަ ބަލައި ނިންމައި އޭނާ ގާޒީ ކަމުން ވަކިކުރަން މަޖިލީހަށް ފޮނުވީ މިދިޔަ ހަފުތާގައެވެ.ޖޭއެސްސީއިން ދަނީ އެކި ކަހަލަ ތުހުމަތުތައް ކުރެވޭ އެކި ކޯޓުތަކުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ބައެއް ފަނޑިޔާރުން ސަސްޕެންޑު ކުރަން ނިންމާފައިވާއިރު، އަނެއްބައި ފަނޑިޔާރުން މަގާމުން ވަކި ކުރަން ނިންމާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ