ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއިލް ނަސީމު ގޮވައިގެން ސުޕްރީމް ކޯޓަށް ވަންނާނެ ކަމުގެ އިންޒަރު މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ދެއްވައިފި އެވެ.
މަލީހު އެގޮތަށް އިންޒާރު ދެއްވާފައި ވަނީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރެއިން ބައެއް މެމްބަރުން މަސައްކަތް ފައްޓަވާފައި ވަނިކޮށެވެ. މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ މެމްބަރުން ދެބަޔަކަށް ބެހިފައިވާއިރު މަލީހުގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް މަސައްކަތް ފަށާފައިވަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ މެމްބަރުންތަކެކެވެ.
10 މެމްބަރަކު މިހާތަނަށް ސޮއިކުރައްވާފައިވާ އެ މައްސަލައިގެ ކަރުދާހުގައި ބުނެފައިވަނީ ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ދަށުން ހިންގާ ކޭމުން ހަދަން ޖެހޭ ގަވާއިދުތަކެއް މަލީހުގެ ވަޒީރު ކަމަށް ދެ އަހަރުވި އިރު ވެސް ނުހެދޭ ކަމަށެވެ. އެއީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމަކޮށް، ރެގިއުލޭޓްކޮށް ހިންގަން ކޮންމެހެން ބޭނުންވާ ގަވާއިދުތަކަކަށް ވެފައި އެ ގަވާއިދުތައް ނުހެދި ލަސްވާ ކޮންމެ ދުވަހަކު ދައުލަތާއި ރައްޔިތުންނަށް ގެއްލުންތަކެއްވާ ކަމަށް މައްސަލައިގައިވެ އެވެ.
މި މައްސަލައާއި ގުޅިގެން މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ލިބޭ ހައްގުގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރުގައި "ކޮޅުފައިން ޖެހުން" އަދި ޑިމޮކްރަސީގެ އަސާސްތައް "ފުނޑުފުނޑު" ކޮށްލުން ކަމަށެވެ.
މިއީ ނުރައްކަލުގެ ރަނގަބީލެއް، މީކާއިލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަންނާނަން
- މިނިސްޓަރު މަލީހު ޖަމާލު
މަލީހު ވިދާޅުވީ ކޭމް އަކީ މިނިވަން ޝަހުސެއް ކަމަށާއި ކޭމްގެ މައްޗަށް މަތިކުރި ކަމެއްގެ ޒިންމާ މި ސަރުކާރުގެ މިނިސްތަރަކު އުފުއްލަވަން ނުޖެހޭނެ ކަމަށެވެ. މީކާއިލް އިސްވެ ހުންނަވައި ތައްޔާރު ކުރެއްވި ގަރާރަކީ ދޮގު މައުލޫމާތު ހިމެނޭ ގަރާރެއް ކަމަށްވެސް މަލީހު ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު ޓީވީ ޕްރޮގުރާމެއްގައި މަލީހު ދެއްކެވި ވާހަކަތަކަކާއި ގުޅިގެން އެމްޑީޕީ މެމްބަރުން ގެންދަވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުނެވެ. މަލީހު އެ ޕްރޮގުރާމުގައި ވިދާޅުވީ ސަރުކާރު ހިންގަންވީ ގޮތް މަޖިލީހަށް ނޭނގޭނެ ކަމަށެވެ. އަދި މަޖިލިސް ރައީސް ގެންނަވަން މަސައްކަތް ކުރައްވާ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ނަޝީދަށް ތާޢީދު ކުރައްވާ އެމްޑީޕީގެ މެމްބަރުން މީގެ ކުރިން ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް މަޖިލީހަށް ވައްދަން މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް އެކަށީގެންވާ ވަރަށް ސޮއި ނުލިބުމުގެ ސަބަބުން އެމައްސަަލަ އަދިވެސް ހުށައެއްް ނާޅައެވެ. އެމައްސަލައިގައި އިސްކޮށް ހުންނެވީ ނަޝީދެވެ.
މީކާއިލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަންނާނަން: މަލީހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ