ތައުލީމީ ދާއިރާގެ ސިޔާސަތަކީ ދަރިވަރުން ބޭނުންވާ ދާއިރާތަކުން ކުރިއަށް ގެންދިއުން: މިނިސްޓަރު

ސަރުކާރުގެ ތައުލީމީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ދަރިވަރުންނަށް ކިޔަވަން ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިއުމަށް ހިތްވަރު ލިބޭ ގޮތަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓަރު ޑރ. އައިޝަތު ޝިހާމް މިހެން ވިދާޅުވީ ސްކޫލްތަކުގެ ގްރޭޑް އެކެއްގެ ދަރިވަރުން ހެލްތު ސްކްރީން ކުރުމަށް މިއަހަރު ހިންގި ޕްރޮގްރާމްގެ ރިޕޯޓް އާންމުކުރުމަށް މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
މިރިޕޯޓް ނެރެދެއްވީ މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރު އާއި މިނިސްޓާ އޮފް އެޑިއުކޭޝަން އާއިޝަތު ޝިހާމްގެ އިތުރުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސައިން ރަޝީދު އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ތައުލީމީ ސިޔާސަތުގައި ދަރިވަރަށް އުނގެނުމަށް ފަހި މާހައުލެއް ގާއިމުކުރުމަށާއި ދުޅަހެޔޮ ސިއްހަތެއް ހޯދައިދިނުމަށާއި ތައުލީމް ހާސިލްކުރުމުން މަހްރޫމްވާ ކަންކަން ދެނެގަނެ އެކަންކަމަށް ހައްލު ހޯދަން އިސްކަންދީފައިވާނެ ކަަމަށެވެ.
މިނިސްޓަރު ވިދާޅުވީ ތައުލީމީ ދާއިރާގެ ސިޔާސަތަށް ގެންނަމުންދާ ބަދަލުތަކާ އެކު ފާއިތުވި ހަތަރު އަހަރަކީ ތައުލީމީ ދާއިރާއަށް މުހިއްމު ބަދަލުތަކެއް ގެނެވިފައިވާ ކާމިޔާބު އަހަރުތަކެއް ކަމަށެވެ. މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ދަރިވަރުން ތައުލީމީ ގޮތުން ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށާއި އަދި ކިޔަވައިދިނުމާއި ސުކޫލު ތަކުގެ ހިންގުމަށްވެސް ހަރުދަނާ ބަދަލުތަކެއް ގެނެވިފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ސުކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންނަކީ އެންމެ ދަށްވެގެން ޑިޕްލޮމާ ހާސިލްކޮށްފައިވާ ބަޔަކަށް ހެދުމަށް ކުރިއަށް ގެންދެވުނު ޕްރޮގްރާމްގެ ދަށުން 1123 ޓީޗަރުން ތަމްރީން ކުރެވުނު ކަމަށެވެ. އަދި ސުކޫލުތައް ހިންގަން ތިބި ޕްރިންސިޕަލުންނަކީ ދިވެހިންނަށް ހެދުމަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން ސުކޫލުތައް ހިންގަން ތިބި 83 އިންސައްތަ ޕްރިންސިޕަލުންނަކީ ދިވެހިން ކަމަށް ހެދިފައިވާ ކަަމަށްވެސް ވިދާޅުވި އެވެ. މިކާމިޔާބީތަކާ އެކު ސަރުކާރުގެ މިހާރުގެ އަމާޒަކީ 3000 ޓީޗަރުން ޑިގްރީ ފެންވަރަށް ތަމްރީނު ކުރުން ކަމަށްވެސް ވިދާޅުވި އެވެ.
އެމްއެންޑީއެފް މެޑިކަލް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދިއަޔަ މިޕްރޮގްރާމްގައި އުމުރުން ފަސް އަހަރާއި ނުވަ އަހަރާއި ދެމެދުގެ ޖުމްލަ 4831 ދަރިވަރުން ވަނީ ހެލްތު ސްކްރީން ކޮށްފަ އެވެ. މި ޕްރޮގްރާމްގައި ބަލާފައިވަނީ ދަރިވަރުގެ ބަރުދަނާއި އަޑުއިވުމާއި ލޮލުގެ ފެނުމާއި އަނގައިގެ މައްސަލަތަކަށެވެ.
މިޕްރޮގްރާމްގެ ނަތީޖާއަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވިފައިވަނީ ދަރިވަރުންނަށް ލޮލާއި ދަތުގެ މައްސަލަތައް ކުރިމަތިވެފައިވާ ނިސްބަތް އެހެން މައްސަލަތަކަށް ވުރެ އިތުރުވެގެން ގޮސްފައިވާ ކަމަށާއި އަދި ދަރިވަރުންގެ ބަރުދަން ބެލިއިރު ބައެއް ކުދިން މާބޮޑަށް ލުއިވެފައި ބައެއް ކުދިން މާބޮޑަށް ބަރުވެފައި ހުރިކަން ފާހަގަކުރެވުނު ކަމަށް އެމްއެންޑީއެފް މެޑިކަލް ސާވިސްއިން ބުނެ އެވެ.
ސްކޫލްތަކުގެ ގުރޭޑު އެކެއްގެ ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ސިއްހީ މައްސަލަތައް ދެނެގަތުމަށް ހިންގާ މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޑިފެންސް މިނިސްޓްރީ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދަރިވަރުން ހެދިބޮޑުވުމުގައި ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ އެކުދިންގެ ބެލެނިވެރިންނާއި ހިއްސާކޮށް ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން އެމްއެންޑީއެފް މެޑިކަލް ސާވިސްއިން ފޯރުކޮށްދީފައިވެ އެވެ. މި ޕްރޮގްރާމްގައި ދަރިވަރުން ހެލްތު ސްރީން ކުރުމުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް މެޑިކަލް ސާވިސްގެ ޑޮކްޓަރުންނާއި ސިއްހީ ދާއިރާއިން ތަމްރީން ވެފައިވާ ސިފައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ