މަޖިލިސް ސަލާމަތީ ބާރުތަކުގެ ޝިކާރައަކަށްވެފައި އޮތުން ބަދަލުކުރަން ޖެހޭ: މައުމޫނު

މިވަގުތު އެންމެ އިސްކަންދޭންވީ ރައްޔިތުންގެ މަޖިލީހަކީ ސަލާމަތީ ބާރުތަކުގެ ޝިކާރައަކަށްވެފައި އޮތުމުގެ ބަދަލުގައި ރައްޔިތުންގެ މަޖިލީސް އޭގެ ޤާނޫނީ ހައިސިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭ ހިސާބަކަށް ގެނެސްދިނުންކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ އިިދިކޮޅު ފަރާތްތަކުން މާމިނގިލީގައި ބޭއްވި ޖަލްސާއަށް ރައީސް މައުމޫނު ފޮނުއްވި މެސެޖްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ، ސަލާމަތީ ބާރުތަކުގެ ޝިކާރައަކަށްވެފައި އޮތުމުގެ ބަދަލުގައި، އެއީ ޤާނޫނު ހެދުމުގެ ބާރު ފުރިހަމައަށް ލިބިފައިވާ، އަދި ސަރުކާރު ޒިންމާދާރުކުރުވުމުގެ ކެރިކުޅަދާނަކަން ލިބިފައިވާ، އަދި ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ އަޑު އިއްވޭ ތަނަކަށް ހެދުމަކީ މިވަގުތު އެންމެ އިސްކަން ދޭންވީ އެއް ކަންތައް ކަމުގައެވެ.
"އަޅުގަނޑު ދެކޭގޮތުގައި ޤައުމުގެ ކަންތައްތަކަށް ގެންނަން ބޭނުންވާ އިޞްލާޙުތައް ފެށެންވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެމަޖިލީހުން ފާސްކުރެވޭ ޤާނޫނުތަކުންނެވެ. އެމަޖިލީހުން ނިންމާ ނިންމުތަކުންނެވެ. ޤާނޫނު އަސާސީގައިވާގޮތުން ދައުލަތުގެ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި އެ ވެރިކަން ދެމިއޮންނަނީވެސް ރައްޔިތުންގެ އަތްމަތީގައެވެ. އެހެންވީމާ، ދައުލަތުގެ ކަންކަން އިޞްލާޙުކޮށް ރަނގަޅުކުރެވޭނީ، ރައްޔިތުން އިންތިޚާބުކޮށްފައިވާ މަންދޫބުން ތިއްބަވާ ރައްޔިތުންގެ މަޖިލީސް ހަރުދަނާ ވެގެންނެވެ. ރައްޔިތުންގެ މަޖިލީސް އޭގެ ފުރިހަމަގޮތުގައި ޙަރަކާތްތެރިވެގެންނެވެ" ރައީސް މައުމޫނުގެ ބަޔާނުގައި ވެއެވެ.
ރައީސް މައުމޫނު ވިދާޅުވީ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ރައްޔިތުންގެ މަޖިލީސް މިހާރު އެއޮތް ޙިޞާރުކުރެވުމުން ސަލާމަތްކުރުން ކަމަށާއި މަޖިލީހުން ވަކިވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނާ މެންބަރުންނަކީ ވަކިނުވާ މެންބަރުންކަން ޔަޤީންކޮށްދިނުން ކަމުގައެވެ.
މަޖިލީހަށް ވަންނަން މަސައްކަތްކުރުމުން ކުށްވެރިވެދާނެކަމުގެ ބިރު ކުރިމަތިކޮށްފައި ތިބި މެންބަރުން އެ ބިރުން ސަލާމަތް ކޮށްދިނުމާއި ރައްޔިތުންގެ މަޖިލީހަށް އޭގެ ދުސްތޫރީ ހައިސިއްޔަތު ފުރިހަމައަށް ހޯދައިދިނުމަކީވެސް މިވަގުތު އިސްކަން ދޭންވީ ކަމެއް ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ