އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި "ނިއު އެމެރިކާ މޫވްމަންޓް"ގެ ނަމުގައި އެމެރިކާއަށް އާބަދަލުތަކެއް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގެންފި އެވެ.
އެެމެރިކާގެ ކޮންގްރެސްގެ މެންބަރުންނާއި މުހާތަބު ކުރައްވާ ޓްރަމްޕް ވިދާޅުވީ ހުރިހާ އެންމެން އެކުގައި އެއް ޓީމެއްގެ ގޮތުގައި އެއް އާއިލާއެއްގެ ގޮތުގައި މަސައްކަތް ކުރަން ގޮވާލައްވާ ކަމަށެވެ.
އެމެރިކާގެ އިގްތިސާދު ރަނގަޅު ވަމުންދާ ކަމަށާއި، އެމެރިކާގެ ހުވަންފެންތައް ހަގީގަތަކަށް ހެދުމަށް މިއަށްވުރެ ވަކި ރަނގަޅު ވަގުތެއް ނެތް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
މީގެ އެއް އަހަރު ކުރިން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޓްރަމްޕްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވަނީ ރައްކާތެރި ވަރުގަދަ އަދި ފަޚުރުވެރި އެމެރިކާއެއް އުފައްދަވާނެ ކަމަށެވެ.
ޓްރަމްޕްގެ ތަގުރީރުގައި ވަނީ ގުއަންޓަނާމޯބޭ ޖަލު ބަންދުނުކުރާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އެ ޖަލަކީ އޮބާމާގެ ސަރުކާރުން ބަންދުކުރުމަށް ނިންމާފައިވާ ޖަލެކެވެ.
އެމެރިކާއިން އެހެން ގައުމުތަކަށް ދޭ އެހީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ ގުދުސް އަކީ އިސްރާއީލްގެ ވެރިރަށް ކަމުގައި އެމެރިކާއިން ނިންމި ނިންމުމާ ދެކޮޅަށް އދ ގައި ވޯޓު ދިން ގައުމުތަކަށް އެހީގެ ގޮތުގައި ފައިސާ ފޮނުވުމަކީ އެމެރިކާއަށް ހެދިފައިވާ ގޯހެއް ކަމަށެވެ.
ޓްރަމްޕް ވިދާޅުވީ ބައެއް ގައުމުތަކުން އދގެ އާންމު މަޖިލީހުގައި އެމެރިކާގެ ދުސްތޫރީ ނިންމުމަކާ ދެކޮޅު ހެދި ކަމަށާއި، އެހެންނަމަވެސް އެމެރިކާގައި ޓެކްސް ދައްކާ މީހުންގެ ފައިސާއިން ކޮންމެ އަހަރަކުވެސް އެތައް ބިލިއަން ޑޮލަރެއް އެފަދަ ގައުމުތަކަށް އެމެރިކާ އިން ހަރަދު ކުރަމުންދާ ކަމަށެވެ. އެމެރިކާއިން އެހީދޭން ޖެހޭނީ ހަމައެކަނި އެމެރިކާގެ ރަހުމަތްތެރިންނަށް ކަމަށާއި، އެހެން ގައުމުތަކަށް އެހީތައް ދިނުން ހުއްޓާލަން ޖެހޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާއިން ދޭ އެހީ އަކީ އަބަދުވެސް އެމެރިކާއިން ބޭނުންވާ ގޮތަށް ހޭދަކުރާ ފައިސާއަށް ހެދުމަށް ގާނޫނު ހަދާ މަޖިލީހުން ގާނޫނެއް ފާސްކުރަންޖެހޭ ކަމަށާއި ރަހްމަތްތެރިން ނޫން އެހެން ބަޔަކަށް އެންމެ ޑޮލަރެއްވެސް ހޭދަ ކޮށްގެން ނުވާނެ ކަމަށެވެ.
ޓްރަމްޕްގެ ތަގުރީރުގައި ހާޖިރީ ގުޅުންތަކާއި ބެހޭ ގޮތުންވެސް ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އުތުރު ކޮރެއާގެ ނިއުކްލިއާ މިސައިލްތަކުން އެމެރިކާއަށް ބިރުވެރިކަން އެބައޮތް ކަމަށާއި، އެހެންވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ސީރިއާގެ މަޝްރަހާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ އިސްލާމިކް ސްޓޭޓް (އައިއެސް) ކޮންޓްރޯލް ކުރަމުން ގެންދިޔަ ސީރިއާގެ ހުރިހާ ސަރަހައްދެއްވެސް މިހާރު އެމީހުންގެ އަތުން އަނބުރާ ހޯދިފައިވާ ކަމަށެވެ. އެހެންނަމަވެސް އައިއެސް ބަލި ކުރެވެންދެން އެމެރިކާއިން ހަނގުރާމަ ކުރާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި އެމެރިކާގެ އިން ބައިވެެރިވާ އެންމެ ދުވަސްވީ ހަނގުރާމަ އަކީ އަފްޣާނިސްތާނު ހަނގުރާމަ ކަމަށާއި، އެގައުމުގައި އެމެރިކާއަށް ކާމިޔާބު ހޯދިފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ އެންމެ ބޮޑު ދެ ވާދަވެރިންނަކީ ރަޝިއާ އާއި ޗައިނާ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އެކަމަކު މި ދެގައުމާ ގުޅޭ ގޮތުން ތަގުރީރުގައި އިތުރު ވާހަކަފުޅެއް ނުދައްކަވަ އެވެ.
ރައްޔިތުން އެކަތިގަނޑަކަށްވުމަށް ޓްރަމްޕް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ