ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބަހާލައިގެން 25 ރަށެއްގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކުރިއަށް ގެންދިޔަ ހަރަކާތްތައް އެތައް ހާސް ރައްޔިތުންނާއިއެކު ނިންމާލައިފިއެވެ.
މިއަދު ހަވީރު ހަރަކާތްތައް ކުރިއަށް ގެންދިޔަ ރަށްތަކުގެ ތެރޭގައި ހއ. ހޯރަފުށި، ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ނ. ވެލިދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. ގުރާދޫ، އއ. ތޮއްޑޫ، އދ. ދަނގެތި، ވ. ފެލިދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، މ. މުލަކު، ތ. ގުރައިދޫ، ލ. ފޮނަދޫ، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، ސ. ހިތަދޫ ގެ އިތުރުން ސ. ހުޅުދޫ ހިމެނެއެވެ.
މި ހަރަކާތްތަކުގައި ޕީޕީއެމްއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގެންފައިވާއިރު، ކޮންމެ ރަށަކުންވެސް ރައީސް ޔާމީން ގެންނަވާ ތަރައްޤީއަށް ތާޢީދު ކުރައްވާ ރައްޔިތުން ވަނީ ޝުޢޫރު ފާޅުކުރައްވާފައެވެ.
ބައެއް ރަށްރަށުގައި ގިނަ އަދަދެއްގެ ޒުވާނުންނާއިއެކު ސައިކަލު ބުރުތައް ކުރިއަށް ގެންގޮސްފައިވާއިރު، އަނެއްބައި ރަށްރަށުގައި ގިނަ އަދަދެއްގެ އަންހެން ބޭފުޅުންނާއިއެކު ހިނގާލުންތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އައްޑޫ، ލ. އަތޮޅު އަދި ފުވައްމުލަކު ފަދަ ބޮޑު އާބާދީ އޮންނަ ސަރަޚައްދުތަކުގައި އެއްވުންތައް ބާއްވާފައިވާއިރު، މަޖިލިސް މެމްބަރުންނާއި ރައްޔިތުންވެސް ވަނީ ޝުޢޫރު ފާޅުކޮށްފައެވެ.
މީގެ އިތުރުން މާލޭގެ ތިން ސަރަޚައްދެއްގައިވެސް "ތަރައްޤީއާއެކު ރައްޔިތުން" ހަރަކާތް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ރަސްފަންނު ސަރައްޚައްދުގައި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދިޔައިރު، ބްރިޖް ވިއު ޕްލެޓްފޯމުގައި މޯލްޑިވިއަން އައިޑޮލްގެ ބޭންޑާ، އައިޑޮލްގެ ލަވަކިޔުންތެރިންނާއެކު މިޔުޒިކް ޝޯވްއެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކާނިވާ ސަރަޚައްދުގައިވެސް ސްޓޯލްތަކެއް ބެހެއްޓި ސްޓެލްކޯއިން އިންތިޒާމުކުރި އާއިލީ ހަވީރެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަދުގެ ހަރަކާތްތަކުގެ އިތުރުން މިރެއާ، މާދަމާވެސް މާލެއާއި ރަށްރަށުގައި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ޕީޕީއެމްއިން ވަނީ ތައްޔާރުވެފައެވެ.
އެތައް ހާސް ރައްޔިތުންނާއެކު 25 ރަށެއްގައި "ތަރައްޤީއާއެކު ރައްޔިތުން" ހަރަކާތް ކުރިއަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ