ޑރ.މަޖީދުގެ ބޮޑު ތުހުމަތެއް ރައީސް ޔާމީނަށް

ޖަލުގައި ތިބި ސިޔާސީ ފަރާތްތަކަށް އާއިލީ ބައްދަލުވުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި އެ ހައްގުން އެ ފަރާތްތަށް މަހްރޫމްކޮށްފައިވަނީ ރައީސް ޔާމީން އަންގަވައިގެން ކަމަށް ވިދާޅުވެ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ ރައީސް ޔާމީންގެ މައްޗަށް ބޮޑު ތުހުމަތެއް ކުރައްވައިފިއެވެ.
ޑރ.މަޖީދު މިހެން ވިދާޅުވީ ރަަސްދޫގައި އިދިކޮޅު ފަރާތްތަކުން މިރޭ ބާއްވަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ޖަލުގައި ތިބި އަޅުގަނޑުމެންގެ ސިޔާސީ ލީޑަރުންނާއި ސިޔާސީ ހައްޔަރީންނަށް މިވަނީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ އާއިލީ ބައްދަލުވުމުގެ ހައްޤުން މަހްރޫމްކޮށްފައި. މިކަން މިގޮތަށް ނުކުރުމަށް އަޅުގަނޑު ކަރެކްޝަން ސާވިސްއަށާއި ސަރުކާރަށް ގޮވާލަން. އަދި އަޅުގަނޑަށް އެނގޭ ކަރެކްޝަންގެ ބޭފުޅުންވެސް އެގޮތަށް ކަންތައް ކުރައްވަނީ ބޭނުންފުޅު ވެގެންނެއް ނޫންކަން. އެއީ ރައީސް ޔާމީންގެ އެންގުމަށް ކުރާ ކަމެއް" ޑރ.މަޖީދު ވިދާޅުވިއެވެ.
މި ސަރުކާރަކީ އަނިޔާވެރި ސަރުކާރެއްް ކަމަށާއި އޭގެ އެންމެ ބޮޑު ހެއްކަކީ  ރާއްޖޭގެ ރައީސްކަން 30 އަހަރު ކުރެއްވި އަދި ނިޝާނުލް ގާޒީގެ ލަގަބް ލިބިވަޑައިގެން ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދެމުންގެންދާ އަނިޔާ ކަމަށް ޑރ.މަޖީދު ވިދާޅުވިއެވެ.
ރައީސް މައުމޫން މުސްކުޅިވެފައި ވަނިކޮށް ޖަލަށް ލައި އަދި އެވަރުން ނުފުދިގެން ކޯޓަށް ގެންގޮސް 6 ނުވަތަ 7 ގަޑިއިރު ބައިންދަނީ ސީދާ ރައީސް ޔާމީންގެ އެންގުމަށް ކުރާ ކަމެއް ކަމަށް ވެސް ޑރ.މަޖީދު ވިދާޅުވިއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ގެއްލުމަކީ ސަރުކާރުން ހާސްވާން ޖެހޭ ވަރުގެ ކަމެއް ނޫންކަމަށާއި އެއި ސަރުކާރުން ކަންބޮޑު ވާން ޖެހޭ ކަމެއް ނޫން ކަމަށްވެސް ޑރ.މަޖީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ