އިންޑިއާ ފަތުރުވެރިން ރާއްޖެއަށް އައުމަށް ވަޒީރު ފައިސަލް އެދިވަޑައިގެންފި

އިންޑިއާ ފަތުރުވެރިން ރާއްޖެއަށް އައުމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އެދިވަޑައިގެންފިއެވެ.
މިހާރު ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓު (އޭޓީއެމް) ފެެއާގެތެރެއިން އިންޑިއާގެ ޕްރެސް ޓްރަސްޓު އޮފް އިންޑިއާ (ޕީޓީއައި) އަށް ދެއްވި އިންޓަވިއުއެއްގައި ފައިސަލް ވިދާޅުވީ އިންޑިއާ ފަތުރުވެރިންނަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި އެ ގައުމުގެ ފަތުރުވެރިން ރާއްޖެ އަންނަން އެދޭ ކަމަށެވެ.
ފައިސަލް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއަކީ ކުރިން ފެށީގެން ހާރިޖީ ގުޅުން އޮތް ދެ ގައުމު ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ދެގައުމު އެކުގައި މަސައްކަތް ކުރަން ބޭނުންވާ ކަމަަށާއި، އިންޑިއާގެ ފަތުރުވެރިންނަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއިން އަބަދުވެސް ޕްރޮމޯޓު ކުރާނީ ހަމަޖެހުމާއި އެކުވެރިކަން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އިންޑިއާއަކީ އާބާދީ ބޮޑު ގައުމަކަށް ވެފައި އެ ގައުމުގެ މާކެޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު ހިއްސާ ކަމަށް ވެސް ވިދާޅުވިއެވެ.
ޓޫރިިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރުގެ ޖެނުއަރީ އިން އެޕްރީލްގެ ނިޔަލަށް އިންޑިއާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 73،785 އެވެ. މި އަހަރުގެ އޭޕްރީލްގެ ނިޔަލަށް އިންޑިއާ އިން އައިސްފައި ވަނީ 42،638 ފަތުރުވެރިންނެވެ.
އިންޑިއާއަކީ ރާއްޖެެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ދިވެހި ސަރުކާރުގެ ތިން އޮފިޝަލަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކެވުމާއި، ގުޅިގެން އެ ގައުމުގެ ފަތުރުވެރިން ރާއްޖެ ނާންނަން ގޮވާލައި އިންޑިއާގައި ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދި އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ