ދާއިރާގެ ވޯޓުން މެންބަރުން ވަކިކުރެވޭ ގޮތަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ވޯޓުން މަޖިލިސް މެންބަރުން ވަކިކުރެވޭ ގޮތަށް ގާނޫނޫ އަސާސީ އަށް ހުށަހެޅި އިސްލާހު އަނބުރާ ގެންގޮސްފިއެވެ
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ދަ ޑިމޮކްރެޓްސްގެ ރައީސް، ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފެވެ. މި އިސްލާހު އިއްޔެގެ ވަގުތެއްގައި އަނބުރާ ގެންދަވާފައިވާ ކަމަށް ރިޔާސަތުން މިއަދު ވަނީ އިއުލާންކުރައްވާފައެވެ.
ހަސަން ހުށަހަޅުއްވި އިސްލާހުގައި ވަނީ ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގެ ފަހަތަށް (ބ) ގެ ގޮތުގައި އަކުރެއް އިތުރު ކުރުމަށެވެ. އެ އަކުރުގައި މަޖިލީހުގެ މެންބަރު ކަމުން ވަކިވާނެ ފަސް ހާލަތެއް ބަޔާން ކޮށްފައިވެއެވެ.
މަޖިލީސް މެމްބަރުން އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ގޮނޑި ގެއްލޭނެ އުސޫލު ވަނީ ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަސްދީގުވެސް ކޮށްފައެވެ. އެހެން ނަމަވެސް އެ ގާނޫނުގައި މެމްބަރުން ވަކިވާގޮތެއް ބަޔާންކޮށްފައިނުވެއެވެ. އެހެން ނަމަވެސް އޭގައި އޮންނަނީ ޕާޓި ބަދަލުވެއްޖެ ނަމަ އެކަން އިލެކްޝަނަށް އަންގައި އަމިއްލައަށް އިސްތިއުފާދިނުމަށެވެ.
މި އިސްލާހުގެ އިތުރުން އިލެކްޝަންސް ކޮމިޝަނަށް މެންބަރުން ހޯދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބޭ ގޮތަށް ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ހުށަހަޅާފައިވާ އިސްލާހެއް ވެސް ވަނީ އަނބުރާ ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ