ޔަޒީދަށް ރުހުން ނުދިން، ޓެކްސް ކޮމިޝަނަރު ކަމަށް ޒަރީރު

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ކުރިން ހުންނެވި ޔަޒީދު މުހައްމަދަށް ރުހުން ނުދީ އެ މަގާމަށް ހަސަން ޒަރީރު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ރުހުން ދީފިއެވެ.
މިއަދު ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ބޭފުޅުންނާ އިންޓަވިއު ކޮށް އައްޔަނު ކުރަން ފެންނަ ބޭފުޅަކާ މެދު ގޮތެއް ނިންމަވާފައެވެ.
ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ފެނިވަޑައިގަންނަވާ ނަންތަކުގެ ތަރުތީބުގެ ކުރީގައި އޮތީ ކުރީގެ ރައިސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ މަގާމުގައި ހުންނެވި ޔަޒީދު މުހައްމަދުގެ ނަމެވެ. އަދި ދެވަނައިގައި އޮތީ އޭރު ޑެޕިއުޓީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރެވެ.
މިއަދު ކުރިއަށްގެންދިޔަ އިގްތިސާދީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ޔަޒީދު އައްޔަނު ކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ހަތަރު މެންބަރުންނެވެ. އަދި ޒަރީރު އެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް 10 މެންބަރުން ވޯޓު ދެއްވިއެވެ.
ޔަޒީދު އަދި ޒަރީރުގެ މަގާމު 2019 ވަނަ އަހަރު ގެއްލުނީ އެމްޑީޕީން ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާއެކުއެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރުމަށް ހުޅުވާލީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ