މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، އުދަ އަރާފާނެ ކަމުގެ އިންޒާރު މެޓް އޮފީހުން ދެއްވައިފި

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އުދަ އަރާފާނެކަމުގެ އިންޒާރު ދެއްވައިފިއެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ހާމަކުރައްވައެވެ.  މިއަދު އުތުރުގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ 14:01 ގައެވެ. މެދުތެރޭގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ 15:04 ގައެވެ. ދެކުނުގެ ސަރަހައްދުތަކަށް ދިޔަވަރު އެންމެ ބޮޑު ވާނީ 15:48 ގައެވެ. މެޓް އޮފީހުން ވިދާޅުވީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ހުރިހާ ހިސާބެއްގައިވެސް ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ވަނީ ހާމަ ކުރައްވާފައެވެ. މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ގދ.އަތޮޅުން ފެށިގެން ހއ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެލާޓް ނެރެފައި ވަނީ މިއަދު 17:30 އާއި ހަމައަށެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވީ މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަކީ މިސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. މޫސުން ގޯސްވުމާއި ގުޅިގެން ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފްއިންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ