އަހުމަދު އަބްދުﷲގެ އަމިއްލަ އޮފީހަށް ބަޔަކު ވަދެ، 36،500ރ. ވަގަށް ނަގައިފި

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަހުމަދު އަބްދުﷲގެ އަމިއްލަ އޮފީހަށް ރޭ ބަޔަކު ވަދެ، 36،500ރ. ވަގަށް ނަގައިފި އެވެ.
އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރުގެ އަމިއްލަ ވިޔަފާރީގެ މަސައްކަތް ހިންގާ އޮފީހަށް ވަޅި ހިފައިގެން ގްރޫޕަކުން ވަދެ، އޮފީހުގައި އެވަގުތު ހުރި މުއައްޒަފުގެ އަތާއި ފައި އަދި މޫނު ބަނދެ، 36،500 ރުފިޔާ އާއި ދެ ލެޕްޓޮޕް ވަގަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޮފީހުގެ ގޮނޑި އާއި މޭޒާއި އެހެނިހެން ތަކެއްޗަށް ވަރަށް ބޮޑަށް ގެއްލުންދީ އަހުމަދު ”ދުއްވާލާނެ“ ކަމުގެ އިންޒާރު، އެތާ ހުރި މުވައްޒަފަށް ދިން ކަމަށެވެ.
އެ ޕާޓީން ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންގެ ޓީމެއް ގޮސް، ރިޕޯޓުނަގައި، ފޮރެންސިކް ހެކި ހޯދުމުގެ މަސައްކަތް ކުށުގެ ވެށީގައި ކޮށްފައިވާ ކަމަށެވެ.
"މިމަސްއަލާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މިއީ އާދައިގެ ވައްކަމެއް ނުވަތަ ފޭރުމެއް ކަމަކަށް ނުބެލެވޭ. މި ޕާޓީން ދެކެނީ މިއީ އަހުމަދު އަބްދުﷲއަށް ސީދާ އަމާޒުކޮށް، ރިޔާސީ އިންތިހާބު ބޯމަތިވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ދުރާލައި ރާވައިގެން ހިންގާފައިވާ ޖިނާއީ ކުށެއް،" އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން ބުނީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބަށް އަމާޒުކޮށް ހިންގާފައިވާ އެ ނޭއްގާނީ އަމަލު ފުރިހަމަ ތަހުގީގެއް ކޮށް، ކުށުގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށާއި ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
"އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަޝިޕްގެ ބޭފުޅުންނަށާއި ހަރަކާތްތެރިންނަށް އަމާޒުކޮށް، ރިޔާސީ އިންތިހާބާ ދިމާކޮށް، ކުރަމުންދާ ގޯނާއާއި އެކި ބާވަތުގެ ގެއްލުމާއި އުނދަގޫތައް ހުއްޓާލުމަށް ވެސް މި ޕާޓީއިން ގޮވާލައި އެފަދަ އަމަލުތައް ކުށްވެރިކުރަން،" އެމްޑީޕީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ