އިންސާފުގެ މަގަށް ރާއްޖެ ގެންދަން ރައްޔިތުން ތައްޔާރު: އިބޫ

ދިވެހި ރައްޔިތުން ތިބީ އިންސާފުގެ މަގަށް ރާއްޖެ ގެންދިއުމަށް ތައްޔާރަށް ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލަށް ކުރެއްވި ކެމްޕޭން ދަތުރުފުޅަށްފަހު ރޭ މާލެ ވަޑައިގެން މިއަދު މާލޭގައި ހެންވޭރުގައި ދޮރުންދޮރަށް ހިންގަވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ އަނިޔާވެރިކަން ނިންމަން ކެތްމަދުވެފައި ކަމަށެވެ. ތ.އަތޮޅާއި ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންގެ ޝުއޫރުތަކުން އެކަން ރަގަޅަށް ސާބިތުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެންމެ ފުރަތަމަވެސް ރައްޔިތުން ބޭނުންވަނީ އަދުލުއިންސާފު ކަމަށާއި އޭގެ ކުރިއަށް އެހެން އެއްވެސް ކަމެއް ނާންނަ ކަމަށެވެ.
"ރަށްރަށުން އެންމެ ފުރަތަމަ ކަމަކަށް ފާހަގަވަނީ އަދުލުއިންސާފު ބޭނުންވެފައި ތިބިވަރު. އަނިޔަވެރިކަން ނައްތާލަން ބޭނުންވާވަރު. އެއަށްފަހު އެހެން ކަންކަން އަންނަނީ. ވަރަށް ބޮޑަށް ބޭނުންވެފައި ތިބީ އަނިޔާވެރިކަން ނައްތާލައި އިންސާފު ގާއިމުކުރުމަށް. އޭގެ ކުރިއަށް އެހެން ކަމެއްނާދޭ. އަޅުގަނޑުމެން ކެމްޕޭންގައި ބޭނުންކުރާ ސްލޯގަންގައިވާ ގޮތަށް އިންސާފުގެ މަގަށް ރާއްޖެ ގެންދިއުމަށް ރައްޔިތުން ތިބީ ތައްޔާރަށްކަން ފާހަގަވެގެންދިޔަ" އިބޫ ވިދާޅުވިއެވެ.
ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް ވިދާޅުވީ ވެރިކަމަށް އަންނަން އުޅޭ ބަޔަކު ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ އަޑުއަހަންޖެހޭ ކަމަށެވެ. އެމަނިކުފާނާއި ރަނިންމޭޓް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވަނީ އެހެންވެ ކަމަށެވެ. މިދަތުރުތަކުން ރައްޔިތުން ތިބި ގޮތް އެގޭ ކަމަށާއި އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް އެބޭފުޅުންނަށް ލިބޭނެ ކަމަށް ޔަގީންވާ ކަމަށް ވިދާޅުވިއެވެ.
އިބްރާހީމް މުހައްމަދު ސޯލިހު ގެންދަވަނީ މިއަދު ހެނދުނުން ފެށިގެން ހެންވޭރުގެ ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލަތު ބައްލަވަމުންނެވެ. އެގޮތުން އުމުރުންދުވަސްވީ މީހުންނާއި އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދިންނާ ވެސް ބައްދަލުކުރައްވައި ދިރިއުޅުމުގައި ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވައި އެކަންކަން ހައްލުކުރަން ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއްގައި ގެންގުޅޭނެ ސިޔާސަތުތައް ހިއްސާކުރައްވާފައިވެއެވެ.
މިއަދާއި މާދަމާ މާލޭގައި ކެމްޕޭންގެ އެކިއެކި ހަރަކާތްތަކުގައި އުޅުއްވުމަށްފަހު އިބްރާހީމް މުހައްމަދު ސޯލިހު ހޮނިހިރު ދުވަހު ވަޑައިގަންނަވާނީ ހދ.އަތޮޅަށެވެ. އެދަތުރުފުޅުގައި އެއަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ