ނަޝީދަށް ދިން ހަމަލާ: އަބްދުﷲ އަލިމަނިކާއި ތަސްލީމް، ޝަރީއަތް ނިމެންދެން ބަންދު!

މިދިޔަ މޭމަހުގެ 6 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލައާ ގުޅިގެން، ހައްޔަރުކުރި އަބްދުﷲ އަލިމަނިކާއި މުހައްމަދު ތަސްލީމް، ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފިއެވެ.
މީގެ ކުރިން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ދެ މީހުންނަށް ވެސް ވަކީލަކު ހަމަޖެއްސުމުގެ ފުރުސަތު ދިނުމުގެ ގޮތުން ބަންދުގެ މުއްދަތަކަށް ދިނީ 5 ދުވަހެވެ.
މިއަދުގެ އަޑުއެހުމާ ހަަމައަށް ވެސް އަލި މަނިކޮށް ވަކީލަކު ހަމަޖެހިފައެއް ނުވެއެވެ. އޭނާއަށް ދިން ފުރުސަތުގައި އެދިފައިވަނީ ޝަރުތުތަކާއެކު ވިޔަސް އޭނާގެ ބަންދަށް ލުޔެއް ދިނުމަށެވެ. ތަސްލީމްގެ ދިފާއީ ވަކީލަކު މިއަދު ބައިވެރިވިއިރު އޭނާ ވެސް ވަނީ ތަސްލީމްގެ ބަންދަށް ލުޔެއް ދިނުމަށް އެދިފައެވެ. އެހެންނަމަވެސް ދައުލަތުން ނިންމީ އެ މީހުން މިނިވަންކޮށްފިނަމަ މުޖުތަމައަށް ނުރައްކާވުމުގެ ފުރުސަތު އޮތުމުގެ ސަބަބުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.
މީގެ އިތުރުން މި މައްސަލައިގާ ބަންދު ކުރެވޭ ވަރަށް ދައުލަތުން ހެކި ގަރީނާ ހުށަހަޅާފައިވާތީ، ޝަރީއަތުން ވަކި ގޮތެއް ނިންމަން ދެން ރިމާންޑް ޖަލެއްގައި ބަންދު ކުރަން އަމުރު ކުރެއްވިއެވެ.
ތަސްލީމާއި އަލިމަނިކުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާއެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކުރިއިރު، އޭގެ ތެރެއިން އެކަކު ވަނީ ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ