ޔާމީން ރަޝީދު މަރާލި ކަމުގެ ދައުވާ ހައިޝަމާއި ޒިހާންއަށް ސާބިތުވެއްޖެ

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި ކަމުގެ ދައުވާ އިސްމާއިލް ހައިޝަމް ރަޝީދާއި އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް ސާބިތުވެއްޖެއެވެ. އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި މ. ތާއިފް، އިސްމާއިލް ރަޝީދާއި ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި މ. ކުދެހިގެ ހަސަން ޝިފާޒާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ އެންމެންގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އޭގެ ތެރެއިން ޔާމީން ރަޝީދު މަރާލުމައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތުކޮށްފައި ވަނީ ދައުވާ ލިބޭ ޒިހާނާއި ހައިޝަމަށެވެ. އަދި ދައުވާ ލިބޭ އިސްމާއީލް ރަޝީދަކީ ހަމަލާދިން މީހުންނާއެކު އެގެކައިރިއަށްގޮސް އެގޭގެ ބޭރުގައި މަޑުކޮށްގެން ހުރި މީހާ ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ހައިޝަމާއި ޒިހާންގެ މައްޗަށް ދައުވާ ސާބިތުވި އިރު ބާކީ ހަތަރު މީހުން ވަނީ ދައުވާއިން ސަލާމަތްވެފައެވެ. މިދިޔަ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމަގައި ވަނީ ޑިސެމްބަރު މަހުގެ ތެރޭގައި އެ މައްސަލައިގެ ހުކުމް ކުރުމަށް ނިންމައިފައެވެ. ނަމަވެސް ޔާމީން ރަޝީދުގެ އާއިލާއިން އެދިގެން ހުކުމް ކުރުން ފަސްކުރީއެވެ. އެއީ އެ އާއިލާގެ މީހެއްގެ ބަލި ހާލަތު ހުރިގޮތުން އަޑުއެހުމުގައި ބައިވެރިނުވެވޭނެ ކަމަށް ބުނުމުންނެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ހުރިހާ އަޑުއެހުމަކަށް ވެސް އޭނާގެ އާއިލާގެ ފަރާތުން މީހުން ބައިވެރިވެއެވެ. އަދި ޔާމީން ރަޝީދަށް ހަމަލާ ދިން ގޮތުގެ ތަފްސީލް ކިޔައިދިން ޝަރީއަތުގެ އަޑުއެހުމެއްގައި އޭނާގެ އާއިލާގެ މީހަކު ވަނީ އަޑުން އަޑުނަގައި ރޮއިފައެވެ. އެ އަޑުއެހުން ކުޑަވަގުތުކޮޅަކަށް މަދުކަނޑާލުމަށްފަހު އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުން ނިކުމެފައެވެ. ޔާމީން ރަޝީދު މަރާލައިފަވަނީ 2017 ވަަނަ އަހަރުގެ އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ މ. ސްޕެޓީއުލާ ގޭ ސިޑި ކައިރިގައެވެ. އޭނާގެ ގައިގެ 30 ތަނަކަށް ތޫނުއެއްޗަކުން ހަމަލާދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ