ސިއްހީ ދާއިރާގެ ލިޔުން ފޯޖުކުރުމުގެ ތުހުމަތު އިންޑިއާގެ އެޖެންސީއަކަށް

މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލްގެ ނަމުގައި ސައްހަ ނޫން ރެޖިސްޓްރޭޝަންތަކެއް ދޫކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ކައުންސިލުން ދޫކުރާ ރަޖިސްޓްރޭޝަން ސެޓްފިކެޓް ނަކަލު ކޮށްގެން އިންޑިއާގެ ރެކްރޫޓްމަންޓް އެޖެންސީ އަކުން ރަޖިސްޓްރޭޝަން ދޫކޮށް ފައިސާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް ކައުންސިލްގެ ރަޖިސްޓްރޭޝަނަށް އެދޭ ފަރާތްތަކަށް ދޫކުރާ ސެޓްފިކެޓްގެ އެއްވެސް މަސައްކަތެއް ކުރަން އިންޑިއާގެ އެއްވެސް އެޖެންސީއަކާ ހަވާލު ކޮށްފައި ނުވާނެ ކަމަށެވެ.
"... މި ކައުންސިލުގެ ނަމުގައި ދޫކޮށްފައިވާ ސެޓްފިކެޓަށް ބިދޭސީންނަށް ވަޒީފާ ހަމަޖެއްސުމުގެ ކުރިން އެ ސެޓްފިކެޓްގެ ސައްހަކަން ކައުންސިލަށް ހުށަހަޅައިގެން ކަށަވަރު ކުރުމަށް ބިދޭސީ ސިއްހީ ފަންނީ މަސައްކަތްތެރިންނަށް ވަޒީފާ ދެއްވާ ފަރާތްތަކުގެ ސަމާލުކަމަށް ދަންނަވާ އިއުލާން ކުރަމެވެ،" ބަޔާނުގައިވެ އެވެ.
އެ ކައުންސިލުން މިއަދު ނެރުނު އިތުރު ބަޔާނެއްގައި ބުނެފައިވަނީ އެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތައުލީމީ ފާސް ގަބޫލު ކުރުމުގެ މިންގަޑުތައް ކަނޑައަޅަނީ ސިއްހީ ހިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ގާނޫނުގެ 46 މާއްދާގެ (ށ) ގެ ދަށުން އެ ކައުންސިލުން ކަމަށެވެ.
މީގެ އިތުރުން އެ މާއްދާގެ (ރ) ގައި ބަޔާންކުރާ ފަދައިން ދިވެހިރާއްޖޭގައި ހިންގާ ސިއްހީ ހިދުމަތުގެ ފަންނުގެ ދާއިރާގެ ތައުލީމާ ތަމްރީންދޭ މަރުކަޒުތަކާއި، އެ ތަންތަނުން ހިންގާ ކޯސްތައް، އެލައިޑް ހެލްތް ޕްރޮފެޝަނަލުން ތަމްރީންކުރާ ކޯސްތަކެއްގެ ގޮތުގައި އެކްރެޑިޓް ކުރުމަކީ ވެސް އެ ކައުންސިލުގެ މަސްއޫލިއްޔަތެއް ކަމުގައިވެސް ބަޔާނުގައިވެ އެވެ.
"... އެލައިޑް ހެލްތް ޕްރޮފެޝަނަލުން ތަމްރީންކުރުމަށް އެއްވެސް ކޯހެއް ހިންގަން ވާނީ މިކައުންސިލަށް ހުށަހަޅުއްވާ ހުއްދަ ލިބިގެންނެވެ. އަދި މިކައުންސިލްގައި ރަޖިސްޓްރީކުރާ ދާއިރާއަކުން ކިޔަވަން ހިޔާލުކުރާނަމަ އެކޯހަކީ ކައުންސިލުން ގަބޫލުކުރާ ކޯހެއްތޯ ބެއްލެވުމަށް މިކައުންސިލަށް ހުށަހަޅުއްވާ ހުއްދަ ލިބިގަންނަންވާނެ އެވެ." ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ