ޞިއްހީ ދާއިރާގެ އައު ކޯސްތަކެއް އެމްއެންޔޫއިން ތައާރަފުކޮށްފި

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގައި ފަންނީ މީހުން މަދުވެފައިވާ ތިން ދާއިރާއަކަށް ޚާއްސަކޮށްގެން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން މުޅިން އައު ތިން ޑިގްރީ ކޯހެއް މިއަދު ތައާރަފުކޮށްފިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވައިސް ޗާންސެލަރ ޑރ. ޝެހެނާޒު ވިދާޅުވީ، މިއީ ހަމައެކަނި އައު ތިން ކޯހެއް ނޫން ކަމަށާއި، މިއީ ޤައުމުގެ މުސްތަޤުބަލުގެ ޞިއްޙަތާއި ދުޅަހެޔޮކަމަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއް ކަމަށެވެ.
މި ތިން ކޯހަކީވެސް އެލައިޑް ހެލްތު ކައުންސިލުން އެކްރެޑިޓް ކޮށްފައިވާ، ފުލްޓައިމްކޮށް ހާޒިރުވެގެން ކިޔަވައިދޭ ކޯސްތަކެކެވެ. ކޯސްތަކަށް ވަނުމުގެ އާންމު ޝަރުތަކީ އޭލެވެލްގެ ދެ މާއްދާއިން ފާސްވެފައިވުމެވެ. ނަމަވެސް ސްޕީޗް އަދި އޮކިއުޕޭޝަނަލް ތެރަޕީއަށް ސައިންސް ސްޓްރީމްގެ ދެ މާއްދާއިން ފާސްވާންޖެހޭއިރު، ޕެރަމެޑިކް ސައިންސް ކޯހަށް ވަނުމަށް މެންޓަލް އަދި ފިޒިކަލް ޓެސްޓަކުން ފާސްވާންޖެހޭނެއެވެ.
މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޝައުޤުވެރިވާ ފަރާތްތަކުން އެމްއެންޔޫގެ އެޑްމިޝަން ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ. ޤައުމީ ޔުނިވަރސިޓީން ވަނީ ރާއްޖޭގެ ޒުވާނުން މި މުހިންމު ދާއިރާތަކުން ކުރިއަށް ދިއުމަށް ބާރުއަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ