ޔާގޫތުގެ ކައިރިންވެސް ނަޝީދު އަވަހާރަ ކޮށްލަން އުޅުނު: ޕޮލިސް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރިން ދިރިއުޅުއްވަމުން ގެންދެވި ޔާގޫތުގެ ކައިރީގައި އައިއީޑީ އެއް ގޮއްވާލައިގެން ނަޝީދު އަވަހާރަކޮށްލަންވެސް އުޅުނު ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އައިސިސްއަށް ނިސްބަތްވާ ހަރުކަށި ފިކުރުގެ ބަަޔަކު އެކަން ކުރަން އުޅުނީ މިދިޔަ އަހަރުގައި ކަމަށެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވީ އައިއީޑީ ހަރުކޮށްފައިވާ ސައިކަލެއް ގޮއްވާލަން ހަތަރު ދުވަހެއްގެ މަތިން އެމީހުން މަސައްކަތް ކުރިކަމަށެވެ. ރިޔާޒު ވިދާޅުވީ އެމީހުންނަނީ މިއަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލުމުގައިވެސް ބައިވެރިވާ މީހުން ކަމަށެވެ.
ރިޔާޒް މިފަދައިން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ އެންމެ ފަހުގެ މައުލޫމާތާއި ކުރިން އާންމު ނުކުރާ ބައެއް ކަންކަން ހާމަކުރަން މިރޭ ބޭއްވި ޕްރެސް ބްރީފިންގައެވެ.
ރިޔާޒް ވިދާޅުވީ މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް ދިން ހަމަލާއަށް ބޭނުން ކުރި ސައިކަލަކީ ހަމަލާދިން މީހުން 2019 ވަނަ އަހަރު ގަނެފައި ހުރި ސައިކަލެއް ކަމަށެވެ. އަދި އެ ސައިކަލުގައި އައިޑީއެއް ހަރުކޮށްގެން އެތައް ފަހަރެއްގެ މަތިން އެތައް ދުވަހަކު ބޮމުގެ ހަމަލާ ދޭން މަސައްކަތް ކޮށްފައި ވާކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ.
ޔާގޫތުގޭ ކައިރީގައި ސައިކަލް ބަހައްޓައިގެން ޖާނުންފިދާވެގެން ވެސް އެ ހަމަލާދޭން ހަމަލާގެ ބައިވެރިން ތިބީ ތައްޔާރަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެ ސަރަހައްދުގައި ހަމަލާދިނުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ސައިކަލް އެތަނުން ނަގައި ހަރުކޮށްފައި އޮތް އައިއީޑީ ޑިސްޕޯސް ކުރިކަމަށް ރިޔާޒް ވިދާޅުވިއެވެ.
އޭގެ ފަހުން ރައީސް ނަޝީދު ކަސްރަތުކުރައްވަން ނިކުމެވަޑައިގަންނަވާ ގަޑި ބަލައި، މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހުންނަ މޭރީބްރައުން ރެސްޓޯރަންޓް ސަރަހައްދުގައި ސައިކަލް ބަހައްޓައިގެން ހަމަލާދޭން އެމީހުން މަސައްކަތްކުރިއެވެ. އަދި އެތަނުގައި ހަމަލާދޭން މަޝްވަރާކޮށް، އެތަން ބެލުމަށް ފަހު އެކަމަށް އެތަން އެކަށީގެން ނުވާކަމަށް އެމީހުން ނިންމިކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.
އޭގެ ފަހުން ނީލޯފަރު ހިނގުމުގައި ސައިކަލް ބަހައްޓައިގެން ހަމަލާދޭން އެމީހުން ރާވަން ފެށީ މިއަހަރުގެ މާޗް މަސް ނުވަތަ އެމަހުގެ ފަހުކޮޅުކަމަށް އޭސީޕީ ރިޔާޒް ވިދާޅުވިއެވެ. އެކަމަށްޓަކައި ހުޅުމާލޭގައި ހުންނަ ގަރާޖަކުން ހަމަލާދޭން ގަތް ސައިކަލް މާޗް މަސްތެރޭ ސާވިސްކޮށް ތައްޔާރު ކުރިކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ހަމަލާއާ ގުޅިގެން ޖުމްލަ 10 މީހަކު ވަނީ މިހާތަނަށް ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި ހަމަލާދިނުމުގައި އިސްކޮށް އުޅުނު އަދި ރޭވުމުގައި އިސްކޮށް އުޅުނު މީހުންނާއި، އަމަލީ ގޮތުން ބައިވެރިވި މީހުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ