އެންމެ އާދައިގެ މީހާގެ ފައިބުޑަށް ވެއްޓި އާދޭސް ދަންނަވާ މޫސުން މުޅި ރާއްޖެއަށް!

ދުނިޔޭގެ އެކި ޤައުމުތަކަށް އަންނަ މޫސުންތައް ތަފާތެވެ. ބައެއް ޤައުމުތަކަށް ތިން ހަތަރު މޫސުން އަންނަ އިރު އަޅުގަނޑުމެންގެ ރާއްޖެއަށް އާންމު ގޮތެއްގައި އަންނަނީ ދެ މޫސުމެވެ. އެއީ އިރުވައި މޫސުމާއި ހުޅަނގު މޫސުމެވެ. ނަމަވެސް މި ފަހަކުން ރާއްޖެއަށްވެސް މިވަނީ އިތުރު މޫސުމެއް ތަޢާރަފްވެފައެވެ. އެއީ އިންތިޙާބީ މޫސުމެވެ. އެ މޫސުމުގައި އެކި ކުލަތައް ފެނިގެންދާނެއެވެ. އެ މޫސުމަކީ ވޯޓުގެ ބޭނުމުގައި ނިކަމެތި އާދައިގެ މީހުންގެ ފައިބުޑަށް ވެއްޓި އާދޭސް ކުރަމުންދާ މޫސުމެކެވެ.
މި ދުވަސްވަރަކީ ރާއްޖެއަށް މިފަދަ މޫސުމެއް އައިސްގެން އުޅޭ ދުވަސްވަރެކެވެ. އެހެނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައި ވާތީއެވެ. މަޖިލިސް އިންތިޙާބުގެ ފޯރި އިންތިހާއަށް ގަދަވެފައިވާއިރު ދެފަރާތުންވެސް ވިސްނާލުން މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. އެއް ބަޔަކީ ވޯޓު ހޯދަން މަސައްކަތް ކުރާ ކެންޑިޑޭޓުންނެވެ. އަނެއް ބަޔަކީ އެ ކެންޑިޑޭޓުންނަށް ވޯޓު ދޭން ތިބި އަހަރުމެން ކަހަލަ އާދައިގެ ނިކަމެތި ރައްޔިތުންނެވެ.
ދާއިރާއެއް ތަމްޞީލް ކުރުމަށް ނިޔަތް ގަނެ ތިބައިމީހުން މިއަދު ވަޢުދުތަކާއި އަހުދުތައް ރައްޔިތުންނަށް ބަރުތީލަކުރަމުން ދާއިރު އެކަންކަން ހަނދާނުގައި ބަހައްޓަން ވާނެއެވެ. ތިޔަ ކެންޑިޑޭޓުންގެ މޮޅެތި ވާހަކަ ތަކުގެ އަވާގައި ޖެހި ރައްޔިތުން ލާ ވޯޓުގެ އަގު ވަޒަން ކުރަން ޖެހޭނެއެވެ. ވައި ޖެހޭ ކޮަޅަކަށް ދޯނީގެ ހުންގާނު ދީލައިލުމުގެ ވިސްނުން ނަމަނަމަ ނުގެންގުޅެއްޗެވެ. ފައިސާއަށް ދާއިރާގެ ހައްޤުތައް ވިއްކާ ނުލައްޗެވެ. ކޮންމެ ރައްޔިތަކީ ތިބާގެ ކުރިމަތީގައި ހަމަހަމަ މީހެއްކަމުގައި ބަލަންވާނެއެވެ. ވަކި ބައެއްގެ އަންބޮނޑިއަށް ފައިދާ ކުރުމުގެ ބަދަލުގައި މުޅި މުޖުތަމަޢުއަށް މަންފާ ކުރާނެ ގޮތަކަށް ޢަމަލުތައް ބަހައްޓަންވާނެއެވެ.
މި ދެންނެވުނީ ވޯޓު ދޭން ތިބި ކޮންމެ މީހެއްގެވެސް ބޭނުންވާނޭ އެންމެ އާދައިގެ ކަންކަމުގެ ވާހަކަތަކެވެ.
ވޯޓުލާ މީހުންގެ ވެސް ޒިންމާތަކަކާއި މަސްޢޫލިއްޔަތުތަކެއް ވާނެކަން ދަންނަން އެބަ ޖެހެއެވެ. ދެވޭ މަދު ފައިސާ ކޮަޅަކަށް ތިބާގެ ވޯޓު ވިއްކާ ނުލާށެވެ. ވޯޓު ނުލައި ނުހުންނާށެވެ. ކޮންމެ ވޯޓަކީވެސް ނަތީޖާ ބަދަލުވެދާނެ ވޯޓެކެވެ. ތިބާގެ މައްޗަށް ހެދޭ ޤާނޫނުތައް ހަދަން އިސް ކުރާ މީހަކު ހޮވުމުގައި ތިބާވެސް ބައިވެރިވާން ޖެހޭނެއެވެ. އެހެން ނޫންނަމަ ފަހުން އެކަމަށް ބަސް ނުކިޔާށެވެ.
ބޭކާރު ވަޢުދުތަކަށް ހެއްލުމުގެ ބަދަލުގައި ކޮންމެ ކެންޑިޑޭޓެއްގެ ނުވަތަ ނިސްބަތްވާ ޕާޓީގެ މުޅި މެނިފެސްޓޯ ދިރާސާ ކުރާށެވެ. ގޮތް ނިންމާނީ އޭގެ ފަހުންނެވެ. ތާއީދު ކުރާ ޕާޓީއަކުން މީދަލެއް ނިކުތަސް ވޯޓު ދިނުމުގެ ވިސްނުން ދޫކޮށްލާ އެންމެ ޤާބިލް މީހަކަށް ތިބާގެ ވޯޓު ދޭށެވެ. ފަހަރުގައި އެންމެ ޤާބިލް މީހާ ހުރީ އެންމެ ނަފްރަތު ކުރާ ޕާޓީން ކަމުގައި ވެދާނެއެވެ. ނަމަވެސް އެމީހަކަށް ވޯޓު ދޭށެވެ. ކެންޑިޑޭޓުންގެ މާޒީވެސް ދިރާސާ ކުރާށެވެ. ކުންޏެއް ޖެހިފައި ހުރި މީހަކަށް ނަމަނަމަ ވޯޓު ނުދެއްޗެވެ.
ދާއިރާ ތަރައްޤީ ވާނީ އެއިރުންނެވެ. ޖުމްލަ ގޮތެއްގައި މުޅި ރާއްޖެ ތަރައްޤީ ކުރެވޭނީ ވެސް އެއިރުންނެވެ. ކެންޑިޑޭޓުން ވަކި ފިކުރެއްގައި ތާށިވެފައި ތިބި ނަމަވެސް ވޯޓު ލާ މީހުންގެ ވިސްނުން މިނިވަން ވެގެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ