އުމަރު ޒާހިރު އޮފީސް ބިލްޑިން: ހިދުމަތް ބަލައިގެންކަމުގެ ހެއްކެއް

ހުޅުމާލޭގައި އަލަށް އިމާރާތް ކުރި 'އުމަރު ޒާހިރު އޮފީސް ބިލްޑިން' ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ތަނުގެ ނަމާ ގުޅޭ ގޮތުން ވިދާޅުވި އެވެ؛ އެއީ އެ ނަން ނިސްބަތްވެވަޑައިގަންނަވާ ބޭފުޅާގެ ގައުމީ ހިދުމަތުގެ ކުލަގަދަކަން ރަމްޒުކޮށްދޭ ތަނެކެވެ. ހަޔާތުގެ ދެ ބައިކުޅަ އެއް ބައި ހޭދަކުރެއްވި ގައުމީ ހިދުމަތް ބަލައިގެން ކަމުގެ ހެއްކެކެވެ. މިއަދު ދުނިޔޭގައި ނެތް ނަމަވެސް، ކުރީގެ ޕަބްލިކް ވޯކްސް މިނިސްޓަރު އުމަރު ޒާހިރުގެ ޒިކުރާ އެ ތަނުން ވެސް އާވާނެ އެވެ.
ސަރުކާރުގެ މިނިސްޓްރީތަކެއް، ފުރަތަމަ ފަހަރަށް މާލޭން ބޭރުކޮށް، ހުޅުމާލޭގައި މިއަދު ވަނީ ގާއިމުކޮށްފަ އެވެ. ޖެންޑާ މިނިސްޓްރީ އާއި ހަޔާ އެޑިއުކޭޝަން އަދި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ އާ ރީތި އިމާރާތް ހުޅުވީ 'އުމަރު ޒާހިރު އޮފީސް ބިލްޑިން'ގެ ނަމުގަ އެވެ. އެއީ ހުޅުމާލޭ ހިއްކައި ތަރައްގީ ކުރުމުގައި ވެސް ބޮޑު ހިއްސާއެއް ވެވަޑައިގެންނެވި އުމަރު ޒާހިރުގެ ހަނދާނުގައި، އޭނާގެ ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ މަގްސަދުގަ އެވެ.
އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް މުޅިން ވެސް ފާހަގަކުރެއްވީ އުމަރު ޒާހިރުގެ ހިދުމަތްތަކެވެ. އެ ހިދުމަތްތަކުން ލިބުނު ކުރިއެރުމާއި އޭނާގެ މަސައްކަތްތަކުން ލިބުނު ފިލާވަޅުތަކެވެ. ރައީސް، ނިޝާން އިއްޒުއްދީންގެ ލަގަބް ލިބިވަޑައިގެންފައިވާ ކުރީގެ މިނިސްޓަރު ސިފަކުރެއްވީ، ފަހުގެ ތާރީހު ދުށް، ވަރަށް އިހްލާސްތެރި ގައުމީ ހިދުމަތްތެރިއެއްގެ ގޮތުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކާތިބެއްގެ ވަޒީފާއިން ފެއްޓެވި އުމަރު ޒާހިރުގެ ގައުމީ ހިދުމަތުގެ ދަތުރު، 49 އަހަރަށް ފަހު ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުގެ މަގާމާ އެކު ނިންމަވާލެއްވީ ވަރަށް ހިތްޕުޅުހަމަޖެހިވަޑައިގެން ހުންނަވަ އެވެ. އެއީ ގައުމަށް ހިދުމަތްތަކެއްކޮށް، ގައުމު ބަލައިގަންނާނެ މަސައްކަތްތަކެއް ކޮށްދެވުމުގެ ހިތްހަމަޖެހުމާ އެކު އެވެ. އަދި އެ މަސައްކަތްތަކުން ނަތީޖާ ނެރެދެއްވުމުގެ ހިތްހަމަޖެހުމާ އެކު އެވެ.
"މިއަދު އަގު ވަޒަން ކުރެވިގެން މިދަނީ އެ މަނިކުފާނު ކޮށްދެއްވި އަގުހުރި ހިދުމަތް. ގައުމީ ތަރައްގީގެ ދާއިރާއިން އެ މަނިކުފާނުގެ ހިދުމަތް ގައުމަށް ނުލިބޭ އެންމެ ދާއިރާއެއް ވެސް ނެތް،" އުމަރު ޒާހިރުގެ އާއިލާގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަފުލާގައި ރައީސް ވިދާޅުވި އެވެ.
"ގައުމީ ތަރައްގީއަށްޓަކައި އެ ވަގުތު ހިންގި ކޮންމެ ބޮޑު މަޝްރޫއެއްގައި ވެސް އެ މަނިކުފާނު ބުރަ މަސައްކަތްތަކެއް ކުރެއްވި."
ރައީސް ވިދާޅުވި ގޮތުގައި، އެ ފަދަ ހިދުމަތްތެރިންގެ ނަން، ދައުލަތުގެ އިދާރާތަކަށް ދިނުމުގައި ވަރަށް މުހިއްމު މަގްސަދުތަކެއް ވެ އެވެ. އެއީ:
އެ ބޭފުޅުން ގައުމަށްޓަކައި ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަންކުރުން
އެ ބޭފުޅުންގެ ހަނދާން އާކޮށް، ފަހުގެ ޖީލުތަކުން އިބުރަތް ހާސިލް ކުރުން
ރައީސް ވިދާޅުވި ގޮތުގައި، އުމަރު ޒާހިރުގެ ގައުމީ ހިދުމަތުން އެންމެ ފުރަތަމަ ލިބިގަންނަން ޖެހޭ ފިލާވަޅަކީ ގައުމަށްޓަކައި އިހްލާސްތެރިވުމާއި ތެދުވެރިވުމެވެ. އޭނާ ހިދުމަތް ކުރެއްވީ ވަޒީފާ ނުވަތަ މަގާމެއް ފުރުއްވުމުގެ ގޮތަކަށް ނޫން ކަމަށާއި އެއަށް ވުރެ ބޮޑަށް، ހަވާލުވެ ވަޑައިގެން ކޮންމެ ކަމެއް ވެސް އަމިއްލަ ކަމެއްގެ ގޮތުގައި ދެކިވަޑައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.
އުމަރު ޒާހިރުގެ ގައުމީ މަސައްކަތްޕުޅުގެ ކާމިޔާބީގެ ފަހަތުގައި ހާއްސަ ތިން ސަބަބެއް ވާ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ:
އެހެން މީހުންނަށް އިހްތިރާމް ކުރުމުގެ ރީތި ސިފަ
ގަޑިއަށް ފަރުވާތެރިވުމާއި މަސައްކަތްތަކަށް ފަރުވާތެރިވުން
ވަޒީފާގެ އަހުލާގަށް އޭނާ ދެއްވި ސަމާލުކަން؛ ވެރިންގެ ހިތްތަކުގައި އުމަރު ޒާހިރާ މެދު އިތުބާރާ ޔަގީންކަން އުފެދުމުގެ މައިގަނޑު ސަބަބަކީ އެއީ
"މިއީ ދައުލަތުގެ ކޮންމެ ވަޒީފާއެއް އަދާކުރިޔަސް ކޮންމެ މީހެއްގެ ކިބައިގައި ހަރުލަން ޖެހޭ ނަމޫނާ ސިފަތަކެއް،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ