ރާއްޖެ ދެމިއޮތްހާ ދުވަހަކު އެއާފޯސްގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދަން ޖެހޭ: ގާސިމް

ދިވެހިރާއްޖެ ދެމިއޮތްހާ ދުވަހަކު، ރައީީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ފައަޓަވައިދެއްވި އެއާފޯސްގެ ހިދުމަތް ކުރިއަށް ގެންދަންޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު، ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
‏ގާސިމް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެމްއެންޑީއެފް އެއާ ކޮޕްސް“ ގެ ނަމުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިގެ ސިފައިންގެ ހިދުމަތް ތައާރަފު ކޮށްދެއްވައި، ރާއްޖޭގައި ޒަމާނީ އަސްކަރީ ޑްރޯން އޮޕަރޭޓް ކުރުން، އިފްތިތާހް ކޮށްދެއްވީތީ ރައީސް މުއިއްޒުއަށް ނުހަނު އުފުލާއެކު މަރުޙަބާ އާއި ތަހުނިޔާ އަރިސްކޮށް ޝުކުރު ދަންނަވާ ކަމަށެވެ.
”ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުން އެއީ ދިވެހި ގައުމުގެ މިނިވަންކަމާއި، އިސްތިގްލާލް އަދި ދިވެހި ގައުމުގެ މަސްވެރިކަމަށްޓަކައި، ދިވެހީން މާކުރީންވެސް އަމިއްލައަށް ކުރަން ޖެހިފައިވާ ކަމެކެވެ. މިމުހިންމު ބޮޑު މަސްއޫލިއްޔަތު އިއްޒަތްތެރި ރައީސްގެ ސަރުކާރުގައި ލަސްނުކޮށް ފެއްޓެވި ކަމީ ނުހަނު ތާރީހީ އަދި އެހާމެ ފަހުރުވެރި ނިންމެވުމެއްކަން ކަށަވަރެވެ. މިއީ ރާއްޖެ ދެމިއޮތްހާ ދުވަހަކު މެދު ނުކެނޑި ކުރިއަށް ގެންދަން ޖެހޭނެ މުހިންމު ހިދުމަތެއް ކަމަށް އަޅުގަނޑު ދެކެމެވެ.“ ގާސިމް ލިޔުއްވާފައިވެއެވެ.
ދިވެހި މަސްވެރިކަމުގެ އުޅަނދުތަކާއި، ދިވެހިރާއްޖޭގެ ކަނޑުދަތުރުތަކަށް އަމާން، ފަހި ދުވަސްތަކެއް ހޯއްދަވައިދެއްވުމަށް ރާއްޖޭގެ އެންމެ ފުރަތަމަ ވައިގެ ސިފައިންގެ ތެރެއަށް އަސްކަރީ ޑްރޯން ނުވަތަ ”އަންމޭޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫއޭވީ)“ ތައާރުފު ކޮށްދެއްވުމަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކު ޝުކުރުވެރިކަމާއެކު ބަލައިގަންނަށް ޖެހޭ ކަމެއް ކަމަށާއި، މިއީ ޔަގީނުންވެސް ދިވެހި ގައުމު ތާއަބަދު ފަހުރުވެރިވާނެ ހިދުމަތެއް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކުވެރި ގައުމުތަކަށް އަބަދުމެ ކޮންމެ ކަމެއްގައި ބަރޯސާވެ ތިބުމުގެ ބަދަލުގައި، ގައުމެއްގެ ހައިސިއްޔަތުން ދިވެހީން އަމިއްލައަށް ކުރަންޖެހޭ މިބާވަތުގެ ކަންކަން ކުރުމަށް  އެހެން ފަރާތްތަކަށް ދޫކޮށްލައިގެން ތިބުމަކީ އެފަދަ އެހީދޭ ފަރާތްތަކަށްވެސް ތަކުލީފަކަށް ވާނެ ކަންކަން ކަމުގައެވެ.
”އެހެންކަމުން، ގައުމުގެ ފުދުންތެރިކަން އިތުރުވަމުންދާ މިންވަރަކުން ގައުމުގެ ދިފާއަށްޓަކައި ފަސްނުޖެހި، ހަލުވި ފިޔަވަޅުތައް އަޅާ، ގައުމާއިގެން ކުރިއަށް ދިއުމަށް މަނިކުފާނު ތިޔަ ދެއްކެވި މަތިވެރި ލާމަސީލު މިސާލަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، އަޅުގަނޑުގެ ޕާޓީގެ ނަމުގައި  އައްސަރިބަހާ ސާބަސް އަރިސް ކުރަމެވެ.“
ގާސިމް ވަނީ ކަންކަން ކުރިއަށް ގެންދެވުމަށްޓަކައި، ރައީސް މުއިއްޒުގެ ޒައާމަތަށް ރޯޝަނީކަމާ، ބާއްޖަވެރިކަން މިންވަރު ކުރެއްވުން އެދިވަޑައިގެން ދުއާ ވެސް ކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ