ކަރަންޓު ބިލްތަކާ ގުޅިގެން ހުރި ޝަކުވާތައް ހުށަހެޅުމަށް އެދިއްޖެ

ކަރަންޓު ބިލްތަކާ ގުޅިގެން ކަސްޓަމަރުންގެ ހުރި ޝަކުވާތައް ހުށަހެޅުމަށް ސްޓެލްކޯއިން އެދެފިއެވެ.
ސްޓެލްކޯއިން ބުނީ ހުށަހަޅަން ބޭނުންވާ ޝަކުވާތައް ސްޓެލްކޯގެ ކަސްޓަމާ ސާވިސް ނަންބަރު 7788438 އަށް ނުވަތަ ސްޓެލްކޯގެ ވަޓްސަޕް، ޓެލެގްރާމް އަދި އީމެއިލް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށެވެ.
އޭޕްރީލް މަހުގެ ކަރަންޓު ބިލްތައް ބޮޑުވުމާ ގުޅިގެން ގިނަ ބަޔެއްގެ ޝަކުވާ އާއި ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެގޮތުން ކަރަންޓު ބިލު އޭގެ ކުރީ ބިލަށް ވުރެ ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ބުނެ ބިލުތަކުގެ ފޮޓޯތައް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިއްސާވެސް ކޮށްފައެވެ.
އޭގެތެރެއިން މީހަކު ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކަރަންޓު ބޭނުންކުރި މިންވަރު އޭގެ ކުރީ މަހަށް ވުރެ މި މަހު ކުޑަވާނެ ކަމަށާއި ވިއްސާރަވެ، ވައިގަދަވުމާ ގުޅިގެން އެއާ ކޮންޑިޝަނާވެސް ބޭނުންކުރި މިންވަރު މި މަހު މަދު ކަމަށެވެ. ނަމަވެސް ބިލް ދެގުނައަށް ބޮޑުވެފައިވާކަން ފާހަގަކޮށް އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ މިދިޔަ މެއި މަހު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އޭގެ ކުރީ މަހުގެ ބިލްތައް ބޮޑުވީ ސްޓެލްކޯއިން ކަމެއް ކޮށްގެން ނޫންކަމަށާއި އެދުވަސްވަރަކީ ފަހުގެ ތާރީހެއްގައި ރާއްޖެއަށް އެންމެ ހޫނު ގަދަވި ދުވަސްވަރަށް ވުމުން ކަރަންޓު ބޭނުންކުރެވޭ މިންވަރު އިތުރުވެގެން ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން މިކަމާ ގުޅިގެން ބުނީ އޭޕްރީލް މަހުގެ ކަރަންޓު ބިލުތައް ހޫނު ގަދަވުމުގެ ސަބަބުން ބޮޑުވާން މެދުވެރި ވީ ކަމުގައި ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް، މި ދުވަސްވަރަކީ ރާއްޖެއަށް ވިއްސާރަވެ، ވައިގަދަވެ ފިނި ދުވަސްވަރަކަށް ވުމުން ބިލްތައް ބޮޑުވެގެން ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ