ސޮވެރިން ފަންޑުގެ ބިލަށް ވޯޓަށް އެހީ މަޖިލީހުގެ ގަވައިދާ ހިލާފަށް: ސިރާޖު

ދައުލަތުގެ ދަރަނި އަދާކުރަން ދުރާލާ ތައްޔާރުވާން އުފެއްދި ސޮވެރިން ޑިވެލޮޕްމަންޓު ފަންޑުގެ ބިލަށް ރައްޔިތުންގެ މަޖިލީހުން ވޯޓަށް އެހި ދުވަހު އަމަލުކުރީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މިއަދު ވިދާޅުވެއްޖެއެވެ.
ސޮވެރިން ފަންޑުގެ ބިލުގެ ކަންތައް ހިނގައިދިޔަ ގޮތް ހާމަކުރުމަށްޓަކައި ޕީޕީއެމް/ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިރާޖު ވިދާޅުވީ ސޮވެރިން ފަންޑުގެ ބިލަށް ވޯޓަށް އެހުނު ދުވަހު މަޖިލީހުގައި އަމަލުކޮށްފައި ވަނީ އުސޫލުތަކާ ހިލާފަށް ކަމަށާއި ވޯޓަށް އެހުމުގެ ކުރިން މަޖިލިސް މެދުކަނޑާލުމަކީ މަޖިލީހުގައި ކުރާ ކަމެއް ނޫން ކަމަށެވެ. އަދި ވޯޓު ގަޑީގައި ނިޒާމީ ނުކުތާއެއްވެސް ނުނެގޭނެ ގޮތަށް މަޖިލީހުގެ ގަވައިދުތައް ހެދިފައިވީނަމަވެސް އެދުވަހު ވޯޓު ކުރިޔަށް ދަނިކޮށް ދިމާވި ކަމަކާއި ގުޅިގެން ވޯޓު މެދުކަނޑާލެވުނު ކަމަށް ސިރާޖު ވަނީ ވިދާޅުވެފައެވެ.
"ރައްޔިތުންގެ މަޖިލީހުގައި އަމަލު ކުރާ އުސޫލާ ހިލާފަށް އެދުވަހު ވަރަށް ގިނަ ކަންތައް ހިނގައިދިޔަ،" ސިރާޖު ވިދާޅުވިއެވެ.
ސިރާޖު ވިދާޅުވީ އެ ދުވަހު އެންޓި ޑިފެކްޝަން ބިލުގެ ވޯޓަށް އެހުނު އިރު ޕީޕީއެމް/ޕީއެންސީން އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް އެ ބިލް ކޮމިޓީއަށް ފޮނުވަން ފާސްކުރުމުން ޕީޕީއެމް/ޕީއެންސީގެ މެންބަރުން ނުހިމެނޭ ގޮތަށް ކޮމިޓީއެއް އެކުލަވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
"ރައްޔިތުންގެ މަޖިލީހުގެ ތަމްސީލުވާ ޕާޓީތަކަށް ނިސްބަތްވާގޮތަށް މި މަޖިލީހުގެ ކޮމިޓީތައް ވަރަށް ހަރުދަނާ އުސޫލެއްގެ ދަށުން ގާއިމުކުރެވިފައިވޭ. ދާއިމީ ކޮމިޓީތަކަށް މައްސަލަތައް ފޮނުވާގޮތަށް ގަވައިދުގައި ލިޔެވިފަ އޮންނަނީ މި މަޖިލީހުގައި ތަމްސީލުވާ ހުރިހާ ޕާޓީތަކާއި އަދި އާންމު މެންބަރުންވެސް ހިމެނޭ ގޮތަށް ކުރިޔަށް ދިޔުމުގެ ބޭނުމަށްޓަކައި. ނަމަވެސް އެ ދުވަހުގައި ބިލް ފާސްކުރުމާއެކީގައި ވަކިން ޕާޓީއެއް، ވަކިން ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ގޮތުގައި ތިބި އަޅުގަނޑުމެން ނުލާ ކޮމިޓީއެއް މިވަނީ އެކުލަވާލާފައި." ސިރާޖު ވިދާޅުވިއެވެ.
މި މައްސަލައިގެ އިހުތިޖާޖުގައި ސޮވެރިންގް ފަންޑުގެ ވޯޓު ކުރިޔަށް ގެންދުވުނުއިރު މަޖިލީހުގެ ކޯރަމް ގެއްލުވާލާފައިވާނެ ކަމަށް ސިރާޖު ވަނީ ވިދާޅުވެފައެވެ. މެދުކެނޑުމަށްފަހު އަލުން މަޖިލިސް ފެށި ކަމެއް އަންގާފައި ނެތް ކަމަށާއި މަޖިލިސް ގޯތިތެރޭގައި ތިއްބެވިއިރު ވެސް ވޯޓަށް އަހަން ޖަހާ ބެލް ނުޖަހާ ކަމަށް ސިރާޖު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ