ފިލްމު 'ސަލާމޭ އިޝްގް'ގެ ދެވަނަ ބައެއް އުފައްދަނީ
ވަރަށް ގިނަ ފިލްމީ ތަރިންތަކެއް ހިމަނައިގެން މީގެ 19 އަހަރު ކުރިން ޑައިރެކްޓަރު ނިކިލް އަދުވާނީ ގެނެސްދިން "ސަލާމޭ އިޝްގް"ގެ ދެވަނަ ބައެއް އުފައްދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑް ހަންގާމާގައި ބުނެފައިވާ ގޮތުން، ޑައިރެކްޓަރު ނިކިލް އަދުވާނީ އަންނަނީ ދެވަނަ ބައިގެ ސްކްރީންޕްލޭ ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. ފުރަތަމަ ފިލްމަކީ ބޮޑު ކާސްޓެއް ހިމަނައިގެން ގެނެސްދިން ރީތި ލޯބީގެ ވާހަކައަކަށްވީ ނަމަވެސް ނިކިލްގެ ވިސްނުން ހުރީ ދެވަނަ ބައި އެއަށްވުރެ ތަފާތުކޮށް މިޒަމާނަށް ފެތޭ ކަހަލަ ވާހަކައެއްގެ މައްޗަށް ބިނާކުރުމަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެހެންވެ ދެވަނަ ބައިގައި ފެންނާނެ ތަރިންގެ އަދަދު މަދުވާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ. ފިލްމު "ސަލާމޭ އިޝްގް"އިން ފެނުނު މުހިއްމު ތަރިންގެތެރޭ، ސަލްމާން ޚާން، ޕްރިޔަންކާ ޗޯޕްރާ، އަނިލް ކަޕޫރު، ޖޫހީ ޗާވްލާ، ގޯވިންދާ، އަކްޝަޔޭ ކަންނާ، އަޔެޝާ ޓާކިއާ، ޖޯން އަބްރަހަމް، ވިދްޔާ ބާލަން، ސޮހައިލް ޚާން އަދި އިޝާ ކޮޕިކަރު ހިމެނެއެވެ. ފިލްމު "ސަލާމޭ އިޝްޤް"ގެ ކާސްޓުން ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/އިންޑިއާޓުޑޭ ކުޅަދާނަ މިއުޒީޝަން ޝަންކަރު އިހްސާން ލޯއިގެ މިއުޒިކް ހިމެނި "ސަލާމޭ އިޝްޤް"އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ފިލްމުގެ މިއުޒިކަށް ލިބުނު އުފެއްދުމެކެވެ. ޑައިރެކްޓަރު ނިކިލްގެ މަގުބޫލު ފިލްމުތަކުގެތެރޭ، "ކަލް ހޯ ނަހޯ"، "ޕަޓިއާލާ ހައުސް"، "ދެއްލީ ސަފާރީ"، "ޗާންދްނީ ޗޯކް ޓު ޗައިނާ"، "ކައްޓީ ބައްޓީ" އަދި 2024 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ވެދާ" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ