ގަލްފުގެ ގައުމުތަކާ އެކު އިޒްރޭލުން ގުޅުން ގާއިމްކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، ކުރިއަށް އޮތް 10 އަހަރުދުވަހުގެ ތެރޭގައި އެމެރިކާގެ އަސްކަރީ މާލީ އެހީއަށް ބަރޯސާވުން ހުއްޓާލުމަށް ބޭނުންވާ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.
ސީބީއެސް ނިއުސްގެ '60 މިނިޓްސް' ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ނަތަންޔާހޫ ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮންނަ އަސްކަރީ އެއްބާރުލުމުގެ ތެރެއިން އެމެރިކާއިން ދޭ މާލީ އެހީތެރިކަން އެއްކޮށް ކަނޑާލުމަށް ބޭނުންވާ ކަމަށެވެ.
މިހާރު އަމަލުކުރަމުންދާ 2018 އިން 2028އަށް އެކުލަވާލާފައިވާ 38 ބިލިއަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުން، އަހަރަކު ގާތްގަނޑަކަށް 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ އެމެރިކާއިން އިޒްރޭލަށް ފޯރުކޮށްދެއެވެ.
ނަތަންޔާހޫ ވިދާޅުވީ ވޮޝިންޓަނާ އެކު އޮންނަ މާލީ ގުޅުން މުރާޖައާ ކުރުމަށް މިއީ އެންމެ މުނާސަބު ވަގުތު ކަމަށާއި، އެކަމަށްޓަކައި ކުރިއަށް އޮތް ކޮންގްރެސްއަށް އިންތިޒާރު ކުރަން ބޭނުންނުވާ ކަމަށެވެ.
"އަހަރެން ބޭނުންވަނީ މިހާރުން މިހާރަށް މި މަސައްކަތް ފަށަން،" އޭނާ ވިދާޅުވި އެވެ.
ނަތަންޔާހޫ މިފަދައިން ވިދާޅުވެފައިވަނީ 2023 އިން ފެށިގެން ފަލަސްތީނުގެ ގާޒާގައި ހިންގަމުންދާ ލޭއޮހޮރުވުންތަކާ ގުޅިގެން އެމެރިކާގައި އިޒްރޭލަށް އޮތް ތާއީދު ކުޑަވެފައިވާ ދަނޑިވަޅެއްގަ އެވެ. މިގޮތަށް ތާއީދު ކުޑަވަމުންދަނީ ސޯޝަލް މީޑިއާގެ ނުފޫޒުގެ ސަބަބުން ކަމަށާއި، ބައެއް ގައުމުތަކުން ސޯޝަލް މީޑިއާ މެދުވެރިކޮށް އިޒްރޭލަށް ވަރަށް ބޮޑަށް ގެއްލުންވާ ގޮތަށް ކަންކަން ރާވަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
މީގެ އިތުރުން، އީރާނާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހުރަސް އެޅުމަށް އީރާނަށް އޮތް ގާބިލުކަމާ މެދު އިޒްރޭލުގެ ދިފާއީ ރޭވުންތެރިންނަށް ކުރިން އަންދާޒާ ކުރެވިފައިވަނީ ވަރަށް ކުޑަކޮށް ކަމަށެވެ.
ނަތަންޔާހޫ އިތުރަށް ވިދާޅުވީ، އީރާނުގެ ވެރިކަން ބަލިކޮށްލުމަކީ އެ ސަރަހައްދުގައި އީރާނުން އުފައްދާފައިވާ އިއްތިހާދުތައް ރޫޅިގެންދާނެ ކަމެއް ކަމަށެވެ.
"އެއީ ހިޒްބުއްލޯ އާއި ހަމާސް އަދި ފަހަރެއްގައި [ޔަމަނުގެ] ހޫތީންގެ ވެސް ނިމުން،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އީރާނުގެ ވެރިކަން ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއް ނަމަވެސް، އެއީ ޔަގީންކަމެއް އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ އެއްބަސްވެވަޑައިގަތެވެ.
ނަތަންޔާހޫ ބޭނުންވަނީ އެމެރިކާގެ އަސްކަރީ އެހީއަށް ބަރޯސާވުން ހުއްޓާލަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ