ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭރު ޤައުމުތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުތަކަކީ ހަމައެކަނި ހިލޭ އެހީ ނުވަތަ ވިޔަފާރީގެ މާލީ ފައިދާތަކެއް ހޯދުމަށް ކުރައްވާ ދަތުރުފުޅުތަކެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
އިސް ތަރުޖަމާނު ވިދާޅުވީ، މި ދަތުރުފުޅުތަކުގެ ސަބަބުން އެކި ދާއިރާތަކުން ރާއްޖެއަށް މާނަހުރޮގޮތެއްގައި ފައިދާތަކެއް ކުރާ ކަމަށެވެ.
"ޕްރެސަރ ވިތު ދަ ސްޕޮކްސް" ގެ ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން އިސް ތަރުޖަމާނު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުން ރާއްޖެއަށް ބޭނުންވާ އެތައް ކަމެއް ހާސިލްވަމުންދާ ކަމަށެވެ.
އެގޮތުން ދާދިފަހުން ރައީސް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުއްވާލައްވާ، ސްރީލަންކާއަކީ ރާއްޖޭގެ އެންމެ ޒަމާންވީ އަވަށްޓެރިޔާ ކަމަށާއި، އެ ޤައުމަށް ކުރާ ދަތުރުފުޅެއްގެ އެޖެންޑާގެ އެންމެ ކުރީގައި އޮންނާނީ އިންވެސްޓްމެންޓެއް ނުވަތަ ލޯނެއް ހޯދުން ނޫން ކަމަށް ވިދާޅުވިއެވެ.
"މިސާލަކަށް ސްރީލަންކާ. ސްރީލަންކާއަކީ އިންޑިއާއެއް ނޫން. ޗައިނާއެއް ނޫން. ޔޫއޭއީއެއްވެސް ނޫން. އެހެންމަ އެތަަނަށް ދާއިރު އަޅުގަނޑުމެންގެ އެޖެންޑާގައި އެންމެ މަތީގައި އޮންނާނީ އިންވެސްޓްމެންޓެއް ނޫނިއްޔާމު ލޯނެއް ހޯދުމެއް ނޫންތާ. ސްރީލަންކާއަކީ އެންމެ ޒަމާންވީ އަޅުގަނޑުމެންގެ އަވަށްޓެރިޔާ. އެހެންމަ ސްރީލަންކާއާއި އަޅުގަނޑުމެންގެ ދެމެދުގައި މި އޮންނަ ގުުޅުން އިތުރަށް ބަދަހިވުމުގެ ސަބަބުން ވާ ފައިދާތައް ވަރަށް ގިނަވާނެ." އިސް ތަރުޖަމާނު ވިދާޅުވިއެވެ.
އިސް ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި ސްރީލަންކާއާއެކު އޮންނަ ގުޅުން ބަދަހިވުމުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. އެގޮތުން ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު 7 އެއްބަސްވުމަކީ ރާއްޖެ ކުރިއެރުމަށް ބޭނުންވާ އަސާސީ އަދި މުހިންމު އެއްބަސްވުންތަކެއްކަން ފާހަގަކުރެއްވިއެވެ.
"މީގެ ތެރެއިން އެއް އެއްބަސްވުމަށް ބަލާއިރު، މިސާލަކަށް ބަލަމާ ޑޮކްޓަރުކަން ކިޔަވާ ދިވެހި ކުދިން. އެކުދިން ކިޔަވާ ނިންމައިގެން އައިސް އިންޓާންޝިޕް ނަހަދަންޔަކާ ޕްރެކްޓިސްއެއް ނުއެއް ކުރެވޭ. އެންމެ ބޮޑު ހާޑަލްއަކަށްވާނީ އިންޓާންޝިޕް ހޯދުން. އިންޓާންޝިޕް ހޯދުމަށް ފަހިކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާއިރު، ސްރީލަންކާއަކީ އެންމެ ގާތުގަ އޮތް، އެންމެ އެފޯޑަބަލް އަދި ހައިކްލާސް އެޑިއުކޭޝަނެއް އޮތް ތަނެއް. މީގެން ތައުލީމީގޮތުން މި ފައިދާކުރަނީ." އިސް ތަރުޖަމާނު ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮތުން ބަލާއިރު، މި ދަތުރުފުޅުގައި މައިގަނޑު ދެ ކަމަކަށް އިސްކަންދެއްވާފައިވާ ކަމަށް އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ. އެއީ ސްރީލަންކާގެ ކޮޅުމްބުގައި ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ގޮތްޕެއް ހުޅުވުމާއި، މިފްކޯގެ އުފެއްދުންތައް އެ ޤައުމަށް އެކްސްޕޯޓް ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމެވެ.
އިސް ތަރުޖަމާނު ވިދާޅުވީ، މި ދަތުރުފުޅަކީ ހަމައެކަނި ގާޑް އޮފް އޮނަރއަކާއި ފަރިއްކޮޅެއް ފަދަ ސެރެމޯނިއަލް ކަންތައްތަކަކުން ނިންމާލި ދަތުރުފުޅެއް ނޫން ކަމަށެވެ. އަދި ރައީސް މަސައްކަތް ކުރެއްވީ އެއްބަސްވުންތަކާއި އިންވެސްޓްމެންޓް ފޯރަމްތަކުގެ ޒަރީއާއިން ދެ ޤައުމުގެ ގުޅުން މާނަހުރި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅުތައް އަމާޒުކުރަނީ ހަމައެކަނި މާލީ ފައިދާއަކަށް ނޫން: ތަރުޖަމާނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ