ހައިކޯޓުގެ ހުކުމާއެކު ވޭވަށު ކައުންސިލް ގޮނޑި ޕީއެންސީއަށް
ހައިކޯޓުގެ ހުކުމަކާއެކު ވޭވަށު ކައުންސިލް މެންބަރުގެ ގޮނޑި އެމްޑީޕީ މެންބަރަށް ކާމިޔާބުވެފައި އޮތް އޮތުން ބާތިލުކޮށް، ޕީއެންސީގެ ކެންޑިޑޭޓަށް ލިބިއްޖެއެވެ. ވޭވަށު ކައުންސިލްގެ އާއްމު ދެ މެންބަރުގެ އިންތިހާބު، ދެ ވޯޓުގެ ތަފާތަކުން ކާމިޔާބުކޮށްފައި އޮތީ އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމްއެވެ. އަހްސަންއަށް 121 ވޯޓު ލިބިފައިވާއިރު، މައްސަލަ ހައިކޯޓަށް ހުށަހެޅި ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ 119 ވޯޓެވެ. ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާގެ މި މައްސަލަ، ހައިކޯޓުން މިއަދު ނިންމިއިރު، ފަނޑިޔާރުންގެ މެދުގައި އޮތީ ހިޔާލު ތަފާތުވެފައެވެ. މައްސަލައިގެ އަގުލަބިއްޔަތު ފަނޑިޔާރުން ނިންމީ، އިންތިހާބުގައި މައްސަލަ ޖެހުނު ތިން ވޯޓެއް ބާތިލު ކުރާށެވެ. އެ ތިން ވޯޓަކީ، އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވާ ތިން ވޯޓެވެ. އެ ތިން ވޯޓު ބާތިލު ކުރުމުން، އެމްޑީޕީ ކެންޑީޑޭޓަށް ލިބުނު 121 ވޯޓު ބަދަލުވީ 118 ވޯޓަށެވެ. އެހެންކަމުން، 119 ވޯޓާއެކު އިންތިހާބު ކާމިޔާބުވާނީ ޕީއެންސީގެ ކެންޑީޑޭޓަށެވެ. ވޭވަށު ކައުންސިލްގެ ވޯޓާ ގުޅޭ މައްސަލައިގެ ހުކުމް ކުރުމުގެ ޝަރިއަތުގެ މަޖިލިސް މި މައްސަލަ ހައިކޯޓުގެ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމިއިރު، އޭގެ ތެރެއިން އެއް ފަނޑިޔާރަކީ ކުރިން ޕީއެންސީ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ވާދަކޮށް ނާކާމިޔާބުވީ ފަނޑިޔާރު އަބްދުއްރައޫފު އިބްރާހީމްއެވެ. ރައޫފު އަދި މައްސަލައިގެ ރިޔާސަތު ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ނިންމެނީ ތިން ވޯޓު ކަރުދާސް ބާތިލު ކަމަށް ކަނޑައަޅާށެވެ. ރައުޔު ތަފާތުވީ އިބްރާހީމް މާހިރު ވިދާޅުވީ ނަތީޖާއަށް ބަދަލު ގެންނާނެ ތަނެއް ނެތް ކަމަށެވެ. ވޭވަށު ވޯޓުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަނުން ވޭވަށުގެ ވޯޓު އަލުން ގުނާފައިވެއެވެ. އެއީ، ކޮމްޕްލަޔަންސް ބިއުރޯއަށް ހުށަހެޅުނު ޝަކުވާއަކާ ގުޅިގެންނެވެ. ވޯޓު އަލުން ގުނުމުން ކޮންމެ ކެންޑިޑޭޓަކަށް ލިބުނު ވޯޓުގެ އަދަދުން އެއް ވޯޓު މަދުވި ނަމަވެސް، މޮޅުވި ކެންޑިޑޭޓު އޭރު ބަދަލު ވެފައެއް ނުވެއެވެ. ހައިކޯޓުން މިއަދު ކުރި ހުކުމާއެކު، އިނދިކޮޅު އެމްޑީޕީއަށް އިންތިހާބުގައި ލިބިފައި އޮތް ވޭވަށު ކައުންސިލްގެ މެޖޯރިޓީ، ވެރިކަން ކުރާ ޕީއެންސީއަށް ފުރޮޅިގެންދާނެއެވެ. ވޭވަށު ކައުންސިލްގެ ރައީސްގެ ގޮނޑި އެމްޑީޕީން ނަގާފައިވާއިރު، އަންހެނުންނަށް ހާއްސަ ގޮނޑި ލިބިފައި އޮތީ ޕީއެންސީއަށެވެ. އަދި މިއަދުގެ ހުކުމާއެކު ކައުންސިލްގެ ދެން އިންނަ ގޮނޑި ޕީއެންސީއަށް ލިބުމުން ޖުމްލަ ތިން ގޮނޑިން ދެ ގޮނޑި ޕީއެންސީއަށް ލިބުނީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ