'ދައުރު'ގައި ޝާއިއުކުރި ލިޔުމަކާ ދެކޮޅަށް އަޒާން އަބުރުގެ ދައުވާ އުފުލައިފި

'ދައުރު'ގައި ޝާއިއު ކުރި ލިޔުމަކާ ގުޅިގެން ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާންގެ ފަރާތުން އެ އާޓިކަލް ލިޔުނު ދައުރުގެ އެޑިޓަރު މޫސާ ލަތީފާއި ދައުރު ހިންގާ 'ނެކްސްޓް މީޑިއާ ގްރޫޕް'އާ ދެކޮޅަށް އަބުރުގެ ދައުވާކޮށް އަބުރާ ބެހުމުގެ ބަދަލު ނަގައިދިނުމަށް ސިވިލް ކޯޓުގައި އެދެފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހަށް ވަޑައިގަތުމުގެ ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަޒާން މައްސަލަ ހުށަހެޅުއްވީ މިދިޔަ މަހުގެ 28ގައި 'އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ'، މި ސުރުހީގެ ދަށުން ޝާއިއުކޮށްފައިވާ ލިޔުމުގައި އަޒާންގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ބުނެ އޭގެ ގެެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި އެވެ.
ތަފްސީލް - އަޒާންގެ ފަރާތުން އެދިފައިވަނީ ދައުރުގައި ޝާއިއު ކުރި އެ ލިޔުމުން އޭނާގެ އަބުރަށް އަރައިގަނެފައިވާ ކަމަށް ކަނޑައަޅާ، އެ ލިޔުން ޑިލީޓު ކުރުމަށް ނުވަތަ އިސްލާހު ކުރުމަށް އަމުރު ކުރުމަށެވެ.
މީގެ އިތުރުން، އަބުރާ ބެހުމުގެ ގެއްލުމުގެ މައުނަވީ ބަދަލަކަށް 5،000ރ.، ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670ރ. އަދި މައްސަލައިގެ ރެޖިސްޓްރޭޝަން ފީ ނަގައިދިނުމަށް ވެސް އެދިފައިވެ އެވެ.
އަޒާންގެ އަބުރާ ބެހިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ބަލާ ނިމެންދެން، ދައުރުގައި ޝާއިއުކޮށްފައިވާ ލިޔުން 'ޑްރާފްޓް' ސްޓޭޓަސްއަށް ބަދަލުކޮށް، އާންމުނަށް އެ ލިޔުން ނުފެންނާނެހެން ހެދުމަށް އަމުރުކޮށްދިނުމަށް ވެސް ވަނީ އެދިފަ އެވެ.
ފާހަގަ ކުރެވޭ - ރައީސް މުހައްމަދު މުއިއްޒުގެ މައްޗަށް އަހުލާގީ ގޮތުން ދަށް އަމަލުތަކެއް ހިންގެވި ކަމަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީއެއްގެ މައްސަލާގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެ ނޫހުގެ މެނޭޖިން އެޑިޓަރު ހަސަން މުހައްމަދަށް ވަނީ ޖިނާއީ ދައުވާ އުފުލައިފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަން ކޯޓުން އަމުރުކޮށްފައިވަނިކޮށް، އެކަމާ ގުޅޭ ހަބަރެއް ގެނެސްދިން މައްސަލައަކާއި ރައީސްއާ އެކަމާ ބެހޭ ގޮތުން ސުވާލެއް ކުރި މައްސަލާގައި އަދަދު ނޫހުގެ ދެ ނޫސްވެރިއަކަށް އިއްޔެ ވަނީ ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ