ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ފުރަތަމަ ރަސްމީ ދަތުރުގައި އިންޑިއާއަށް ވަޑައިގެން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރު އިރުތިޝާމް އިއްޔެ އިންޑިއާއަށް ވަޑައިގަތީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރުގެ ދައުވަތަކަށެވެ.
އެނގުން މުހިއްމު - މީގެ ކުރިން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި އިރުތިޝާމް ފޮރިން މިނިސްޓަރަކަށް އައްޔަންކުރެއްވީ މިދިޔަ މަހު ކެބިނެޓަށް ގެންނެވި ބަދަލުތަކުގެ ތެރެއިން، އެ މަގާމުގައި ހުންނެވި ޑރ. އަބްދުﷲ ހަލީލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ތަފްސީލް - ފޮރިން މިނިސްޓްރީން ބުނީ އިރުތިޝާމް ޖައިޝަންކަރާ އެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ މަޝްވަރާކުރެއްވި ކަމަށެވެ.
މީގެ އިތުރުން، ރާއްޖޭގެ ތަރައްގީގައި އިންޑިއާގެ ދައުރު ފާހަގަކޮށް، އިގްތިސާދީ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވި ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ފާހަގަ ކުރެވޭ - ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިންޑިއާއިން ރާއްޖެއަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި ދިން 200 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ 50 މިލިއަން ޑޮލަރު މިދިޔަ ހޯމަ ދުވަހު ދައްކާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
އެސްބީއައި މެދުވެރިކޮށް ދޫކޮށްފައިވާ އެ 200 މިލިއަން ޑޮލަރުގެ ތެރެއިން ދެން ބާކީ އޮތީ 50 މިލިއަން ޑޮލަރެވެ. އެ އަދަދު ވެސް އަންނަ 17 ސެޕްޓެމްބަރުގައި ދައްކަން ޖެހޭނެ އެވެ.
މީގެ އިތުރުން، ރާއްޖެއިން އިންޑިއާގެ މަރުކަޒީ ބޭންކް، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި)ން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީ ދައްކަންޖެހޭ މުއްދަތު ތިން ވަނަ ފަހަރަށް އިތުރުނުވުމުން ދިވެހި ސަރުކާރުން އެ ފައިސާ ވަނީ މިދިޔަ މަހުގެ ފަހުކޮޅު ދައްކާފަ އެވެ. އެއާ އެކު، އިންޑިއާއިން ރާއްޖެއަށް ވަނީ 30 ބިލިއަން ރުފީސް (319 މިލިއަން ޑޮލަރު)ގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ދޫކޮށްފަ އެވެ.
އިރުތިޝާމް އާއި ޖައިޝަންކަރު ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ