އިރުތިޝާމާއި ޖައިޝަންކަރު ބައްދަލުކުރައްވައި، ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވައިފި

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް. ޖައިޝަންކަރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިނިސްޓަރު އިރުތިޝާމް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ޤައުމުގެ ވެރިރަށް ނިއުދިއްލީގައެވެ. މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމާ ބެހޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ. އަދި ދެ ފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން ދޭދޭ ގުޅުންތައް ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގެ އުންމީދު ދެ ވަޒީރުން ވެސް ވަނީ އައުކުރައްވާފައި ކަމަށް ބުންޏެވެ. މީގެއިތުރުން، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް އެއްބާރުލުން ފާހަގަކުރައްވައި، އިންޑިއާގެ ހިލޭ އެހީއާއި "ލައިން އޮފް ކްރެޑިޓް" ފެސިލިޓީގެ ދަށުން ރާއްޖޭގައި ކުރިއަށްދާ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތަކަށް ޓަކައި މިނިސްޓަރު އިރުތިޝާމް ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމަށްފަހު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިނިސްޓަރު އިރުތިޝާމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބައްދަލުވުމުން އުފާކުރައްވާ ކަމަށެވެ. https://x.com/DrSJaishankar/status/2054556038767235103 އަދި އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ރާއްޖެއަށް ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް އިންޑިއާއިން ދޭ އެއްބާރުލުން ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ޖައިޝަންކަރު ވަނީ ދެއްވާފައެވެ. މިނިސްޓަރު އިރުތިޝާމް އިންޑިއާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގެ ސަބަބުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަވަށްޓެރި ޤައުމުތަކާއެކު ބާއްވާ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ