މުއިއްޒަށް ގަޒްފު ކުރި ކަމަށް ބުނެ ވަކީލު އާސިފްގެ މައްޗަށް ވެސް ތަހުގީގެއް ހިންގަނީ

ރައީސް މުހައްމަދު މުއިއްޒަށް ގަޒްފު ކުރި ކަމަށް ބުނެ ވަލީކު އާދަމް އާސިފްގެ މައްޗަށް ފުލުހުން ތަހުގީގެއް ހިންގަން ފަށައިފި އެވެ. 
ބައެއް ނޫސްވެރިންނާއި ވަކީލުން އަދި އާންމުންނަށް ޓާގެޓުކޮށްގެން ސަރުކާރުން ތަހުގީގުތަކެއް ހިންގަން ފެށީ ރައީސް މުއިއްޒުއަށް ޖިންސީ ތުހުމަތުތަކެއް ކުރި ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއްގެ ބަސް ގެނެސް "އައިޝާ" ޑޮކިއުމެންޓަރީ މި ނޫހުން ޕަބްލިޝް ކުރި ފަހުންނެވެ. 
އާސިފް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ މާދަމާ ހެނދުނު 10:00 ޖަހާއިރަށެވެ. އޭނާ މުއިއްޒަށް ގަޒްފު ކުރީ އޭޕްރީލް 20، ގައި ކަމަށް ފުލުހުން ބުނެ އެވެ. 
އޭގެ ފަހުން ސަރުކާރުން ވަނީ މުއިއްޒު އަންގަވައިގެން އަދަދު ނޫހުގެ އޮފީހަށް ރެއިޑުކޮށް، ލެޕްޓޮޕްތައް ނަގައި، ސީއީއޯ ހުސެއިން ފިޔާޒް މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވަނީ ގަޒްފުކުރުމުގެ ދައުވާ އުފުލައިފަ އެވެ. 
ސިއްރުން ކުރިއަށް ގެންދާ އެ މައްސަލައިގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފަ އެވެ. މިއަދު ބޭއްވީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމެވެ. 
ޑޮކިއުމެންޓަރީގެ މައްސަލަ ބޮޑުވެގެން ކްރިމިނަލް ކޯޓުން ވަނީ އެ ޑޮކިއުމެންޓަރީ އާއި ޑޮކިއުމެންޓަރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާކޮށް އަދި ނުސީދާކޮށް ވެސް ނުދެއްކުމަށް ހުރިހާ ރައްޔިތުންނަށް އަންގައިފަ އެވެ. 
އޭގެ ފަހުން، މުއިއްޒަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން މި ނޫހުގެ މުހައްމަދު ޝަހުޒާން ވަނީ އިއްޔެ 15 ދުވަހަށް ޖަލަށް ލައިފަ އެވެ. އަދި ކޯޓު އަމުރުގެ ހަބަރު ލިޔުނު މި ނޫހުގެ ލީވާން އަލީ ނާސިރު ވެސް ވަނީ 10 ދުވަހަށް ޖަލަށް ލައިފަ އެވެ. 
އެ ޑޮކިއުުމެންޓްރީގައި އިންޓަވިއުދިން އަންހެން މީހާ ވަނީ މުއިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފަ އެވެ. އެ ގޮތުން، ކައިވެނިން ބޭރުން މުއިއްޒު ގުޅުމެއް ބޭއްވި ކަމަށާއި އޭނާއަށް މުއިއްޒު ޖިންސީ ފުރައްސާރަ ކުރި ކަމަށް ވެސް އޭނާ ތުހުމަތު ކޮށްފައިވެ އެވެ.
އެ ޑޮކިއުމެންޓްރީ އާންމުކުރުމުގެ ކުރިން ސަރުކާރުގެ ތަރުޖަމާނާ އެ ތުހުމަތުތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އެ ޑޮކިއުމެންޓްރީގައި އެ ޖަވާބު ވެސް ހިމަނާފައިވާނެ އެވެ. 
އަދަދު ނޫހުގެ ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުން ގެނެސްދިން އެ ވީޑިއޯގައި އެ މުވައްޒަފުގެ އަސްލު ނަން ވަނީ ސިއްރުކޮށްފަ އެވެ.
"ރައީސްގެ ކެބިން ތެރޭގަ އިންނާނެ ދެ ސޯފާ. އެލްއެއް ގޮތަށް. ހުންނައިރުގަ މިހެން ދިގުކޮށް ހުންނަ ސޯފާގައި އަޅުގަނޑާ ރައީސްއާ ދެމީހުން އެންމެ ގިނައިން ފިސިކަލްކޮށް [އުޅުނީ]. ދެން ރައީސްގެ މެއިން ޓޭބަލް، ވަށްކޮށް ހުންނަ ޓޭބަލް. ދެން އެ ޓޭބަލް މަތީގައި އަޅުގަނޑު ރައީސްއާއެކު ފިސިކަލްކޮށް އުޅުނީ," އެ ޑޮކިއުމަންޓްރީގައި އޭނާ ކިޔައިދީފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ