ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން ވިދާޅުވީ، މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ ސެގްމަންޓް 2، 3 އަދި 4 ގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. މިގޮތުން ޝީޓް ޕައިލް ޖެހުމުގެ މަސައްކަތުގެ 63 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، މިއީ ޖުމްލަ 330 މީޓަރުގެ ސަރަހައްދެއް ކަމަށް ވިދާޅުވިއެވެ.
މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ނަރުދަމާ ނިޒާމު އިތުރަށް ފުރިހަމަ ކުރުމާއި، ފެނާއި ނަރުދަމާގެ މައި ހޮޅިތައް އެޅުމާއި، ފެން ހިންދާ ކެޗްޕިޓްތަކާއި ވަޅުތައް ހެދުމުގެ އިތުރުން، އެންކަރ ބްލޮކްތަކާއި، ކީވޯލް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މިގޮތުން ކީވޯލް ކެޕިންގ ކޮންކްރީޓް އެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، މިއީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތަށް މަގުފަހިވެގެންދާނެ މުހިންމު މަސައްްކަތެއް ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، މަގު ޒީނަތްތެރި ކުރުމުގެ ގޮތުން ސެގްމަންޓް 5ގައި ގަސް އިންދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރަމުންދާއިރު، އެ މަގުގެ ފަރުމާއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ޒަމާނީ ބަދަލުތަކާއެކު ތާރުއަޅާ މަގު ތަރައްޤީ ކުރާއިރު، އެންމެ ބޮޑު އެއް ފަސޭހައަކަށްވަނީ މަގު އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމެވެ. އައު ފަރުމާގެ ދަށުން މަގުން ގާތްގަނޑަކަށް 6 މީޓަރު ބޭރަށް ޖައްސާ މަގު ފުޅާކުރާނެއެވެ.
މިހާތަނަށް އެ މަސައްކަތް ނިންމި، އިއްޒުއްދީނު ފާލަމުން ފެށިގެން ނޯތު ހަބަރާ ހަމައަށް އޮންނަ ސަރަޙައްދަށް ބަލާލާއިރުވެސް މި ލުއިފަސޭހަކަން ވަރަށް ބޮޑަށް ލިބިފައިވެއެވެ. ފެރީ ލޯންޗުތަކާއި، މުދާ އުފުލާ ބޮޑެތި ބޯޓުފަހަރާއި، މަސް ދޯނިތައް އަޅައި ޚިދުމަތްދޭ ސަރަހައްދުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، ޓްރެފިކް ތޮއްޖެހުން ކުޑަވެ، މަގުގައި ދުއްވާ މީހުންނަށްވެސް އޭގެ ލުއިފަސޭހަކަން ވަނީ ލިބިފައެވެ.
ފަހަރަކު ބައެއް ހިމެނޭހެން މަގު ބަންދުކޮށް، ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އެ ސަރަހައްދަށް އެންމެ ބޮޑު ބަދަލެއް އަންނާނީ، މަގުގެ ތިންވަނަ ސެގްމަންޓަށެވެ. އެ ސަރަޙައްދުގައި މަގުން ބޭރަށް ބައެއް ހިއްކާ ބޮޑު ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. އެތަނުގައި 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނެއް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޕާކިން ޒޯނަށް ބަނދަރުގެ ތެރެއިން ގާތްގަނޑަކަށް 98 މީޓަރު ދިގު، 28 މީޓަރު ފުޅާ ސަރަހައްދެއް ވަނީ ހިއްކާފައެވެ.
ބޮޑުތަކުރުފާނު މަގު: ފެނާއި ނަރުދަމާ ހޮޅިތައް އެޅުމުގެ މަސައްކަތް ކުރިއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ